މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު މަސައްކަތްތެރިންނަށް ލިބިގެންވާގޮތައް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހު ކޮށްފި އެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ މިދައުގެ ފުރަތަމަ ޖަލްސާގަ އެވެ.

Ad
rt

ހިސާން އިސްލާހު ހުށަހެޅުއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހުތަކުގެ ބިލަށް ބަހުސް ކުރައްވަމުން ހިސާން ވިދާޅުވީ ރިސޯޓު މުވައްޒަފުންނަށް ނައިޓަށް ދެވެން ޖެހޭ ކަމަށެވެ. ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ކުދިންނަށް އެމީހުންގެ ޑިއުޓީ ގަޑި ނިމުނީމަ ނައިޓަށް ދެވެން ޖެހޭނެ ކަމަށް ކެމްޕޭނުތަކުގައިވެސް ދަންނަވާފައިވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެން ވީ ވައުދެއް. އަޅުގަނޑުމެން މި ދަނީ އެ ވައުދު ފުއްދަން މިއަދު، ރިސޯޓުތަކުގެ މުވައްޒަފުންނަށް މިއަދުގެ ފަހުން ނައިޓަށް ދެވޭނެ"

ހިސާން ވިދާޅުވި އެވެ.

ހިސާން ހުށަހެޅުއްވި އިސްލާހަށް މަޖިލީހުގެ 61 މެމްބަރުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެކަންޏެވެ.

"މުވައްޒަފަކު އޭނާ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން އޭނާ މަސައްކަތް ކުރާ ސައިޓުގައި ނުވަތަ ރަށުގައި ނުވަތަ އުޅަނދެއް ފަދަ ތަނެއްގައި ހުރުމަށް ވަޒީފާދޭ ފަރާތުން އޭނާއަށް މަޖުބޫރުކޮށްގެން ނުވާނެ އެވެ."

ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.

މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމާއި އޭނާ ގަޑިއަށް ވަޒީފާއަށް އައުމަށް ވަޒީފާދޭ ފަރާތުން ހުރަސް އަޅައިގެން ނުވާނެ ކަމަށްވެސް ހިސާން ވިދާޅުވި އެވެ.

އޭގެ އިތުރުން ވަޒީފާއަދާ ކުރާ ފަރާތުން ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމަށާއި ގަޑިއަށް ވަޒީފާއަށް ދިއުމަށް އުޅަނދެއް ބޭނުންވާ ނަމަ އެ އުޅަނދެއް އެތަނަކާ ކައިރި ކުރުން މަނާ ނުކުރެވޭ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ހުރިހާ އިސްލާހުތަކާއެކު މިއަދުގެ ޖަލްސާގައި އެ ބިލު ވަނީ ފާސްކޮށްފަ އެވެ. މުޅި ބިލު ފާސްކޮށްފައި ވަނީ 55 މެމްބަރުންގެ ވޯޓާއެކު އެވެ.

ރިޒޯޓު މުވައްޒަފުންނަށް "ނައިޓަށް" ދެވޭގޮތަށް ގާނޫނު އިސްލާހުކޮށްފައިވާ ކަމަށް މީޑިޔާތަކުން ރިޕޮޓް ކުރުމާއިއެކު ރިސޯޓު މުވައްޒަފުން އަންނަނީ މިކަމަށް ޖޯކު ޖަހަމުންނެވެ. އެގޮތުން ބަޔެއް ފަރާތްތަކުން ބުނަމުން އަންނަނީ މިހާރު ވެސް ރާއްޖޭގެ ގިނަ ރިސޯޓުތަކުން ވަޒީފާ ގަޑި ނިމުމުން ފުރައިގެން ދިއުމަކީ މަނާކަމެއް ނޫންކަމަށެވެ. ރިސޯޓު ތަކުގައި މަސައްކަތް ކުރާ ޒުވާނުންގެ ރަށް ކައިރިނަމަ އަމިއްލަ ޑިންގި ތަކުގައި ނުވަތަ އަމިއްލައަށް އުޅަނދެއް ހިފައިގެން ދިއުމުގެ ފުރުޞަތު އޮވެއެވެ. ގިނަ ރިސޯޓުތަކުން އެރިސޯޓަކަށް މުވައްޒަފުން އަރާ ފޭބުން ވަނީ ލުއިގޮތްތަކެއް ހަމަޖައްސައިދީފައެވެ.

ހިސާންގެ މިއިސްލާހުން އެޖެންޑާ19 އިން ވަޢުދު ވެފައިވާ ޑިއުޓީ ނިންމާފައި ރަށަށް ދިޢުމުގެ ވަޢުދު ފުއްދުނީކަމަށް ބުނަމުން އަންނާތީ ރިސޯޓު މުވައްޒަފުން އެކަމަށް ރައްދު ދެމުން ބުނަމުން ދަނީ މިއީ ރިސޯޓު މުވައްޒަފުންނަށް ކުރި ފުރައްސާރައެއް ކަމަށެވެ.