ތިލަދުންމަތި އުފެއްދި ޝަޚްޞިއްޔަތުން: ދިއްދޫ އިބްރާހީމްބެ

އިބްރާހީމްބެ

ތިލަދުންމަތީ ދިއްދޫ ޑޭޒީމާގޭ އަލްމަރްޙޫމް އިބްރާހީމް ތަވްފީޤް (އިބްރާހީމްބެ) އަކީ ފާހަގަ ކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. ދިގު މުއްދަތެއްގައި ހއ.ދިއްދުއަށް ޚިދްމަތްކުރެއްވި އަގުހުރި ދަރިއެކެވެ.

އިބްރާހިމްބެ ތަޢުލީމް ޙާޞިލްކުރެއްވީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދީ އަލްއަޒްހަރީގެ އަރިހުންނެވެ. ކިޔަވައިވިދާޅުވާން މާލޭގައި ހުންނެވީ ވެސް ޝައިޚް ރުޝްދީ ދިރިއުޅުއްވަމުންގެންދެވި އެސްޖެހިގޭގައެވެ. އިބްރާހިމްބެ ވަނީ ޝައިޚް ރުޝްދީގެ އަރިހުން ކީރިތި ޤުރްއާން ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން ދަސްކުރައްވާފައެވެ. އަދި މީގެއިތުރަށް އިސްލާމީ ފިޤްހާއި، ޢަރަބިބަސް ވެސް ޝައިޚު އަރިހުން އުނގެނިވަޑައިގެންނެވިއެވެ. އިބްރާހިމްބެއަކީ ރީތިކޮށް ޤުރްއާން ކިޔަވައިވިދާޅުވި، އަޑު މަޚްރަޖް ރީތި ބޭފުޅެކެވެ.

އިބްރާހިމްބެ މާލެއިން ކިޔަވައިވިދާޅުވެގެން ރަށަށް ވަޑައިގަތުމަށްފަހު އޭނާގެ ޙަޔާތުގެ އެންމެ ފަހު ދުވަސްތަކާ ހަމައަށް ވެސް ކުރައްވަމުން ގެންދެވީ ޢިލްމު ފެތުރުއްވުމުގެ މަސައްކަތެވެ. ހުރިހާ ވަގުތެއްހެން ހުސްކުރެއްވީ އެކަމަށެވެ. އެއީ ދަރިވަރުންދެކެ ނުހަނު ލޯބިވާ، ހީވާގި މުދައްރިސެކެވެ.

އިބްރާހީމްބެ ވަނީ ހއ.ދިއްދޫ މަދަރުސަތުލް ޣާޒީ މުޙައްމަދުގެ މުދައްރިސެއްގެ ގޮތުގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދްމަތްކުރައްވާފައެވެ. އޭނާ ކިޔަވައިދެއްވަމުން ގެންދެވީ ކީރިތި ޤުރްއާނާއި ތަޖްވީދު ޢިލްމާއި، ދީނިއްޔާތެވެ. މީގެ އިތުރަށް ދުރޫސުލް އަޚްލާޤު ވެސް ކިޔަވައިދެއްވަމުން ގެންދެވިއެވެ. ދިއްދޫ މަދަރުސަތުލް ޣާޒީ މުޙައްމަދަކީ އަތޮޅު މަދަރުސާއެއްގެ ގޮތުގައި އެދުވަސްވަރު ހިނގަމުން އައި ތަނަކަށްވުމާއެކު އެ މަދަރުސާގައި ދިއްދޫގެ ދަރިންގެ އިތުރަށް ހއ.އަތޮޅު އެހެން ރަށްރަށުން ގެނެސްފައިވާ ކުދިން ވެސް ތަޢުލީމް ޙާޞިލްކުރަމުން ގެންދިޔައެވެ. އޭގެތެރެއިން ގިނަ ކުދިން ވަނީ އެ މަދަރުސާއިން ކިޔަވައި ނިމިގެން ހއ.އަތޮޅުގެ އިސް މަޤާމުތަކާއި ރަށްރަށުގެ އިސް މަޤާމްތައް ފުރުއްވާފައެވެ. މީގެތެރޭގައި އަތޮޅުވެރިކަން ކުރެއްވި ބޭފުޅުންނާއި، ކަތީބުންނާއި، ޤާޟީކަން ކުރެއްވި ބޭފުޅުންނާއި، އިމާމުކަން ކުރެއްވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ ތެރެއިން އެ ދުވަސްވަރުގެ ބައެއް ދަރިވަރުން މިހާރު ވެސް ސަރުކާރުގެ އެކި މަޤާމްތަކުގައި މަސައްކަތްކުރައްވަމުން އެބަގެންދަވައެވެ. އެހެންކަމުން އިބްރާހިމްބޭގެ ކުލަގަދަ ޚިދްމަތް މިވަނީ ރަށަށްވުރެ ދުރަށް ފުޅާވެ ފެތުރިފައެވެ.

އިބްރާހީމްބެގެ އިޖްތިމާޢީ ޚިދްމަތަކީ ވެސް ކުލަ ގަދަ ޚިދްމަތެކެވެ. ސަރުކާރުން ރަށްރަށުގެ ހުރިހާ މިސްކިތްތަކަށް މުދިމުންނާއި މަސައްކަތު މީހުން ހަމަޖެއްސެވުމުގެ ކުރިން ހއ.ދިއްދޫ ޢީދުމިސްކިތުގައި ބަންގިގޮވައި އިމާމުވެ ނަމާދުކުރައްވަމުން ގެންދެވީ އިބްރާހީމްބެއެވެ. އަދި ރަށުގައި ކަރަންޓު ނުހުންނަ އެ ޒަމާނުގައި ކޮންމެ ރެއަކު މިސްކިތު ބައްތި ދިއްލައި، މިސްކިތާއި މިސްކިތު ގޯތިތެރެ ސާފުކޮށް ބަލަހައްޓަވަމުން ގެންދެވީ ވެސް އިބްރާހިމްބެއާއި އިބްރާހިމްބޭގެ ޢާއިލާގެ ފަރާތުންނެވެ. މިއީ، އެއްވެސް އުޖޫރައެއް ނެތި، ބަރާބަރަށް ހިލޭ ސާބަހަށް ކުރައްވަމުން ގެންދެވި ކަމެކެވެ.

ރައީސް މައުމޫނުގެ ފުރަތަމަ ދައުރުގެ ކުރީކޮޅު ފެއްޓެވި އަސާސީ ތަޢުލީމުގެ މަޝްރޫގައި ވޮލަންޓިޔަރެއްގެ ގޮތުގައި ވެސް އިބްރާހީމްބެ ވަނީ ކިޔަވައި ދެއްވާފައެވެ. މިކަން ކުރައްވާފައިވަނީ ހއ.ދިއްދޫ މަދަރުސަތުލް ޣާޒީ މުޙައްމަދުގައާއި އިބްހީމްބޭގެ ގޭގައެވެ.

އިބްރާހީމްބޭގެ އެންމެ ޒުވާން ދުވަސްވަރުން ފެށިގެން ޙަޔާތުގެ އެންމެ ފަހުކޮޅާ ހަމައަށް ވެސް އިބްރާހީމްބޭގެ ގޭގައި (ޑޭޒީމާގޭގައި) ކުޑަކުދީންނަށް ޤުރްއާން ކިޔަވަން ދަސްކޮށްދެއްވަމުން ގެންދެވިއެވެ. އެގެއިން ޤުރްއާން ކިޔަވަން ދަސްކުރި ކުދިން ރަށުގައި (ހއ.ދިއްދޫގައި) ވަރަށް ގިނަ ވާނެއެވެ. މިކަމަކީ ވެސް އެއްވެސް އުޖޫރައެއް ނެތި ހިލޭ ސާބަހަށް އިބްރާހިމްބެ ކުރައްވަމުން ގެންދެވި ކަމެކެވެ.

އިބްރާހީމްބެއަކީ އެދުވަސްވަރު ރަށުގެ އެންމެންގެ "އެދުރުބެ" އޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ރަށުގެ ކުދިންނަށް ނަންކިޔުމާއި، މައުލޫދު ކިޔުމާއި، ދުޢާވެރިކަމާ، ކަށުކަމާކެމީގެ ކަންތައްތައްކުރުމާ މިފަދަ ކަންކަމުގައި އިމާމެއްގެ ގޮތުގައި އިސްކޮށް ހުންނަވާނީ އިބްރާހިމްބެއެވެ. އިބްރާހީމްބެ ހުންނަވަނިކޮށް އެހެން މީހަކު މިއިން ކަމެއްގައި އިމާމަކަށް އިސް ނުވާނެއެވެ. އެއީ މި ކަންކަމުގައި އިބްރާހީމްބޭގެ ޤާބިލްކަމާއި، އިބްރާހިމްބެއަށް ދެވިފައި އޮންނަ ގަދަރެއްގެ ބޮޑުކަމުންނެވެ. ނަތީޖާއެއްގެ ގޮތުން އިބްރާހީމްބެއަށް ރަށުގެ ކުދިބޮޑު އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންފައިވެއެވެ. ރަށުގެ ކޮންމެ ގެއަކީ ވެސް އިބްރާހީމްބެއާ ޚާއްޞަ ގާތްކަމެއް އޮންނަ ގެއެކެވެ.

ސަރުކާރުން ހއ.ދިއްދޫ ޢީދުމިސްކިތަށް މުދިމެއްގެ މަޤާމް ހަމަޖެހުމާއެކު އެ މިސްކިތުގެ މުދިމަކަށް ހަމަޖެއްސެވީ އިބްރާހީމްބެއެވެ. 1984 ވަނަ އަހަރުން ފެށިގެން މި މަޤާމުގައި 8 އަހަރު ހުންނެވުމަށްފަހު ޞިއްޙީ ޙާލަތު ހުރިގޮތުން ސަރުކާރުން ވަކިވެވަޑައިގެންނެވީ 1992 ވަނަ އަހަރުގެ ތެރޭގައެވެ.

އިބްރާހީމްބެ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 07 ޑިސެމްބަރ 1912 ގައެވެ. ކުލަގަދަ ޙަޔާތްޕުޅަކަށްފަހު މި ދުނިޔެ ދޫކުރައްވައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ ޢުމުރުފުޅުން 88 އަހަރުގައި 10 މާރިޗު 2001 ގައެވެ. ފަސްދާނުލެވިފައި ވަނީ ހއ.ދިއްދޫ ގަބުރުސްތާނުގައެވެ.

އިބްރާހީމްބެ ދުނިޔެ ދޫރެއްވިއިރު އަނބިކަނބަލަކާއި، 8 ބޭފުޅުން ދުނިޔޭގައި ތިއްބެވިއެވެ. ކާފަދަރިންނާއި މުނިކާފަދަރިން ވެސް ތިއްބަވައެވެ. އިބްރާހީމްބޭގެ ދަރިންގެ ތެރޭގައި ސަރުކާރުގެ އެކި މަޤާމްތަކުގައި މަސައްކަތްކުރައްވާ ދަރިން ހިމެނެއެވެ. ފާހަގަކުރެވޭ ރަނގަޅު ދަރިންތަކެކެވެ.

ކީރިތި ﷲ، އިބްރާހީމްބެ ފުރާނަފުޅަށް ރަޙްމަތްލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި