ށ.ފޭދޫ ނާރެސް، އަހްމަދު ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީވުމަށް ށ. ކޮމަންޑޫ ކައުންސިލުން، އެރަށުގެ ތިން ސަރަހައްދެއްގައި ފަންޑު ފޮށި ބަހައްޓައިފިއެވެ.
ކޮމަންޑޫ ކައުންސިލުން މިއަދު އެ އިދާރާގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކޮމަންޑޫ ރައްޔިތުންގެ ފަރާތުން ސާމީއަށް އެހީވުމަށްޓަކައި އެރަށުގެ 3 ސަރަހައްދެއްގައި ފަންޑުފޮށި ބެހެއްޓިފައިވާނެ ކަމަށެވެ.
އެ ތަންތަނަކީ އެރަށު ސިއްޙީ މަރުކަޒާއި، އެރަށު މިސްކިތެއް ކަމަށްވާ މަސްޖިދުއް ރަޙީމްގަޔާއި އަދި ކޮމަންޑޫ ކައުންސިލް އިދާރާގައި ކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ. އަދި މި ފަންޑު ފޮށްޓަށް ރަށުގެ ކޮންމެ ފަރާތަކުންވެސް އެމީހަކަށް ވެވުނު އެހީއެއް ފޯރުކޮށްދިނުމަށް އެކައުންސިލުން އެދިފައިވެއެވެ.
ސާމީއަކީ ދެމަފިރިއަކަށް ލިބުނު ދެ ކުދިންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރި ހަމަ އެކަނި ދަރިފުޅެވެ. 2018 ވަނަ އަހަރު އިންޑިޔާއަށް ގޮސް ހެދި މެޑިކަލް ޗެކަޕުން ވަނީ ސާމީގެ ދެ ކިޑްނީގެ މަސައްކަތް ދަށަށް ގޮސްފައިވާކަން އެނގިފައެވެ. ސާމީބުނާގޮތުން އެ ދުވަހުން ފެށިގެން ކިޑްނީ ބަލީގެ ވޭން ތަޙައްމަލު ކުރަންޖެހޭނީ ކިހާ ދުވަހެއް ވަންދެންތޯ ވިސްނަން ފެށުނެވެ. އަދި ޔަޤީންވެގެން ދިޔައީ ކޮންމެވެސް ދުވަހަކުން ކިޑްނީ ޓްރާސްޕްލާންޓު ކުރަންޖެހޭނެ ކަމެވެ. އޭރު ސާމީގެ އުމުރުން އެންމެ 25 އަހަރެވެ.
މި ބައްޔަށް ފަރުވާ ކުރަމުން އަންނަތާ މިހާރު 2 އަހަރުވެފައިވީ ނަމަވެސް، މި އަހަރުގެ އޮކްޓޯބަރ މަހު ހެދި ޓެސްޓްތަކުން އެނގި ކަށަވަރުވެގެން ގޮސްފައިވަނީ އޭނާގެ ދެ ކިޑްނީގެ ހާލަތުވެސް އިތުރަށް ދަށްވެފައިވާކަމެވެ.
ކަންކަން މިހެން ދިމާވުމާއި ގުޅިގެން ޑޮކްޓަރުން އިރުޝާދު ދެއްވާފައިވަނީ ކޮންމެ ވަގުތަކުގައި ވެސް ޑަޔަލެސިސް ހަދަން ޖެހިދާނެ ކަމަށެވެ. ދެން އޮތް ފަރުވާއަކީ ކިޑްނީ ޓްރާންސްޕްލާންޓް ހެދުންކަމަށެވެ.
މަޔަކާއި ބަފައެއްގެ ހުރި ހަމައެކަނި ދަރިފުޅު ސަލާމަތް ކުރުމަށް ޓަކައި އެ މައިންބަފައިން ކިތަންމެ ބޮޑު ޤުރުބާނީ އެއްވެސް ވެދާނެއެވެ. ފެންނަމުންދާ ހަޤީޤަތްތައް މިކަމަށް ހެކިދެއެވެ. ސާމީގެ މައިންބަފައިން ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ކިޑްނީ ހަދިޔާ ކުރުމަށް ތައްޔާރުވެފައިވާނަމަވެސް އެކަމަށް ހުރަސް އަޅަމުންދަނީ އެ ކުޑަކުޑަ އާއިލާގެ މާލީ ހާލަތެވެ.
ސާމީ އަށް އެހީވުމަށްޓަކާ އަތޮޅުގެ ގިނަ ރަށްތަކަކުން އަންނަނީ ގިނަގުނަ އެހީތައް ފޯރުކޮށްދެމުންނެވެ. އެގޮތުން ދާދިފަހުން ށ.ފޭދޫ ކައުންސިލުންވެސް ވަނީ އެ އިދާރާގައި މަސައްކަތް ކުރަމުންދާ އެންމެހާ މުވައްޒަފުންގެ އެއްދުވަހު މުސާރަ، ސާމީގެ އާއިލާއަށް ހަދިޔާ ކޮށްފައެވެ.
އަޙްމަދު ސާމީއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި، ސާމީ ތިޔަ އެންމެހާ ފަރާތްތަކެއްގެ ކިބައިން އާދޭހާއި އެކު އެދެނީ ވެވެން އޮތް މިންވަރަކުން އެހީތެރިކަމެއް ފޯރުކޮށްދިނުމަށެވެ. ހެޔޮދުޢާ ކޮށްދިނުމަށެވެ.
އަޙްމަދު ސާމީގެ ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް:
ބީއެމްއެލް އެކައުންޓު ނަންބަރު :
7724533055001 MVR އަޙްމަދު ސާމީ
7730000204472 USD އަޙްމަދު ސާމީ
ފޯނު ނަންބަރު:
އަޙްމަދު ސާމީ 9143010
ރަޝާދު ސަޢީދު- ބައްޕަ 7938422
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!