އައްސޭރި ޖަލުގައި ތިބި ގައިދީންނަށް ހާއްސަކޮށްގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން "އައި ކޭމްޕް" އެއް ބާއްވައިފިއެވެ.

ކޯވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް، ކަރެކްޝަނަލް ސަރވިސްއިން އައްސޭރި ޖަލުގައި ކުރިއަށް ގެންދިޔަ މި އައި ކޭމްޕްގައި ވަނީ 15 ޤައިދީންނަށް ޚިދުމަތް ފޯރުކޮށްދީފިއެވެ.

Ad
rt

މި “އައި ކޭމްޕް”ގެ މަޤްޞަދަކީ ކޯވިޑް-19 އާ ގުޅިގެން ޚާއްސަ ބަލިތަކުގެ ތެރެއިން ލޮލުގެ ބަލިތަކަށް ފަރުވާ ހޯދުމަށް އެދޭ ޤައިދީންނަށް ފަސޭހަކަމާއެކު އެ ޖަލުން ޚިދުމަތް ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖެއްސުން ކަމުގައި އެ ސަރވިސްއިން މަޢުލޫމާތު ދެއެވެ.

ކަރެކްޝަނަލް ސަރވިސްއިން މި އައިކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ އައިކެއަރ ހޮސްޕިޓަލާއި ގުޅިގެންނެވެ. މި ކޭމްޕްގައި ލޮލުގެ ޚާއްސަ ޑޮކްޓަރުން މެދުވެރިކޮށް ލޮލުގެ ފަރުވާއަށް އެދިފައިވާ ގައިދީންގެ ޗެކަޕް ހަދައި، އެ ފަރާތްތަކަށް ބޭނުންވަނީ ކޮން ފަރުވާއެއްތޯ ވަނީ ދެނެގަނެފައި ކަމަށް ކަރެކްޝަނަލް ސަރވިސްއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި އައި ކޭމްޕްގައި ވަނީ އައިނު އަޅަންޖެހޭ ގައިދީންގެ ލޮލުގެ ނަންމަބަރު ޗެކްކޮށް، އައިނު ލިބޭނެ އިންތިޒާމް ހަމަޖައްސައި، އިތުރު ފަރުވާއަށް މާލެ ގެންނަންޖެހޭ ގައިދީންވެސް ވަނީ ދެނެގަނެފައި ކަމަށާއި، މިގޮތުން 15 ޤައިދީންގެ ޗެކަޕްހަދައި، 12 ޤައިދީންނަށް އައިނު ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް އެ ސަރވިސްއިން މަޢުލޫމާތު ދެއެވެ.

ކުރިއަށްއޮތްތާނގައި ގައިދީން ސިއްހީ ފަރުވާ ހޯދުމަށް އެންމެ ގިނައިން އެދެމުންދާ ދާއިރާއަކުން މިފަދަ ކޭމްޕްތައް ރާވާ ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ރާވަމުން ގެންދާކަމަށް އެ ސަރވިސްއިން ވަނީ ހާމަކޮށްފައެވެ.