ހއ. ތަކަންދޫ ކުޅީގެ ދިރުންތައް ހިމާޔަތް ކުރުމަށް އެ ރަށުގެ ކައުންސިލުން ޚާއްޞަ ފިޔަޅެއް އަޅައިފިއެވެ.

މިގޮތުން އެ ކައުންސިލުން ވަނީ އިއްޔެއިން ފެށިގެން އެރަށުގެ ކުޅިއާއި، ކުޅިއާއި ގުޅިފައިވާ ފާ އަދި ފެންގަނޑުތަކުން މަސް ހިފުން މަނާ ކޮށްފައެވެ.

Ad
rt

ތަކަންދޫ ކައުންސިލްގެ މި ނިންމުމާއި ގުޅިގެން ތަކަންދޫ ކައުންސިލްގެ ނައިބު ރައީސް ޢާއިޝަތު އާޞިފާ "ތިލަދުން" އަަށް ވިދާޅުވީ އެ ނިންމުމަކީ އެރަށުގެ ކުޅީގެ ދިރުންތައް އާލާ ކުރުމަށް ފުރުޞަތު ހޯދުމަށް ނިންނި ނިންމުމެއް ކަމަށެވެ.

" ކުޅީގައި އުޅޭ މަސްތައް ގިނަ ޢަދަދަކަށް ހިފަމުން ދަނީ، އެކަމުގެ ސަބަބުން މަސައްތައް މިހާރު ވަނީ ވަރަށް މަދުވެފައި، މިގޮތަށް މަސް ހިފުން މަނާ ކުރުމުން ކުޅީގައި މަސް އާލާވުމަށް މަގު ފަހިވެގެން ދާނެ"

އާޞިފާ ވިދާޅުވިއެވެ.

" މަސް ހިފަން ކުޅިއަށް މީހުން މިދަނީ ކަނޑޫފާ ތެރެއިން ލާފައި، މިގޮތަށް ދާއިރު އެތައް ޅަ ކަނޑޫ ގަހަކަށް ގެއްލުންވެ މަރުވަމުން އެބަދޭ، އެ ގަސްތައް ހެދެން ހުރަކަށް މިއޮތީ ވެފައި އެ ގޮތަށް މީހުން ދާތީ، ގްރޫޕް ހަދާފައި މީހުން މިދަނީ، ބައެއް ފަހަރަށް ވިއްސަކަށް މީހުން ގްރޫޕެއްގައި އެބަތިބޭ، އެހެންވީމައި ކަނޑޫފަލުގެ ޅަ ކަނޑޫ ގަސްތައް ހެދި ބޮޑުވުމަށް ވެސް މި ނިންމުމުގެ ސަބަބުން ބާރު ލިބިގެން ދާނެ"

އާޞިފާ އިތުރަށް ވިދާޅުވިއެވެ.

އާޞިފާ ވިދާޅުވީ މިދުވަސްވަރު މަދިރީގެ އުނދަގޫ ވެސް ބޮޑުވަމުން ދާތީ، އެ ގޮތަށް މަސް ހިފުން މަނާ ކުރުމުން ކުޅިއާއި، ކުޅިއާއި ގުޅިފައިވާ އެހެން ފެންގަނޑުތަކުގައި މަދިރި ފަނި އުފެދޭ މިންވަރު ވެސް ދަށްވެ، މަދިރި މަދުވުމަށް ވެސް އެހީއަކަށް މި ނިންމުން ވެގެން ދާނެ ކަމަށެވެ.

ތަކަންދޫ ކުޅި، ފޮޓޯ: ތަކަންދޫ ފޭސްބުކް ޕޭޖް

ތަކަންދޫގެ ކުޅިން ގިނަ ޢަދަދެއްގެ މަސް ހިފައިގެން ކައިރި އެހެން ރަށް ރަށަށް ވެސް ގެންދާ ކަމަށާއި، އެ ރަށު ކުޅިން ހިފައިގެން ގެންދާ މަސް ބައެއް ރަށްރަށު މީހުން ވިއްކައި، ވިޔަފާރި ކުރަމުންދާ ކަމަށް އެ ރަށުން މަޢުލޫމާތު ހިއްސާ ކޮށްފައި ވެއެވެ.

ތަކަންދޫ ކުޅި، ފޮޓޯ: ތަކަންދޫ ފޭސްބުކް ޕޭޖް

ތަކަންދޫ ކައުންސިލުން އެރަށުގެ ކުޅީގެ ދިރުންތަކުގެ ހިމާޔަތުގައި މުހިންމު ފިޔަވަޅެއް އަޅަން ނިންމިއިރު، ހއ. ތަކަންދޫއަކީ ޤުދުރަތީ މުއްސަނދިކަން ލިބިފައިވާ ވަަރަށް ރީތި ބޮޑު ކުޅިއް އޮންނަ ރަށެކެވެ.

https://thiladhun.com/13504