މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އޮންލައިންކޮށް ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ ސެޕްޓެމްބަރ މަހުގެ 27 ވާ އާދީއްތަ ދުވަހިގެ ހަވީރު ހަތަރެއް ޖަހާއިރުއެވެ.

މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ "ފައިވޯޓު" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި ބައިވެރިވޭނީ އިއްޔެގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށް އެކަންޏެވެ.

Ad
rt

ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ރަޖިސްޓްރީވާން ޖެހޭއިރު، އެމްއެސްޑީގެ އިންފިނިޓީ ޕޯޓަލް infinity.mv ނުވަތަ companysecretary@mtcc.com.mv މެދުވެރިކޮށް ރަޖިސްޓްރީ ފޯމު ހުށަހެޅޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއްވައެވެ.

އެ ކުންފުނީގެ ބޯޑުން ހިއްސާއަކަށް ދެ ރުފިޔާ ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް ނިންމާފައިވާއިރު، މި ޖަލްސާގައި ކުރިއަށް އޮތް އަހަރަށް އާއްމު ހިއްސާދާރުންގެ ތެރެއިން އެމްޓީސީސީގެ ބޯޑަށް ދެ މެމްބަރުން އިންތިޚާބު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަޤާމް ތަކަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންނަކީ، ދަފްތަރު ނަންބަރު 95-698، އަހުމަދު އަބޫބަކުރާއި ހެޕީނައިޓް، ގއ.ވިލިނގިލި، ނަސްރަތު މުހައްމަދުކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއްވައެވެ.

ފާއިތުވެދިޔަ 2019 ވަނަ އަހަރު އެމްޓީސީސީއަށް ވަނީ ސާފު ފައިދާގެ ގޮތުގައި 53 މިލިއަން ރުފިޔާ ލިބިފަ އެވެ.