ހއ. ހޯރަފުށީގެ ތާރީޚު ރަމްޒުކޮށްދޭ މޮނިއުމަންޓެއް ފަރުމާކޮށް އަމިއްލަތަކެތީގައި ހަދައިދިދޭނެ ފަރާތެއް ހޯދުމަށް ހޯރަފުށީ ކައުންސިލުން އިޢުލާނު ކޮށްފިއެވެ.
އެކަމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައި، ހޯރަފުށީ ކައުންސިލުންކުރި އިޢުލާނުގައި ވަނީ، އެ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އެމަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން މިމަހުގެ 10 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އެ ކައުންސިލްގެ އިދާރާގައި އޮންނާނެ ކަމަށެވެ.
މި މަސައްކަތައް އަންދާސީ ހިސާބު ހުށައެޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފައިވަނީ މިމަހުގެ 18 ވާ ބުދަ ދުވަހުގެ 11:00 އަށެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށައެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ މި ދެންނެވި ދުވަސްތަކުގައި އެރަށު ކައުންސިލް އިދާރާގައެވެ.
މި މަސައްކަތަށް އަގު ހުށަހަޅާ ފޯމާއި ޙަވާލުވުމަށާއި މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، މިކަމަށް އެދޭ ފަރާތުގެ ސިޓީއެއް، އެފަރާތުގެ ނަމާއި އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑުގެ ނަންބަރު ހިމެނޭނެހެން އެ އިދާރާއަށް ހުށައެޅުމަށް އެ އިދާރާއިން އެދެއެވެ. އަދި މި މަސައްކަތުގެ އަގު ހުށަހެޅޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކަށް ކަމުގައިވެސް އެ އިދާރާއިން އިތުރަށް ބުނެފައިވެއެވެ.
ހޯރަފުށީގެ ތާރީޚު ރަމްޒުކޮށްދޭ މޮނިއުމަންޓެއް ހެދުމަށް ހޯރަފުށީ ކައުންސިލުން ޢިއުލާންކޮށްފައިވާއިރު، އެރަށުގައި ތަރައްގީ ކުރަމުންދާ ވައިގެ ބަނދަރު މި މަހުގެ އެގާރާގައި ރަސްމީކޮށް ހުޅުވުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި އެ މަސައްކަތް މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެ މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފަ އެވެ.
ހޯރަފުށި އެއާޕޯޓަކީ އެއްވެސް ހުއްޓުމެއް ނެތި އެމްޓީސީސީން މަސައްކަތްތައް ކުރިއަށް ގެންދާ ފުރަތަމަ އެއާޕޯޓެވެ. އެ އެއާޕޯޓުގެ ރަންވޭއަކީ، 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެކެވެ.
ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!