ޔޫއެފާ ނޭޝަންސް ލީގު: ޖަރުމަނު އެއްވަރުވިއިރު ސްޕެއިން ބަލިވެއްޖެ

photo_2020-10-14_20-19-36

އަންގާރަ ދުވަހުގެރޭ ޔޫއެފާ ނެޝަންސް ލީގުގައި ސްވިޓްޒަލެންޑް އަދި ޖަރުމަން ބައްދަލު ކުރިމެޗް ނިމުނީ 3-3 ން އެއްވަރުވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗެގް ފުރަތަމަ ގޯލްޖަހާ ކުރިހޯދީ ސްވިޓްޒަލެންޑްއިންނެވެ. މެޗްގެ ފަސްވަނަ މިނިޓްގައި ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ސްވިޓްޒަލެންޑްގެ މާރިއޯ ގަވްރަނޮވިޗްއެވެ. މެޗްގެ 26 ވަނަ މިނިޓްގައި ފްރޫލާ ވަނީ ސްވިޓްޒަލެންޑްގެ ލީޑު 2-0 ށް ފުޅާކޮށްދީފައެވެ. ނަމަވެސް އެގޮތުގައި ސްވިޓްޒަލެންޑަށް އޮވެވުނީ މިނިޓެއްހާއިރުއެވެ. ޗެލްސީގެ ޓިމޯ ވާނާ ވަނީ މެޗްގެ 28 ވަނަ މިނިޓްގައި ޖަރުމަންގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ނަތީޖާ 2-1ށް ބަދަލުކޮށްލާފައެވެ. ފުރަތަމަ ހާފްގެ ކުޅުން ނިންމާލީ ސްވިޓްޒަލެންޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފްގެ 55 ވަނަ މިނިޓްގައި ޗެލްސީގެ ހަވާޓްޒް ވަނީ ޖަރުމަނަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަމަވެސް ޖެހިގެން އައި މިނިޓްގައި ސްވިޓްޒަލެންޑްއިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ގޯލް ސްވިޓްޒަލެންޑަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލްވެސް ކާމިޔާބުކޮށްދިން މާރިއޯ ގަވްރަނޮވިޗްއެވެ. ސްވިޓްޒަލެންޑަށްވެސް ކުރީގައި އޮވެވުނީ ކުޑަވަގުތުކޮޅަށެވެ. ބަޔާން މިއުނިކްގެ ސާޖް ގްނޭބްރީ ވަނީ މެޗްގެ 60 ވަނަ މިނިޓްގައި ގޯލެއް ކާމިޔާބުކޮށް ޖަރުމަނަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ސްވިޓްޒަލެންޑްއިން މެޗް ނިންމާލީ ދިހަ ކުޅުންތެރިންނާއިއެކުއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ލިބުނުނު އިތުރުވަގުތުގައި ސްވިޓްޒަލެންޑްގެ ޝާރ އަށްވަނީ ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މިގުރޫޕްގައި ދެން ހިމެނޭ ދެޓީމް ކަމަށްވާ ސްޕެއިން އަދި ޔުކްރެއިން ބައްދަލުކުރި މެޗް 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޔޫކްރެއިންއެވެ. މެޗްގެ ހަމައެކަނި ގޯލް 76 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޔޫކްރެއިންގެ ސިގަންކޯވްއެވެ. ސްޕއިންގެ ފަރާތުން ގިނަ ހަމަލާތަކެއް ގޯލަށް އަމާޒުކުރި ނަމަވެސް ގޯލެއް ކާމިޔާބުކުރެވޭގޮތްވަނީ ނުވެފައެވެ. މިއީ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ސްޕެއިންއަށް ކުރިމަތިލާންޖެހުނު ފުރަތަމަ ބައްޔެވެ. އެންމެ ފަހުން ސްޕެއިން ބަލިވެފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރ ގައި ކްރޮއޭޝިއާއަތުންނެވެ.

އަންގާރަ ދުވަހުގެރޭގެ މެޗުތަކަށްފަހު މި ގުރޫޕްގައި ކޮންމެ ޓީމެއްވެސް ހަތަރު މެޗް ކުޅެފައިވާއިރު ހަތް ޕޮއިންޓާއިއެކު ސްޕެއިން އޮތީ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ޖަރުމަން އަދި ތިންވަނައިގައި އޮތް ޔޫކްރެއިންއަށް ހަ ޕޮއިންޓް ލިބިފައިވާއިރު ޖަރުމަން ކުރީގައި އުޅެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ސްވިޓްޒަލެންޑް ގުރޫޕްގެ ފުލުގައި އޮތީ ދެ ޕޮއިންޓާއިއެކުއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *