މަސްތުވާތަކެތި ބޭނުން ކުރުމާއި ވައްކަންކުރުން އިންތިހާއަށް އިތުރުވުމާއިގުޅިގެން ށ. ފޭދޫގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް ކުރިއަށް ގެންދިޔަ މުޒާހަރާއާއި ގުޅިގެން، ރައްޔިތުން ތުހުމަތު ކުރިބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުން މުޒާހަރާ ނިންމާލައިފިއެވެ.
ފޭދޫގެ ހާލަތާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރައްޔިތުން މުޒާހަރާ ފެށީ މިއަދު މެންދުރުފަހު 1:30 ހާއިރުއެވެ. އެ މުޒާހަރާ ނިންމާލީ ރަށުގައި ހިނގަމުންދިޔަ ނޭދެވޭ ކަންކަމުގެ ފަހަތުގައި ތިބިކަމަށް ރައްޔިތުން ތުހުމަތު ކުރާ ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެން ދިޔުމުންނެވެ.
އެ މުޒާހަރާގައި ރައްޔިތުން ޑިމާންޑް ކުރަމުން ދިޔައީވެސް އެ މީހުން ހައްޔަރުކޮށް އެ ރަށަކީ އަމާން ރަށަކަށް ހަދައި ދިނުމަށް އެދިއެވެ.
ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސާމިރު ''ތިލަދުން'' އަށް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުގެ ސަބަބުން ރަށް އޮތީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށެވެ. އެރަށުގެ ރަށްޔިތުން ތިބީ އަމާން ކަމާއި، ރަށްކާތެރި ކަން ނުހަނު ބޭނުން ވެފައި ކަމަށް ވެސް ސާމިރު ވިދާޅުވިއެވެ.
'' އަޅުގަނޑު ގޮވާލަން ކަމާބެހޭ އެންމެހާ ފަރާތްތަކަށް މިކަމުގައި ފޭދޫ ރައްޔިތުންނަށް އެހީތެރިވުމަށް، ވީހާވެސް އަވަހަކަށް ފުލުހުންގެ ޚިދުމަތް މިރަށުގައި ލިބޭގޮތް ހަދައި ދިނުމަށް، ކައުންސިލުން މިތިބީ މިކަމުގައި ކުރެވެން ހުރި ކޮންމެ ކަމެއް ކޮށްދޭން''
ސާމިރު ވިދާޅުވިއެވެ.
''ފުލުހުންނަށް އިމާރާތެއްގެ ހަމަޖައްސަން ޖެހުނަސް އެކަމަށް ވެސް ކައުންސިލުން މިތިބީ ތައްޔާރަށް، ކައުންސިލުން ބޭނުން ވަނީ ރަށްޔިތުންގެ ސަލާމަތްތެރިކަމާއި، ރައްކާތެރިކަން ކަށަވަރުވާން''
ސާމިރު އިތުރަށް ވިދާޅުވިއެވެ.
އަދި ފޭދޫއަކީ ވަރަށް ކުރީން ސުރެ މިފަދަ ކަންކަން ހިނގަމުން އަންނަ ރަށެއްގެ ގޮތުގައި ފާހަގަ ކުރަށްވާ ސާމިރު ވިދާޅުވީ މިފަދަ މައްސަލަތައް ހައްލުނުވެދާ އެންމެ ސަބަބަކީ ރަށުގައި ފުލުހުންގެ އިދާރާއެއް ނެތުމެވެ.
"ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގިނަ. ރަށުތެރޭގަ މަސްތުވާތަކެތި ބޭނުން ކުރުން އާންމު ކަމަކަށް ވެފައި ވައްކަން ކުރުން އިތުރުވުމާއި މިކަންކަން ދާއިމަށް މިހެން ދިގުދެމިގެން ގޯހުން ގޯހަށް ދާތީ އަސްލު ރައްޔިތުން އެންމެ ކަންބޮޑުވަނީ."
ސާމިރު އިތުރަށް ވިދާޅުވިއެވެ.
ރަށުގައި ހިނގާ މި ކަންކަމާއި ގުޅޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކަށްވެސް އެތައް ފަހަރެއްގެ މަތިން ހުށައެޅިފައިވާނެކަމަށާއި އެހެން ނަމަވެސް މިކަމަށް އަލިމަގެއް އަދިވެސް ފެނިގެން ގޮސްފައި ނުވާކަމަށް ސާމިރު އިތުރަށް ފާހަގަ ކުރެއްވިއެވެ.
ފޭދޫގައި މިއަދު ކުރިއަށް ދިޔަ މުޒާހަރާގައި އެރަށުގެ ރައްޔިތުން ވަނީ މަސްތުވާތަކެއްޗާއި، ވައްކަމުގެ ޢަމަލުތައް ހިންގާ ފަރާތްތަކަށް މިހާރުން މިހާރަށް އެކަންކަމުގެ ޙައްޤު އަދަބު ދިނުމަށް ގޮވާލައިފައެވެ.
"އަމިއްލަ ގޭ ދޫކޮށް ޖެހިގެންހުރި ފިހާރައަށްދާންވެސް ނުކެރޭ. ބޭރަށް ގޮސް އަންނަންވާއިރަށް ގޭގައިވާ އަގުބޮޑެތި މުދާ ހުންނާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތް. އެކަނި ދިރިއުޅެމުންދާ މީހުންނަށް ބިރުދައްކާ ފައިސާފަދަ ތަކެތި ހޯދާ އަދި ވައްކަންކުރުން އޮތީ ކަމަކަށް. ރަށުގެ ގިނަ ބަޔަކު މަސްތުގެ ހާލުގައި . ރަށަށް މަސްތުވާ ތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރަނީ ފާޅުގައި. މުޅިރަށް ކަޅު ވިލާގަނޑެއްގެ ދަށުގައި. މިކަން ހުއްޓުވަން މިހާރު މާބޮޑަށްވެސް އަސްލު ލަސްވެއްޖެ. މިކަމަށް އަވަސް އަލިމަގެން ފެނިގެން ދިޔުމަކީ ރަށުގެ އެންމެގެވެސް ބޮޑު އުއްމީދެއް."
އެރަށުގެ އާންމު ރައްޔިތަކު ''ތިލަދުން'' އަށް މަޢުލޫމާތު ދެއްވަމުން ކިޔައިދިނެވެ.
ފޭދޫގައި މިއަދު ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން
ފަހަކަށް އައިސް ފޭދޫގައި އަންނަނީ މަސްތުވާތަކެއްޗާއި ފޭރުމުގެ އެތައް މައްސަލަތަކެއް ފެންމަތި ވަމުންނެވެ. އެގޮތުން މިއަދު ކުރިއަށް ދިޔަ މުޒާހަރާގެ ތެރޭގައިވެސް އެރަށު އަންހެނަކު މަސްތުވާތަކެތި ވިއްކާ ހަށިވިއްކާ ކަމަށް ތުހުމަތުކޮށް އޭނާ ރަށުން ބޭރުކުރުމަށްވެސް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން މިއަދު ވަނީ އެރަށުގައި މޫނު ނިވާކޮށްގެން ކަތިވަޅިހިފައިގެން އެކަނިވެރި އަންހެނަކު އުޅޭގެއަށް ވަދެ އޭނާ އަށް ބިރުދައްކާ ފޭރެން އުޅުނުކަމުގެ މައްސަލައެއްވެސް ފެންމަތިވެފައެވެ.
މިފަދަ ކަންކަމަށް އަވަސް ހައްލެއް ލިބި، އެރަށަށް ފުލުހުންގެ އިދާރާއެއް އަންނާނެ ދުވަހަކަށް އެރަށުގެ ގިނަ ރައްޔިތުން އަންނަނީ ފޮނި އިންތިޒާރުތަކެއް ކުރަމުންނެވެ.
ފޭދޫއަށް މިއަދު ގޮސްފައި ވަނީ ފޯކައިދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަށްވާ ފުލުހުންނެވެ. މި މުޒާހަރާއާއި ގުޅިގެން، އަދި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމާއި ގުޅިގެން ވެސް ފުލުހުން އަދި މައުލޫމާތެއް ހާމަ ކުރަށްވާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!