ހއ. އިހަވަންދޫ އާއި ނ. މަނަދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.
އިއްޔެ މެންދުރުފަހު ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މި ދެ ރަށުގެ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމަށް ހަވާލުކުރީ އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އެވެ.
މި ރަސްމިއްޔާތުގައި ކުޅިވަރާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު އިބްރާހިމެވެ. އަދި އާރްކޭއެލް ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުޒައިމާ އާސިރެވެ.
އިހަވަންދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 2.32 މިލިޔަން ރުފިޔާއަށެވެ. އަދި މަނަދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2.21 މިލިޔަން ރުފިޔާއަށެވެ. މި އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި، 50 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަން ޖެހެއެވެ.
އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިހަވަންދޫ ފުޓްބޯޅަ ދަނޑުގެ ސަބުބޭސް މަސައްކަތް 50 ދުވަހުގެ ތެރޭގައި ނިންމުމަށް އާރު ކޭ އެލްއާއި ހަވާލު ކުރެވިއްޖެ ކަމަށެވެ.
ރައީސް ޞާލިޙްގެ ސަރުކާރުން މޮޅަދޫގެ ފުޓުސަލްދަނޑު ނިންމާފައި ވާކަމަށާއި، އަދި މާރަންދޫގެ ފުޓުބޯޅަދަނޑުގެ ޓާފު އެޅުން 2021 ގައި ކުރިއަށްދާނެ ކަމަށް ވެސް ޝިފާޢު ވިދާޅުވެފައި ވެފައި ވެއެވެ.
އިހަވަންދޫ ފުޓްބޯޅަ ދަނޑުގެ ސަބުބޭސް މަސައްކަތް 50ދުވަހުގެ ތެރޭގައި ނިންމުމަށް އާރު ކޭ އެލް އާއި މިއަދު ހަވާލު ކުރެވިއްޖެ.
މިސަރުކާރުން މޮޅަދޫގެ ފުޓުސަލްދަނޑުވަނީ ނިންމާފައި އަދި މާރަންދޫގެ ފުޓުބޯޅަދަނޑުގެ ޓާފު އެޅުން 2021ގައި ކުރިއަށްދާނެ.
Thank you Minister @AhmedMahloof pic.twitter.com/n1rOSRnYyL— MP Mohamed Shifau (@mhshifau) October 28, 2020
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފުޓްބޯޅަ ދަނޑުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!