ށ. ނަރުދޫގެ ގިނަ ދަނޑުބިން ތަކަކަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދިނުމާއި ގުޅިގެން، ދަނޑުވެރިންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް ގޮވާލައި، އެރަށުގެ ދަނޑުވެރިން މިއަދުގެ ހަވީރު ސުލްޙަވެރި މުޒާހަރާއެއް ކޮށްފިއެވެ.

މިއަދު ހަވީރު 4:00 އިން ފެށިގެން ގަޑިއިރެއްހާއިރަށް ދެމިގެން ދިޔަ މި މުޒާހަރާގައި ވަނީ އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި، އެރަށުގެ ކައުންސިލުން ވެސް ބައިވެރިވެފައެވެ.

Ad
rt

ނަރުދޫގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ މި ސުލްހަވެރި އިހުތިޖާޖަކީ މީގެ އެއްދުވަސްކުރިން އެރަށު ދަނޑުވެރިންތަކެއްގެ ދަނޑުބިންތަކަކަށް އެރަށުގެ ބަޔަކު ދިން ގެއްލުމަކާއި ގުޅިގެން މިކަމަށް އިންސާފު ހޯދުމަށް ކުރިއަށް ގެންދެވުނު އިހުތިޖާޖެކެވެ.

ނަރުދޫގެ ދަނޑުވެރިން މިއަދު އެރަށުގައި ކުރިއަށް ގެންދިޔަ މި މުޒާހަރާގައި އެފަރާތްތަކުން ވަނީ އެފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކޮށްދިނުމަށް އެދި ގޮވާލާފައެވެ. އަދި އަނިޔާ ނުކުރުމަށާއި އެފަރާތްތަކުން ހައްދާ ތަކެއްޗަށް ގެއްލުން ނުދިނުމަށާއި، އެފަރާތްތަކަށް ހިމާޔަތް ދިނުމަށް އެދި އެ މުޒާހަރާގައި ގޮވާލިއެވެ.

އަދި އެފަރާތްތަކަށް އެކި ގޮތްގޮތުން އިންޒާރުދީ އެފަރާތްތަކުގެ މުދަލަށް ގެއްލުންދޭ ފަރާތްތަށް ހޯދާ އެފަރާތްތަކަށް ހައްޤު އަދަބު ދިނުމަށްވެސް ގޮވާލިއެވެ.

މިއަދުގެ މުޒާހަރާގެ ތެރެއިން، ފޮޓޯ: ށަވިޔަނި ނަރުދޫ ފޭސްބުކް ޕޭޖް

މިއަދު ކުރިއަށްގެންދިޔަ މުޒާހަރާގައި އެއްވެސްކަހަލަ ބޭއަދަބީ އަމަލެއް އަދި ހަމަނުޖެހުމެއް ހިނގާފައިނުވާކަމަށް އެރަށުގެ ކައުންސިލްގެ މެންބަރު މުޙައްމަދު ނިޒާރު ''ތިލަދުން''އަށް މަޢުލޫމާތު ދެއްވިއެވެ.

މިދިޔަ ހޮނިހިރު އެރަށުގެ ދަނޑުވެރިންގެ ދަނޑުތަކަކަށް ދިން ގެއްލުން އެރަށު ކައުންސިލުން ވަރަށް ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށާއި އެކަން ކުރި ފަރާތްތައް ހޯދާ ދެނެގަތުމުގެ މަސައްކަތް ފުލުހުން ބާރު ސްޕީޑްގައި ކުރަމުންދާ ކަމަށް ވެސް ނިޒާރު ވިދާޅު ވިއެވެ.

މުޒާހަރާގެ ބައިވެރިއެއް

ނަރުދޫގެ ގިނަ ދަނޑުބިން ތަކަކަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދިނުމާއި ގުޅިގެން ނަރުދޫ ކައުންސިލުން މިކަމުގެ މަޢުލޫމާތު "ތިލަދުން" އާއި ހިއްސާކުރަމުން މިދިޔަ ހޮނިހިރު ދުވަހު ބުނެފައިވަނީ އެރަށުގެ ދަނޑުބިން ތަކަށް ގެއްލުންތަކެއް ދީފައިވާކަމުގެ ރިޕޯރޓް އެންމެ ފުރަތަމަ އެރަށުގެ ކައުންސިލަށް ލިބިފައިވަނީ އެރޭގެ ފަތިހު 5:30 ގައި ކަމަށެވެ. އަދި މި މަޢުލޫމާތު ކައުންސިލަށް ލިބި މާ ގިނައިރުތަކެއްނުވެ ފުލުހުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

https://thiladhun.wonstasite.com/46257

އެރަށުގެ ކައުންސިލްގެ ރައީސް އަޙްމަދު އާރިފް ވިދާޅުވީ އެ ރަށުގެ ވަރަށް ގިނަ ދަނޑުތަކެއް އެއްކޮށް ކޮށާލާފައިވާކަމެވެ. އަދި މި ދަނޑުތަކަކީ ވަރަށް ރީތިކޮށް ގަސްތައް ހެދި މޭވާއަޅާ އެތަކެތި ބާޒާރަށް ނެރުމަށް ތައްޔާރުވަމުން އައި ދަނޑުތަކެއްކަމަށް ވިދާޅުވި އެވެ.

މި ހާދިސާއާއި ގުޅޭގޮތުން އެރަށުގެ އާންމު ރައްޔިތަކު ''ތިލަދުން''އަށް މަޢުލޫމާތު ދެމުން ބުނީ ބޮޑަށް ލަފާކުރެވޭގޮތުގައި އެ ކަމަކީ ވަކި ދަނޑުތަކަކަށް ޓާރގެޓްކޮށްގެން ބަޔަކު ހިންގާފައިވާ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށެވެ. އެގޮތުން މުޅިދަނޑު އެކީހެން ކޮށާލާފައިވާ 2 ދަނޑެއް އުޅޭކަމަށާއި އިތުރު ދެތިން ދަނޑަކަށްވެސް ކުދި ގެއްލުންތައް ދީފައިވާކަމަށް އޭނާ ބުނެފައި ވެއެވެ.