ހަނިމާދޫ ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 20 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރައްވައި މިއަދު އެ ކުންފުނިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 20 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި އަދި މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ 43 އިންސައްތަ މަސައްކަތް ވެސް ނިނމާލެވިފައިވާ ކަމަށެވެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 05 މެއި 2020 ގައެވެ.
މިމަޝްރޫޢުގެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީއާއި، ޕްލޭނިންގ މިނިސްޓްރީއާއި ދެމެދު ސޮއި ކުރެވުނީ 24 ސެޕްޓެމްބަރު 2019 ގައެވެ. މިމަސައްކަތް ނިންމުމުގެ މުއްދަތަކީ 425 ދުވަހެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 57،124،555،27 ރުފިޔާއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ.
ހަނިމާދޫ ބަނދަރުގެ އިތުރުން ދ. ހުޅުދެލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 20 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީއިން މިއަދު ވަނީ ބުނެފައެވެ. މި މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ 26 ޕަސެންޓް މަސައްކަތް ވަނީ ނިމިފައިވާއިރު، މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 25 ޖޫން 2020 ގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީއިން އިތުރަށް ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން ސ. މަރަދޫފޭދޫ ނަރުދަމާ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ޖެޓިންގ މެޝިން ގެ ކްލިއަރެންސް ނިންމާ އައްޑޫ ސިޓީއަށް ގެންދިއުމަށް ވަނީ ތައްޔާރުވެފައި ކަމަށް ވެސް މިއަދު އެ ކުންފުނިން ވަނީ ބުނެފައެވެ. އެމްޓީސީސީއިން ބުނީ ސެޕްޓެމްބަރ މަހުގެ ދެވަނަ ހަފުތާގެ ތެރޭގައި މި މަޝްރޫޢުގެ ޕާޝަލް ކޮމިޝަން ކުރުމުގެ މަސައްކަތް ކުރުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!