ލާމަރުކަޒީ ކުރިކަމުގައި ވިޔަސް ކައުންސިލަރުން ދަނީ މަހަށް ކަމަށާއި، މަސައްކަތް ކުރަށްވަމުން ގެންދަވަނީ ކޮންމެ ކައުންސިލަކަށް ފާރަވެރިވާނެ މީހަކު ތައްޔާރު ކުރުމަށް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ކަނޑައަޅާފައިވާ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން، ބަޖެޓު ކޮމެޓީގައި ވާހަކަފުޅު ދައްވަމުން ކޮމިޝަނަރު ފިޔާޒް ވިދާޅުވީ ކޯވިޑާއި ގުޅިގެން ބަޖެޓް ކުޑަކޮށްފައިވާ ކަން އެނގި ވަޑައިގެންނަވާ ކަމަށެވެ. އަދި މިދިޔަ އަހަރު ލިބުނު ބަޖެޓް ރަނގަޅު ކަމަށާއި، މިފަހަރު ނޭވާ ލާނެ ވަރުވެސް ނެތް ބަޖެޓްގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
''އަޅުގަނޑުގެ ރިކުއެސްޓަކީ ތިބޭފުޅުން އެހެން މުއައްސަސާއަކަށް ބަޖެޓު ބޮޑުކޮށްދޭ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ވެސް ބޮޑުކޮށް ދިނުން، އެއީ މިހާރު އަޅުގަނޑުމެންނަށް ފިނޭންސް މިނިސްޓްރީއިން ދިނީ 4 މިލިއަން ރުފިޔާގެ ސީލިންއެއް، އެއަށް ފެއްތުމަށްޓަކައި ކޮރޯނާއަށް ފެއްތުމަށްޓަކައި މުވައްޒަފުން ނުނަގާތިއްބާ ކޮރޯނާ ލައްވާލީ، ލައްވާލީމަ މުވައްޒަފުންނެއް ނުއެއް ނެގޭ، ސީިލިންއަށް ފެއްތުމަށްޓަކައި އޮނިގަނޑުން 2 މުވައްޒަފަކު ބާކީ ކޮށްފިން، ކަރަންޓް، ފެން، އޮފީސް ހިންގުމުގެ ޚަރަދު ޝައްކުވާ މިންވަރަށް ކުޑަކޮށްފަ އެހެރީ،''
ފިޔާޒް ވިދާޅުވިއެވެ.
ފިޔާޒު ވިދާޅުވީ އެވާހަކަ ހިއްސާ ކުރައްވަނީ ރައްޔިތުންގެ މަންދޫބުންނަށް އެކަން އެނގެން ޖެހޭތީ ކަމަށެވެ. އަދި އެ އޮފީހާއިމެދު މެންބަރުންގެ ޚިޔާލު އެކިގޮތަށް ހުރެދާނެ ކަމަށާއި، އެކަމަކު ރަނގަޅު ބަޖެޓެއް ލިބިގެން މަސައްކަތް ކުރެވިއްޖެއްޔާ ދައުލަތުގެ ޚަރަދު ކުޑަވެގެން ދާނެ ކަމަށް ފިޔާޒު ވިދާޅުވިއެވެ.
މިގޮތުން ކޮރަޕްޝަން ހުއްޓި، ދައުލަތުން ފައިސާ ގެއްލުން ހުއްޓޭނެ ކަމަށާއި، އަދި ހިންގުން ހަރުދަނާވެ، ލިޔެކިޔުންތައް ބެލެހެއްޓުން ހަރުދަނާވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
''އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ ކޮންމެ ކައުންސިލަކަށް ފާރަވެރިވާނެ މީހަކު ތައްޔާރު ކުރުމަށް، ލާމަރުކަޒީ ކުރިކަމުގައި ވިޔަސް ކައުންސިލަރުން މަހަށް ދަނީ، ހާމަކުރަންޖެހޭ މަޢުލޫމާތުތަކެއް، ބައްދަލުވުންތަކެއް ރައްޔިތުންނަކަށް ނޭނގޭ، އެހެންވީމާ އަޅުގަނޑު މިމަހު މިފަށަނީ، މިހޯލި، މިކަމަށް ފާރަވެރިވާނެ އާރުކާޓީއެއް، އެކްޓިވިސްޓުން، ދިވެހިބަނުން ބުންނަންޏާ މަހޯލި ހަރަކާތްތެރިން އުފެއްދުމުގެ ތަމްރީނު ޕްރޮގްރާމެއް، މިހާތަނަށް 50 މީހުން ބައިވެރިވެފައި، އަމާޒަކީ ރަށަކަށް މީހަކު އުފެއްދުން، އޭރުން ކަރަޕްޝަން ވަރަށް ބޮޑަށް މަދުވެގެން ދާނެ''
ފިޔާޒު ވިދާޅުވިއެވެ.
ފިޔާޒު ވިދާޅުވީ އަމާޒަކީ ޚަރަދު ކުޑަކޮށްގެން އިދާރާ ހިންގުން ކަމަށެވެ. އަދި އޮފީސް ހިންގަނީ ''ނޭވާ ނުލާ'' ކަމަށާއި، އެވާހަކަ ދެއްނެވީ ބަޖެޓް ބޮޑު ކުރުމުގެ ނިޔަތެއްގައި ނޫން ކަމަށެވެ. އެދިވަޑައިގަންނަވަނީ އެހެން މުއައްސަސާއަކަށް ވެސް ބަޖެޓް ބޮޑުކޮށްދޭނަމަ އެ އުސޫލުން، އެ ރޭޝިއޯއަކުން އެކަން ކޮށްދޭން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ކަނޑައަޅާފައިވާ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން، ބަޖެޓު ކޮމެޓީގައި ވާހަކަފުޅު ދައްވަމުން ކޮމިޝަނަރު ފިޔާޒް ވަނީ އަހަރެއްތެރޭ ހަސަތޭކަ ވަރަކަށް ރިޕޯޓް ލިބެންޖެހޭއިރު ވޭތުވި 5 އަހަރުގެ ތެރޭގައި ކޮމިޝަނަށް ލިބުނީ 701 ރިޕޯޓު ކަމަށް ވިދާޅުވެފައެވެ. އޭނާ އެ މަޤާމަށް ވަޑައިގެން މަސައްކަތް ކުރަށްވައިގެން 2019 ވަނަ އަހަރު، 530 ރިޕޯޓް ހޯއްދެވި ކމަށާއި، 37 މައްސަލައެއް ކޮމިޝަނަށް ހުށަހެޅުނުކަމަށް ވިދާޅުވިއެވެ. އަދި އެވްރެޖްކޮށް 19 ދުވަހުން މައްސަލައެއް ނިންމަވާ ކަމަށް ވެސް ވިދާޅުވިއެވެ.
ބަޖެޓް ކޮމެޓީގައި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތް ހިނގަމުންދާއިރު، އެ ކޮމެޓީން ވަނީ ބަޖެޓު ދިރާސާކޮށް، މި މަހުގެ 19 ވާ ބުރާސްފަތި ދުވަހު ރިޕޯޓު ނިންމަން ކޮމެޓީން މިއަދު ފާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!