އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން 2011 ވަނަ އަހަރު ހދ.ނޮޅިވަރަންފަރަށް ބަދަލުކުރި އާއިލާ ތަކުގެ ތެރެއިން ގެދޮރު ނުލިބޭ ފަރާތްތަކަށް އަންނަ ޑިސެންބަރު މަހު ގެ ދޫކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް ހައުސިންގް އިންފްރާސްޓަރަކްޗާރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވެފައިވަނީ އިއްޔެ ކުރިއަށްދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ކުރެއްވި ސުވާލުތަކަކަށް ޖަވާބުދެއްވަމުންނެވެ.
މޮސްޓާ ވަނީ ނޮޅިވަރަންފަރަށް ބަދަލުކުރި އާއިލާތަކަށް އެރަށުގައި އަޅާ 60 ހައުސިން ޔުނިޓާއި އިތުރަށް އެރަށުގައި ކުރިއަށް ގެންދާ 100 ހައުސިން ޔުނިޓުގެ މަސައްކަތް ނުނިމި ލަސްވަމުންދާތީ އެކަމާ ގުޅޭގޮތުން މިނިސްޓަރަށް ސުވާލުކުރަށްވާފައެވެ.
މި ސުވާލްތަކަށް ޖަވާބުދެއްވަމުން ހައުސިންގް މިނިސްޓަރ ވިދާޅުވެފައިވަނީ، އެރަށުގައި އަޅަމުންދާ 160 ހައުސިންގް ޔުނިޓްގެ ތެރެއިން ބަދަލުކުރި ރަށްރަށުގެ އާއިލާތަކަށް ހާއްސަކޮށްފައިވާ 52 ގެއެއްގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާކަމަށެވެ. އަދި މި ގެތަކުގެ މަސައްކަތްތަށް އަންނަމަހުގެ ނިޔަލަށް އެއްކޮށް ނިންމާ އަންނަމަހުގެ ކުރީކޮޅު މިގެތައް އެފަރާތްތަކަށް ހަވާލުކުރެވޭނެކަމަަށެވެ.
"2011 ވަނަ އަހަރު އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ހދ.ފަރިދޫ ، ހދ.ކުނބުރުދޫ އަދި ހދ. މާވައިދޫ އިން ހދ.ނޮޅިވަރަންފަރަށް ބަދަލުކުރެވިފައިވާ އާއިލާތަކުގެ ތެރެއިން ބޯހިޔާވަހިކަން ހަމަޖެހިފައި ނުވާ 52 އާއިލާއަށް ނޮޅިވަރަންފަރުގައި އިމާރާތް ކުރެވެމުންދާ ހައުސިންގް ޔުނިޓްތައް މިއަހަރުގެ ޑިސެންބަރުމަހުގެ ކުރީކޮޅު އެފަރާތްތަކަށް ހަވާލުކުރެވޭނެ."
މިނިސްޓްރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ހުއްޓިފައިވާ 100 ހައުސިންގް ޔުނިޓްގެ މަސައްކަތްވެސް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި ފެށިގެންދާނޭކަމަވެސް މިނިސްޓަރ ދެންނެވިއެވެ.
ނޮޅިވަރަންފަރަށް ދިރިއުޅުން ބަދަލުކުރި އާއިލާތަކުގެ ތެރެއިން ބޯހިޔާވަހިކަން ސަރުކާރުން ހަމަޖައްސައި ނުދެއްވާ އާއިލާތަކުން މިއަދާއި ހަމައަށްވެސް އުޅެމުންދަނީ އެފަރާތްތަކުން އަމިއްލައަށް ހަމަޖައްސާފައި ހުރި ގެތަކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!