ށ. ނަރުދޫގެ ގިނަ ދަނޑުބިން ތަކަކަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

ނަރުދޫ ކައުންސިލުން މިކަމުގެ މަޢުލޫމާތު "ތިލަދުން" އާއި ހިއްސާކުރަމުން ބުނެފައިވަނީ ދަނޑުބިން ތަކަށް ގެއްލުންތަކެއް ދީފައިވާކަމުގެ ރިޕޯރޓް އެންމެ ފުރަތަމަ އެރަށުގެ ކައުންސިލަށް ލިބިފައިވަނީ ރޭގެ ފަތިހު 5:30 ގައި ކަމަށެވެ. އަދި މި މަޢުލޫމާތު ކައުންސިލަށް ލިބި މާ ގިނައިރުތަކެއްނުވެ ފުލުހުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

Ad
rt

އެރަށުގެ ކައުންސިލްގެ ރައީސް އަޙްމަދު އާރިފް ވިދާޅުވީ އެ ރަށުގެ ވަރަށް ގިނަ ދަނޑުތަކެއް އެއްކޮށް ކޮށާލާފައިވާކަމެވެ. އަދި މި ދަނޑުތަކަކީ ވަރަށް ރީތިކޮށް ގަސްތައް ހެދި މޭވާއަޅާ އެތަކެތި ބާޒާރަށް ނެރުމަށް ތައްޔާރުވަމުން އައި ދަނޑުތަކެއްކަމަށް ވިދާޅުވި އެވެ.

"މި ކަމަކީ ކޮން ބައެއް ކުރިކަމެއް ކަން އަދި ސާފުވާގޮތެއް ނުވޭ. އިންވެސްޓިގޭޝަން ދަނީ ކުރިއަށް. އެކަމަކު މި ހިނގާދިޔަ ހާދިސާ މި ވެގެން ދިޔައީ ރަށަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގަ. ޒުވާނުންނާ ރަށުގެ އެކި އުމުރުފުރާގެ މީހުން ވަރަށް ފޮނި އުއްމީދުތަކަކާއި އެކު ފެށި މަސައްކަތެއް މީ. އަނެއްކޮޅުން ވަރަށްގިނަ ބާވަތްތަށް ހައްދާފަ އޮތް ފަހަރެއްގަ މިކަން މި ހިނގީ. އެ ފަރާތްތަކުން ކުރި ފޮނި އުއްމީދު ގެއްލުވާލުން ފަދަ ކަމެއްގެ ގޮތުގަ މިކަން މި ވެގެންދިޔައީ."

މިކަމާއި ގުޅޭގޮތުން އިތުރަށް އާރިފް ވިދާޅުވި އެވެ.

ކޯވިޑް-19 އާއި ގުޅިގެން އެރަށުގެ އާމުދަނީ ވަރަށް ބޮޑަށް ދަށްވެގެންދިޔަ ދަނޑިވަޅެއްގައި އެރަށުގެ ކައުންސިލުން ވަނީ އެރަށުގެ އާންމު ރައްޔިތުންނަށް ދަނޑުގޮވާން ކުރުމަށް އެއްވެސް އަގަކާއި ނުލާ ބިންވެސް ދޫކޮށްފައެވެ. އަދި ދާދި ފަހުން ވަނީ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ފަރާތުން އެރަށުގެ ދަނޑުވެރިން ހައްދާ ތަކެތި ވަކި އަގުތަކެއްގައި ބައްލަވައިގަތުމަށް އެރަށުގެ ދަނޑުވެރިންނާއި އެކު އެއްބަސްވުމެއްވެސް ހަދާފައެވެ.

އެހެންކަމުން އެރަށުގެ ރައްޔިތުން މިކަން ކުރަމުން އައީ ވަރަށް ފޯރިއާއި އެކުއެވެ. ދަނޑުތައް ފައްކާވެ މޭވާ އާއި ތަރުކާރީ އެޅި މި ދުވަސްކޮޅުގައި މި ދިމާވި ހިތާމަވެރި ހާދިސާ ވެގެން ދިޔައީ މީގެކުރިން ކޯވިޑް-19 ގެ ބިރުވެރިކަން އެ ރަށުގެ ފަރާތްތަކަށް ކުރިމަތި ކުރުވި ފަދަ ކަމެއްގެ ގޮތުގައި އެރަށު ކައުންސިލްގެ ރައީސްގެ ވާހަކަތަކުގައި ފާހަގަކުރެއްވިއެވެ.

ރޭގެ ވަގުތެއްގައި ހިނގާދިޔަ މި ހާދިސާއާއި ގުޅޭގޮތުން އެރަށުގެ އާންމު ރައްޔިތަކު އަޅުގަނޑުމެންނަށް މަޢުލޫމާތު ދެމުން ވިދާޅުވީ މިކަމަކީ ބޮޑަށް ލަފާކުރެވޭގޮތުގައި ވަކި ދަނޑުތަކަކަށް ޓާރގެޓްކޮށްގެން ބަޔަކު ހިންގާފައިވާ ވަރަށް ނާތަހުޒީބީ އަމައެއްގޮތުގައި ކަމަށެވެ. އެގޮތުން މުޅިދަނޑު އެކީހެން ކޮށާލާފައިވާ 2 ދަނޑެއް އުޅޭކަމަށާއި އިތުރު ދެތިން ދަނޑަކަށްވެސް ކުދި ގެއްލުންތައް ދީފައިވާކަމަށް އޭނާ ކިޔައިދިނެވެ.

މީގެން ބައެއް ދަނޑުތަކުގައި ހުރި ކިއުކަންބާ ވެޔޮތަކާ މިރުސްގަސްތަކާއި ކަރާވެޔޮތައްވެސް އޭގެ ބުޑުން ބުރިކޮށް، ބައެއް ދަނޑުތައް ބޭނުން ނުކުރެވޭ މިންވަރަށް ގެއްލުންދީފައިވާކަމަށް އޭނާ އިތުރަށް ފާހަގަ ކުރެއްވިއެވެ.

މިކަމަކީ ކިހިނެއް ހިނގާދިޔަ ކަމެއްތޯއާއި، މިކަން ކޮށްފައިވަނީ ކޮން ބައެއްތޯ ބަލާ މިކަމުގެ ތަހުޤީގު އެރަށުގެ ފުލުހުންވެގެން މިތަންތަނަށް ގޮސް ކުރިއަށް ގެންދާކަމަށް އެރަށުގެ ކައުންސިލުން ދެންނެވިއެވެ. އަދި މިކަމުގެ ތަޙުޤީގު ނުނިމެނީސް ސީދާ ގެއްލުން ލިބިފައި ހުރި ދަނޑުތަކުގެ އަދަދަކާއި ކޮން ބައެއް ކޮށްފައިހުރި ޢަމަލެއްކަން ބުދެން ނޭނގޭނެ ކަމަށް އެރަށުގެ ކައުންސިލުން ދެންނެވިއެވެ.

މިމަކީ ކޮންމެ ބަޔަކު ކުރި ޢަމަލެއް ކަމުގައި ވީނަމަވެސް، މިއީވަރަށް ނާތަހުޒީބީ ޢަމަލެއްގެ ގޮތުގައި އެރަށު ކައުންސލުން ވަނީ ސިފަކުރަށްވާފައެވެ. މިފަދަ ކަންކަމާއި މެދު ހަރުދަނާ ވިސްނުމަކުން ވިސްނާ މިފަދަ ކަންކަމުން ލިބޭ ނަފާއަކީ މުޅިރަށަށްލިބޭ ނަފާއެއްގެ ގޮތުގައިދެކިގެން، ސުލްހަވެރި ދިރިއުޅުމެއް އުޅުމުށް އެރަށުގެ ކައުންސިލުން އެރަށުގެ އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވާކަމުގައި ކައުންސިލުން ވިދާޅުވެ އެވެ.