ހޯރަފުށީގެ ލޭންޑްޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ގޮތަށް ހޯރަފުށީ އެއާރޕޯޓުން ފެށިގެން ރަށުގެ އިރު ދެކުނު ސަރަޙައްދުގައި އަމިއްލަ ޚަރަދުގައި ބިން ހިއްކައިގެން އޮޑި ދޯނިފަހަރު އެހެލާ ސަރަޙައްދަކާއި އަދި ސްލިޕްވޭއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކޮށްފިއެވެ.
އެކަމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައި، ހޯރަފުށީ ކައުންސިލުންކުރި އިޢުލާނުގައި ވަނީ، އެ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އެމަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން މިމަހުގެ 16 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި އެ ކައުންސިލްގެ އިދާރާގައި އޮންނާނެ ކަމަށެވެ.
މި މަސައްކަތައް ޕްރޮޕޯސަލް ހުށައެޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފައިވަނީ މިމަހުގެ 23 ވާ ބުދަ ދުވަހުގެ 11:00 އަށެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށައެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ މި ދެންނެވި ދުވަސްތަކުގައި އެރަށު ކައުންސިލް އިދާރާގައެވެ.
ހޯރަފުށީގައި އޮޑި ދޯނިފަހަރު އެހެލާ ސަރަޙައްދަކާއި އަދި ސްލިޕްވޭއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފައިވާއިރު އިއްޔެގެ ވަގުތެއްގައި ވަނީ އެރަށުގެ ތާރީޙް ރަމްޒުކޮށްދޭނެ މޮނިއުމަންޓެއް ފަރުމާކޮށް އަމިއްލަ ޙަރަދުގައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށްވެސް އިޢުލާނުކޮށްފައެވެ.
ހަމައެހެންމެ އެރަށުގައި މިހާރު ތަރައްޤީ ކުރަމުން އަންނަ އެއާރޕޯރޓްގެ މަސައްކަތްވެސް މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމާ މިމަހުގެ 11 ގައި އެތަން ހުޅުވުމަށް އެމްޓީސީސީގެ ފަރާތުން އަންނަނީ ތައްޔާރުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!