އޫއެފާ ޗެމްޕިއަނސް ލީގުގެ މިސީޒަންގެ ކުޅުން އަންގާރަ ދުވަހުގެ ރޭ ފަށާފައިވާއިރު ޗެންޕިއަސްލީގުގައި އިނގިރޭސި ވިލާތަށް ނިސްބަތްވާ ދެޓީމްކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑް އަދި ޗެލްސީވަނީ ކުޅެފަ އެވެ. މި މެޗުތަކުން ޔުނައިޓެޑް މޮޅުވިއިރު ޗެލްސީ ވަނީ އެއްވަރު ވެފައެވެ.
މެންޗެސްޓަރ ޔުނައިޓެޑް ހިމެނޭ ގުރޫޕް އެޗްގައި ޔުނައިޓެޑް މެޗް ކާމިޔާބުކުރީ ފްރާންސްގެ ލީގް ވަން ގެ ޗެމްޕިއަންކަމުގައިވާ ޕީއެސްޖީ އާ ދެކޮޅަށް ކުޅެ 2-1ގެ ނަތީޖާއަކުންނެވެ.
ޕީއެސްޖީގެ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލް މެޗްގެ 23 ވަނަ މިނިޓްގައި ޔުނައިޓެޑަށް ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮށްދިނީ ބުރޫނޯ ފެނާންޑޭޒްއެވެ. ބުރޫނޯ ފެނާންޑޭޒް ފުރަތަމަ ޖެހި ޕެނެލްޓީ ޕީއެސްޖީގެ ކީޕަރު ނަވާސް ދިފާއު ކުރި ނަމަވެސް ޕެނެލްޓީ ޖެހުމުގެ ކުރިން ނަވާސް ގޯލްގެ ރޮނގުގެ ކުރިއަށް ޖެހިފައިވުމުން ދެވަނަ ފަހަރަށް ޔުނައިޓެޑްއަށް ޕެނެލްޓީ ޖެހުމުގެ ފުރުސަތުވަނީ ރެފްރީ ދީފައެވެ. ބުރޫނޯ ފެނާންޑޭޒް ދެވަނަ ފަހަރަށް ފޮނުވާލި ޕެނެލްޓީވަނީ ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނީ ބުރޫނޯ ފެނާންޑޭޒްގެ ގޯލުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
ޕީއެސްޖީން މެޗްގެ 55 ވަނަ މިނިޓަގައި ވަނީ ނަތިޖާ ހަމަހަމަކޮށްފައެވެ. ޕީއެސްޖީގެ ގޯލަކީ ޔުނައިޓެޑްގެ އެންތަނީ މާޝިއަލްގެ ފަރާތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުން ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރުވީ މެޗު ނިމެން ތިން މިނިޓަށްވެފައި ވަނިކޮށް ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތަކުން މާކަސް ރަޝްފޯޑް ކާމިޔާބުކޮށްދިން ގޯލުންނެވެ.
ޕީއެސްޖީއިންވެސް މެޗުގައި ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ޕީއެސްޖީގެ ދެތަރިން ކަމުގައިވާ ނޭމާ އަދި އެމްބާޕޭ ފޮނުވާލި ބޯޅަތަކުގެ ހުރަހަކަށްވީ ޔުނައިޓެޑްގެ ކީޕަ ޑެހެއާއެވެ.
މި ގުރޫޕްގައި ދެން ހިމެނޭ ދެޓީމް ކަމުގައިވާ އާރބީ ސެލްސްބާގް އަދި އިސްތަންބުލް ބަސަކްސެހިރް ބައްދަލުކުރި މެޗް 2-0 ން ކާމިޔާބުކުރީ އާރބީ ސެލްސްބާގްއެވެ.
ޗެމްޕިއަންސް ލީގުގެ ގުރޫޕް އީގައި އަންގާރަ ދުވަހުގެރޭ ޗެލްސީ އަދި ސެވިއްޔާ ބައްދަލުކުރިމެޗް ނިމުނީ އެއްވެސް ޓީމަކާސް ގޯލެއް ކާމިޔާބުނުކުރެވި 0-0 ން ދެޓީމް އެއްވަރުވެގެންނެވެ.
މިދިޔަ ސީޒަންގެ ޔޫރޯޕާ ލީގުގެ ޗެމްޕިއަނުން ކަމުގައިވާ ސެވިއްޔާއާއި ދެކޮޅަށް ޗެލްސީގެ ސްޓެމްފޯދް ބްރިޖްގައި ކުޅުނު މެޗްގައި މޮޅަށްކުޅުނީ ސެވިއްޔާއިންނެވެ. މެޗުން ޗެލްސީއަށް ޕޮއިންޓެއް ހޯދުމުގައި ރޭނެސް ދޫކޮށް މިސީޒަނަށް ޗެލްސީއަށް ބަދަލުވި ގޯލްކީޕަރ މެންޑީގެ ދައުރު ބޮޑުކަން ޗެލްސީގެ މެނޭޖަރ ފްރޭންކް ލަމްޕާޑްވަނީ މެޗަށްފަހު ފާހަގަކޮށްފައެވެ.
ގުރޫޕްއީގައި ޗެލްސީ އަދި ސެވިއްޔާގެ އިތުރުން ދެން ހިމެނޭ ދެޓީމް ކަމުގައިވާ ރޭނެސް އަދި އެފްކޭ ރަސްނޯޑަރ ބައްދަލުކުރިމެޗްވެސް ނިމުނީ 0-0ން އެއްވަރުވެގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!