ރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުންނަވައި ނޫސްވެރިނާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ދެއްވި އިންޓަވިއުއަކީ އިއްޔެ އިދިކޮޅު ކޯލިޝަނުން ކުރި އިހުތިޖާޖު 'ހަޖަމު' ނުވެގެން ދެއްވި އިންޓަވިއުއެއް ކަމަށް ނައިފަރު ދާއިރާގެ މެންވަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް މިހެންވިދާޅުވީ ރޭ ރައީސް ދެއްވި އިންޓަވިއުއެއްގައި ވަރަށް އިސް ބެފުޅުން ނިކުމެ ވަޑައިގެން މާސްކު ވެސް ނާޅުއްވާ ރައްޔިތުންގެ އެތައް ބަޔަކު އެއްތަނަކަށް އެއްކުރުމަކީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައި ވަނިކޮށް ކުރެއްވި ޓުވީޓެއްގައެވެ.

Ad
rt

"އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް މިރޭ ނިކުންނަވާ ރައީސް ސޯލިހު ދެއްވި އިންޓަވިއު އަކީ އަލިފާނުގެ ހާދިސާއަށް ވުރެ ބޮޑަށް މިއަދު ހަވީރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ރައްޔިތުން ނިކުމެ 'ގައުމު ވިއްކާލުމާއި ދެކޮޅަށް' ކުރި އިހުތިޖާޖު 'ހަޖަމު' ނުވެގެން ދެއްވި އިންޓަވިއުއެއް. އަޅުގަނޑުމެން ދާނީ ކުރިއަށް،" ޝިޔާމް ވިދާޅުވިއެވެ.

ރައީސް ރޭ ވިދާޅުވީ "މިއަދު ވެސް މާލޭގައި އެފަދަ ކަމެއް ހިނގާ ހިނގައްޖެ، އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ވަރަށް އިސް ބެފުޅުން ނިކުމެ ވަޑައިގެން މާސްކުވެސް ނާޅުއްވާ ރައްޔިތުންގެ އެތައް ބަޔަކު އެއްތަނަކަށް އެއްކޮށް އެފަދަ އަމަލުތަކެއް ހިންގަވައިފި، މިއަކީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ހެޔޮއެދޭ، ޤައުމަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަމެއް ނޫން" ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މުޒާހަރާ ކުރުމާއި، ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި، އެ ކަމަކީ މި ސަރުކާރުން ހުއްޓުވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މި ފަދަ ދަނޑިވަޅެއްގައި އެފަދަ ކަމެއް އެއްވެސް ޒިންމާދާރު ކަމެއް ނެތި ހިންގީތީ ވަަރަށް ހިތާމަ ކުރަށްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިއްޔެ އިދިކޮޅުން ބޭއްވި ސައިކަލް ބުރުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ އިސް ބޭފުުޅުން އަދި އިދިކޮޅަށް ނިސްބަތްވާ މަޖިލީސް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެއްވެސް ގައިދުރުކަމެއް ނެތި ކުރިއަށް ގެންދިޔަ މި ސައިކަލް ބުރުގައި ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ.

އެ ސައިކަލް ބުރު ޕީޕީއެމް އޮފީސް ކައިރިއަށް ނިންމާލުމުން ޕްރޮގްރެސިވް ކޯލިޝަންގެ އިސްވެރިން ވަނީ ބައިވެެރިންނާއި މުހާތަބުކޮށް ވާހަކަ ދައްކަވާފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހިމެނިވަޑައިގަންނަވަ އެވެ.

ކޯވިޑް ބަލި މީހުން ރެކޯޑް އަދަދަކަށް ފެންނަމުންދާއިރު ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގޮތުން ބޭރުގައި އުޅޭއިރު މާސްކު އެޅުމާއި ގިނަ ބަޔަކު އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ކޯވިޑާއި ގުޅިގެން އެމަސައްކަތުގައި އުޅުއްވާ ޑޮކްޓަރުން ގެންދަވަނީ ދެވަނަ ލޮކްޑައުނަކަށް ދާން ފުރުޞަތު ނުދީ ފަރުދީ ޒިންމާ އަދާކުރުމަށް އާދޭސް ކުރަމުންނެވެ.