32 ރަށެއްގައި އައުޓްޑޯރ ޖިމްތަކެއް އެޅުމަށް ބޭނުންވާތަކެތި މާލެއިން ރަށްތަކަށް ގެންގޮސް ސައިޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިންސްޓްރީ އޮފް ޔޫތު، ސްޕޯރޓް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން މިއަދު އިޢުލާން ކުރަށްވާފިއެވެ.
އެ އިދާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން މި ކަމާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުން ތާވަލް ކޮށްފައިވަނީ 27 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 12:00 ގައި މާފަންނު އިޖުތިމާޢީ މަރުކަޒުގައެވެ. އަދި އަންދާސީ ހިސާބު ހުށައެޅުމުގެ ކަންކަން ތާވަލްކޮށްފައިވަނީ 06 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ 12:00 ގައި މިންސްޓްރީ އޮފް ޔޫތު، ސްޕޯރޓް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާގައެވެ.)
މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާނަމަ އެފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމަށްވެސް މި އިޢުލާނުގައި ހާމަކުރަށްވާފައިވެއެވެ.
ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އެކި ރަށްރަށުގައި އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު އިންޑިއާ ސަރުކާރުން މި ދިނީ، އެ ގައުމުގެ ކުރީގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖް މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ހަދިޔާ ކުރެއްވި 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިންނެވެ. ޖިމްތަކަށް ބޭނުންވާ ސާމާނު ގަތުމަށް އޭގެ ތެރެއިން އަށް މިލިއަން ރުފިޔާ ކަނޑައެޅިއިރު، ސާމާނަށް އޯޑަރުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.
ފަހަކަށް އައިސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިންސްޓްރީ އޮފް ޔޫތު، ސްޕޯރޓް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން ދަނީ ތަފާތު މަޝްރޫތައް ރާވަވަމުންނެވެ. އެގޮތުން ފުޓްސަލް ދަނޑުތަކާއި ފުޓުބޯޅަ ދަނޑުތަކާއި ޖިމްތަކާއި ކުޅިވަރާއި ގުޅުންހުރި މިފަދަ ތަންތަން މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގައި ތަރަށްޤީ ކުރުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!