މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މިލަންދޫއިން 2 މީހަކު ހައްޔަރުކޮށްފިއެވެ.
މިލަންދޫއިން ހައްޔަރުކޮށްފައިވަނީ މާލެއިން މިލަންދުއަށްދާ ދެ މީހަކު އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އާންމުފަރާތަކުން މިލަންދޫ ޕޮލިސް ސްޓޭޝަނަށް ދިން މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައިކމަށް ފުލުހުންވަނީ ބުނެފައެވެ.
ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި، އެރަށު ބަނދަރުމަތިން އެ ދެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއި، ބަނގުރާ ފުޅިއެއް ފެނިފައިވާކަމަށް މިކަމާއި ގުޅޭގޮތުން ފުލުހުން ދެންނެވިއެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާއިމެދު މިލަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު 26 އަހަރުގެ މީހާއަށް ޖަހާފައިވެއެވެ. އަދި ހަމަ މި އުސޫލުގެ ދަށުން 28 އަހަރުގެ މީހާވެސް ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ.
ފުލުހުން ރާއްޖޭގެ އަތޮޅުތަކުގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ މި އޮޕަރޭޝަންތަކުގައި އިއްޔެވަނީ ރާއްޖޭގެ އިތުރު ސަރަހައްދަކުންވެސް މީހަކު ހައްޔަރު ކޮށްފައެވެ. އެއީ އދ.މާމިގިލިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!