އުތުރުގެ 3 ރަށަކުން މަސްތުވާތަކެއްޗާއެކު 5 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މީހުން ހައްޔަރުކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޮޕަރޭޝަންތަކެއްގައި އެވެ.
އެގޮތުން މި އޮޕަރޭޝަންތައް ހިންގާފައިވަނީ އުތުރުގެ 3 ރަށަކީ، ށ. ފުނަދޫ، ނ. ކުޑަފަރީގެ އިތުރުން ހދ. ކުޅުދުއްފުށީ ސިޓީ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި ސެޕްޓެމްބަރ 21 އަދި 22 ގައި ހިންގި އެ އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ ފުނަދޫން 35 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެއްގެއިތުރުން 26 އަހަރުގެ މީހެކެވެ. މި 03 މީހުން ހައްޔަރުކޮށް އެރަށުގެ 03 ސަރަހައްދެއް ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި 32 ކަރުދާސްކޮޅު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އެގޮތުން ނ. ކުޑަފަރީގައި ހިންގި އޮޕަރޭޝަނުގައި އެ ރަށު ބަނދަރު ސަރަހައްދުން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާއިރު ހދ. ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނުގައި އެ ރަށު ބަނދަރު ސަރަހައްދުން 33އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައި ވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އަދި މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!