ށ. ފޯކައިދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.
މަސްތުވާ ތަކެއްޗާއިއެކު އެމީހާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މަޢުލޫމާތު ހާމަކުރަށް ވަމުން ބުނެފައި ވަނީ މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މާލެއިން ފުރައިގެން ފޯކައިދުއަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެމީހާ ހައްޔަރު ކުރީ މި ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ 15:14 އެހާކަންހާއިރު ފޯކައިދޫ ބަނދަރު ސަރަޙައްދުން ކަމަށް ފުލުހުން ބުންޏެވެ.
"އެމީހާ ހުއްޓުވައި އޭނާގެ ހަށިގަނޑާއި އޭނާ އެވަގުތު ހިފައިގެން ހުރި ފޮށިގަނޑު ބަލައިފާސްކުރިއިރު އެފޮށިގަނޑު ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ." ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ.ފޯކައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.
މި މައްސަލަ ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!