ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތައް ބައެއް ޕޭޕާލް އެކައުންޓްތަކާއި ލިންކް ނުކުރެވޭގޮތް ހެދުމަށްފަހު އަލުން އެ ބެންކުން ހުރިހާ ޕޭޕާލް އެކައުންޓްތަކާއި ލިންކް ކުރެވޭގޮތް ހަދައިފިއެވެ.
ބީއެމްއެލްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން، ކަސްޓަމަރުންނަށް ނޭނގި ކާޑުގެ މުޢާމަލާތްތައް ގިނަ ވަމުންދާކަން ފާހަގަވެ، ބެންކުންވަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި، ބައެއް ޕޭޕާލްގެ މާރޗެންޓުން ބްލޮކުކޮށްފައެވެ. އަދި މި މާރޗެންޓުން ބްލޮކު ކުރުމާއި އެކު، ބައެއް ކަސްޓަމަރުންނަށް ބީއެމްއެލް ކާޑު ޕޭޕާލްއާއި ލިންކު ކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
ނަމަވެސް، މިހާރު ޕޭޕާލްގެ ހުރިހާ މާރޗެންޓުން އަންބްލޮކު ކޮށްފައިވާނޭ ކަމަށްވެސް ބެންކުން ވަނީ މި އިޢުލާންގައި ހާމަކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް، ބެންކުން މިފަދަ ސައްޙަ ނޫން މުޢާމަލާތްތަކެއް ހިނގާތޯ ގާތުން ބަލަމުންދާނޭ ކަމަށާއި، ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި އެއީ ބައެއް މާރޗެންޓުން ބްލޮކު ކުރުން ކަމުގައިވާ ނަމަ އެކަން ވެސް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ހަމައެހެންމެ، ބީއެމްއެލްގެ ކާޑު ތަކަކީ، ކަސްޓަމަރުންނަށް ނޭނގި މިފަދަ މުޢާމަލާތްތަކެއް ހިނގާފާނެކަމަށް، އަދި ކަސްޓަމަރުންނަށް ލިބިދާނެ މާލީ ގެއްލުމަކުން ސަލާމަތްކުރުމަށް، ތްރީޑީ ސެކުއަރ އޮތެންޓިކޭޝަން އެކުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކާޑުތަކެއް ކަންވެސް ބެންކުންވަނީ ފާހަގަކޮށްފައެވެ. އަދި އެކައުންޓުން އެއްވެސް ކަހަލަ ގޮތް ނޭނގޭ މުޢާމަލާތައެއް ހިނގައިފިކަމުގައިވާނަމަ، އެކަން ވީހާވެސް އަވަހަކަށް ބެންކަށް އެންގުމަށްވެސް ބެންކުންވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ މުޢާމަލާތްތަށް ހުށަހެޅުއްވުމުގައި، ކަން ހިނގިތާ 30 ދުވަސް ތެރޭގައި ބެންކަށް ހުށަހެޅުއްވުމަށް ހަނދުމަފުޅު ބެހެއްޓުމަށްވެސް ބެންކުންވަނީ ބުނެފައެވެ.
ފަހަކަށް އައިސް، ބޭއެމްއެލްގެ ގިނަ އެކައުންޓްތަކަކުން ގޮތް ނޭނގޭ ގޮތަކަށް ޕޭޕާލް މެދުވެރިކޮށްވަނީ ގިނަ ޢަދަދަކަށް އޮންލައިން ޓްރާންސެކްޝަންތަކެއް ހަދައިގެން އެކަން ފެންމަތިވެފައެވެ. އަދި އެ ބެންކުންވަނީ، މިކަންކަމާއި މެދު އެ ބެންކުގެ ކަސްޓަމަރުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!