އޯލެވެލް އިމްތިހާނުގެ ކޮމްޕިއުޓާ ސައިންސް މާއްދާއިން މުޅި ދުނިޔޭން 03 ވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ހދ.ކުޅުދޫއްފުށީ ޖަލާލުއްދީން ސްކޫލުގެ ދަރިވަރަކު ހިމެނިއްޖެ އެވެ.

ކޮމްޕިއުޓާ ސައިންސުން ދުނިޔެއިން 03 ވަނަ ހޯދައި މި ފަހުރުވެރި ކާމިޔާބީ ހާސިލުކޮށްފައިވާ ޖަލާލުއްދީން ސްކޫލްގެ ދަރިވަރަކީ އައިޝަތު އަބުދުލް ރަހުމާނެވެ.

Ad
rt

މީގެ އިތުރުން އޭނާ ބައިވެރިވި އޯލެވެލް އިމްތިހާނުން 7 އޭ ސްޓަރ އާއި އެއް އޭ ހޯދާފައި އެވެ. މިއާއެކު އޭނާ ވަނީ ގައުމީ ގަދަ 10 ގެ 02 ލިބިފައި އެވެ.

ޕްރައިމަރީ ގުރޭޑްތަކުގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އައިޝަތު ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ދުނިޔޭގެ ވަނައެއްގައި ހިމެނިދާނެކަމަށް އެއްގޮތަކަށްވެސް ގަބޫލުނުކުރާ ކަމަށާ އެކަމަކު ގައުމީ ފެންވަރުގެ ވަނައެއް ލިބޭނެކަމަށް އަބަދުވެސް ޔަގީންކުރި ކަމަށެވެ.

ާއެގޮތުން އައިޝަތު ގަބޫލުކުރާ ގޮތުގައި ނަމާދުކޮށް ޤުރުއާން ކިޔަވައި، އަމިއްލަކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރާ ނަމަ ކޮންމެ ކުއްޖަކަށްވެސް މިފަދަ ފަހުރުވެރިކަމެއް ކާމިޔާބީއެއް ހޯދިދާނެ އެވެ. މީގެ އިތުރުން ދުވަހުން ދުވަހަށް ސްކޫލުގައި ދޭ ފިލާވަޅުތައް ނިންމާ ނޭންގޭ ފިލާވަޅުތައް ޓީޗަރުން ގާތުގައި އަހައިގެން، ގެޔަށް އައިސް ގޭގައި ފިލާވަޅުތައް ދަސްކުރާކަމަށެވެ. މި ކާމިޔާބީއަކީ ޓީޗަރުންނާއި މަންމަ އާއި އާއިލާގެ މެމްބަރުންގެ އެހީތެރިކަމާއެކު ލިބުނު ކާމިޔާބީއެއްކަމަށް އައިޝަތު ދެކެ އެވެ. އެހެންވެ ވަރަށް ހާއްސަކޮށް ސްކޫލްގެ ވެރިންނާއި ޓީޗަރުންނާއި އާއިލާގެ ފަރާތްތަކަށް އޭނާ ޝުކުރުއަދާކުރި އެވެ.

ކުޅުދުއްފުއްޓަށް ނިސްބަތްވާ މިދަރިވަރަށް މި ލިބުނު ބޮޑު ކާމިޔާބީގެ އެންމެ ބޮޑު އުފަލެއް އިހްސާސްކުރާނީ އޭނާގެ މައިންބަފައިންނާއި މުދައްރިސުންކަން ޔަގީނެވެ. އެގޮތުން ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު މި ކާމިޔާބީ ސިފަކުރެއްވީ ސްކޫލަށާއި ރަށަށް ލިބުނު އުފަލަކާއި ފަހުރެއްގެ ގޮތުގައި އެވެ. ދަރިވަރަށް ކިޔަވައިދެއްވި ޓީޗަރުން އަދި ވަކިން ހާއްސަކޮށް ކޮމްޕިއުޓާ ސައިންސް ކިޔަވައިދެއްވި ޓީޗަރުންނަށާއި ބެލެނިވެރިޔާގެ މިންނެއް މަސައްކަތާއި ސަޕޯޓްގެ ފުރިހަމަ ނަތީޖާކަމަށް ވިދާޅުވެ ޕްރިންސިޕަލް ވަނީ އެފަރާތްތަކަށް ޝުކުރުއަދާކޮށް ތަހުނިޔާ ވިދާޅުވެފައި އެވެ.

މިފަހުރުވެރި ބޮޑު ކާމިޔާބީއަކީ ޖަލާލުއްދީން ސްކޫލާއި މުޅި ކުޅުދުއްފުއްޓަށާއި ހދ.އަތޮޅަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފަކާއި ކާމިޔާބީ އެކެވެ.