ފަޅުރަށްރަށުން ރުއްގަސް ކަނޑައިގެން ށ. ކޮމަންޑޫއަށް ނުގެނައުމަށް ކޮމަންޑޫ ކައުންސިލުން އެދެފި އެވެ.
އެކައުންސިލުން މިއަދު ނެރުނު އިޢުލާނެއްގަ އެދިފައިވަނީ، ފަޅުރަށްތަކުން ރޯކުރެދި، ރުއް، ފުނަ، ކާނި ފަދަ ގަސްތައް ހުއްދައަކާއި ނުލާ ކަނޑައިގެން ކޮމަންޑޫއަށް އެތެރެ ނުކުރުމަށެވެ.
އެއްވެސް ފަރާތެއްގެ ހުއްދައަކާއި ނުލާ އެކި ބޭނުމުގައި ކައިރި ފަޅު ރަށްރަށުން ގެނައުން އާންމު ކަމަކަށް ވެފައިވާކަމަށް އެކައުންސިލުން ވަނީ ބުނެފަ އެވެ. މިކަމުގެ މަޢުލޫމާތު، އެ އިދާރާއަށް އެކި ފަރާތްތަކުން ހިއްސާކުރަމުން ދާކަމަށް ބުނެފައި ވެއެވެ.
އެކައުންސިލުން އިތުރަށް ބުނެފައިވަނީ، އެކި ބޭނުންތަކުގައި ގަސް ގެންނަން ބޭނުންފުޅުވާ ފަރާތްތަކުން "ދިވެހިރާއްޖޭގެ ފަޅުރަށްރަށާއިބެހޭ ޤަވާއިދުގެ" 17 ވަނަ މާއްދާގައި ވާގޮތުގެ މަތިން، މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން އެކަމުގެ ހުއްދަ ހޯދުމަށެވެ.
އެ ނޫން ގޮތަކަށް މިކަން ކުރުމީ ޤާނޫނީ ގޮތުން ކަނޑައެޅިގެން މަނާ ކަމެއްކަން މިއިޢުލާނުގައި ވަނީ އެރަށު ރައްޔިތުންނަށް ހަނދާންކޮށްދީފަ އެވެ.
ގަވާއިދާއި ހިލާފަށް ފަޅުރަށްތަކުން ގަސް ކެނޑުމާއި ވެލި ނެގުމުގެ މައްސަލަތަކަކީ ބައެއް ހިސާބުތަކުގައި އާންމުވެފައިވާ ކަމެކެވެ. މިފަދަ މައްސަލަތަކުގައި ބައެއްފަހަރު ފިޔަވަޅުއަޅާ ޖޫރިމަނާކޮށްފައިވާއިރު ބައެއް ރަށްރަށުގައި މިއީ އަޅާނުލެވި ދޫކޮށްލެވިފައިވާ ކަންކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!