ރާއްޖޭގައި 15 އަހަރާއި ހަ މަސްދުވަސް ވަންދެން އަނިޔާވެރި ވެރިކަމެއް ކުރި ޕޯޗްގީޒުންގެ އަތްދަށުން ގައުމު މިނިވަންކޮށްދެއްވި ބަޠަލަކީ ތިލަދުންމަތީ އުތީމު ބޮޑުތަކުރުފާނެވެ. އަޅުވެތިކަމުން މިނިވަންކަމަށް ދިވެހި ރާއްޖޭ ގެނައުމަށް ކުރެއްވި ޖިހާދުގެ ސަބަބުން އެތަކުރުފާނަށް ދިވެހިންގެ ލޯތްބާއި ޤަދަރު އަބަދުވެސް ލިބިފައިވެއެވެ. މިނިވަން ކަމުގެ ފަޚުރު ދިވެހީންނަށް ހާސިލުކޮށްދެއްވުމަށް ކުރެއްވި މަސައްކަތުގެ ސަބަބުން އެތައް ޝަރަފެއް ދިވެހިން ވަނީ އެތަކުރުފާނަށް އަރުވާފައެވެ. އަދި މިހާރުވެސް ދަނީ އެޝަރަފު އަރުވަމުންނެވެ.

ތިރީގައިއެވަނީ ބޮޑު ތަކުރުފާނަށް ދީފައިވާ ޤަދަރުގެ ހައްޤުގައި ދިވެހިން ދީފައިވާ ބައެއް ޝަރަފުގެ ނިޝާންތަކެވެ.

Ad
rt

1) މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމް:
ރައީސް މައުމޫނުވެރިކަމުގެ ފުރަތަމަ 5 އަހަރުތެރޭގައި ވެރިރަށް މާލޭގައި ބޮޑު މިސްކިތެއް އެޅުމަށް ނިންމަވާ އެކަން އިއުލާން ކުރެއްވިއެވެ. އިސްލާމީ ޤައުމުތަކުގެ އެހީތެރިކަމާއި އެކު ރާއްޖޭގެ އެޅޭނެ އެންމެ ބޮޑު މިސްކިތުގެ މަސައްކަތް ކާމިޔާބުކަމާއި އެކު ނިކންމާ 1984 ވަނަ އަހަރު މިސްކިތް ހުޅުވުގެ އުފާ ލިބިގެންދިޔައެވެ. އެ "ބޮޑު މިސްކިތް" ވެގެން ދިޔައީ ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ބަތަލަށް ނިސްބަތްކޮށް އެޅިގެންދިޔަ މިސްކިތަކަށެވެ.

މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމް

އެއީ މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމް އެވެ. މާލޭގެ މަލަމަތިން ރަން ގުއްބަކުން މަރުހަބާ ކިޔާ މިސްކިތް ވެގެންދިޔައީ އުތީމު ތަކުރުފާނުގެ ޒިކުރާ އާލާވެގެންދިޔަ ފުރިހަމަ ނިޝާނަކަށެވެ.

2) އުތީމު ބަންޑާރައިންގެ މިސްކިތް:
ހއ. އުތީމުގެ ފަޚުރު ކަމުގައި އުތީމު ބަންޑާރައިންގެ ހަނދާނުގައި އުތީމުގައި ވަނީ މިސްކިތެއް ބިނާކޮށްފައެވެ. މިމިސްކިތަކީ އުތީމު ތަކުރުފާނު އިސްލާމް ދީނަށް އޮތް ލޯބި ރަމްޒުކޮށްދޭ ފުރިހަމަ ބިނާއެކެވެ. ރަން ކުލައިގެ ގުއްބަކާއި މުންނާރެއް ހިމެނޭ މިފުރިހަމަ މިސްކިތަކީ 1000 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެކެވެ.

3) ބޮޑު ތަކުރުފާނު މަގު، މާލެ
ރާއްޖޭގެ ވެރިކަން ކުރާ ރަށްކަމުގައިވާ މާލޭގެ ވަށައިގެންވާ މަގަކީ މާލޭގެ އެންމެ ބޮޑު އަދި މައި މަގެވެ. އެމަގަށް ޒަމާނުންސުރެ ދީފައިވާ ނަމަކީ "ބޮޑު ތަކުރުފާނު މަގު" މިއެވެ. މިއީ އުތީމު ބޮޑު ތަކުރުފާނަށް ނިސްބަތްކޮށް ކިޔާފައިވާ ނަމެކެވެ. މާލޭގެ މައި މަގަށް "ބޮޑު ތަކުރުފާނު މަގު" ނަމުން ނަންދީފައިވަނީ އެތަކުރުފާނަށް އެޒަމާނުންސުރެ ދީފައިވާ ޤަދަރާއި ޝަރަފުގެ ސަބަބުންނެވެ.

4) އުތީމު ގަނޑުވަރު:
ޒަމާން ބަދަލުވެ ޤަދީމީ އެތައް ތަނެއް ވީރާނާވެގެން ދިޔަ އިރުވެސް ސަލާމަތުން ހުރި އެއްތަނުގެ ގޮތުގައި ފާހަގަ ކުރެވެނީ އުތީމު ގަނޑުވަރެވެ. ތަރީހު ދިރާސާ ކުރައްވާ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި އެ ގަނޑުވަރަކީ ނުވަތަ ގެއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ގެތަކުން ގެއެކެވެ. އެގެއަށް މިހާރު ގާތްގަޑަކަށް 500 އަހަރަށްވުރެ ގިނަ ވާނެއެވެ.

އުތީމު ގަނޑުވަރު ކުރިން އަޅާފައި ހުރީ އިހުޒަމާނުގައި ދިވެހިން ގެދޮރު ބިނާކުރާ ގޮތާއި ކުޑަކޮށް ތަފާތުކޮށްކަމަށް ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. އެބޭފުޅުން ވިދާޅުވާ ގޮތުން އެގަނޑުވަރަކީ "ބިމަށް ކާށި މުޑި ޖަހައި، ދެމުޑި ދޭތެރޭގައި ގާފޮޅު ބަނދެ، ގާފޮޅު މަތީގައި ފަތިވަކަރާއި އަރިވަކަރު އަޅައި، އެވަކަރު މަތީގައި މެއްލަ ޖަހައި، ލާދުނބުރި ބިތް ގަތައި، ބިތުގެ ބޭރުން ސަޓާ ޖަހައި، އޭގެ މަތިން ބިންފަށް ދަމައި އޮނބިއަޅާފައިވާއިރު ގެ ހިޔާކޮށްފައި ހުރީ ބިތް ފަނުން"ނެވެ.

5) ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު:

ބޮޑު ތަކުރުފާނުގެ އުފަން ރަށް ކަމުގައިވާ ހއ. އުތީމުގައި ބިނާކޮށްފައިވާ މި މަރުކަޒަކީ ދިވެހި ސަރުކާރުގެ ޚަރަދުގައި އުތީމު ތަކުރުފާނުގެ ޛިކުރާ އާކުރުމުގެ ގޮތުން ބިނާކޮށްފައިވާ ބިނާއެކެވެ. "ބޮޑުތަކުރުފާނުގެ ހަނދާންތައް އާކުރުމާއި އެތަކުރުފާނާއި ގުޅުންހުރި ތަންތަނާއި ތަކެތި ރައްކާތެރިކޮށް ބަލަހައްޓައި ގިނަޒަމާންތަކަށް ދެމެހެއްޓޭތޯ މަސައްކަތްކުރުން" އެއީ މިމަރުކަޒުގެ އެންމެ ބޮޑު މަޤްޞަދެވެ.

މި މިމަރުކަޒު އެކުލެވިގެންވަނީ ސުކޫލަކާއި ލައިބްރަރީއަކާއި އޮފީސްބަޔަކާއި ޖަލްސާކުރާ މާލަމެއް ހިމެނޭ ގޮތަށެވެ. މިމަރުކަޒު ހުޅުއްވާދެއްވީ 10 ނޮވެމްބަރު 1986 ވަނަ އަހަރު ރާއްޖޭގެ އޭރުގެ ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމެވެ. މިހަނދާނީ މަ ރުކަޒުގެ މަޢުލޫމާތު ހިއްސާކުރުމަށް ވަނީ ވެބްސައިޓެއްވެސް ވުޖޫދުކޮށްފައެވެ.

6) ދިވެހިރާއްޖޭގެ ޤައުމީ ދުވަސް:
" ދިވެހިރާއްޖޭގެ ޤައުމީ ދުވަސް" ނިސްބަތްވަނީ ރާއްޖެ މިނިވަން ކުރަން ބޮޑު ތަކުރުފާނު އިސްވެ ހުންނަވާ ކުރެއްވި އަގުބޮޑު ގައުމީ ޖިހާދަށެވެ. ޕޯޗްގީޒް އަޅުވެތި ކަމުގައި ދިނާއި ޤައުމިއްޔަތު އޮޔާ ދަނިކޮން އުތީމުން ނުކުމެގެން އައި "ކަޅުއޮއްފުންމި"ގެ ދަތުރު ނިމިގެން ދިޔައީ ރާއްޖެއަށް މިނިވަންކަން ހޯދައިދިން މުހިންމު ދަތުރަކަށެވެ.

15 އަހަރާއި 6 މަސްދުވަހުގެ އަޅުވެތިކަމުން މިންޖުވި އެތަކުރުފާނުގެ މާލިމީ ކަމުގައި ކުރެވުނު މަސައްކަތުންނެވެ. އެހެންކަމުން ރަބީޢުލްއައްވަލު 1 ވަނަ ދުވަސް ދިވެ ރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންވެ ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަސް ކަމުގައެވެ. ގައުމީ ދުވަސް ރާއްޖޭގައި ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ.

ބޮޑުތަކުރުފާނަށް ކިޔާ 10 ނަންފުޅު މިއޮތީ!

މިއީ މީހުން ދޫދޫ މަތިން ކިޔެމުން އަންނަ ނަންނަމާއި އަދި ރަސްކަން ލިބިލެއްވި ފަހުން ކިޔެމުން އައި ނަންނަމެވެ. މިއީ ދިވެހި ބައެއް ލިޔެކިޔުންތަކުން އުތީމު ބޮޑު ތަކުރުފާނަށް ނިސްބަތްކޮށް ކިޔާ ނަންތަކެވެ. މީގެ އިތުރުންވެސް ނަންތައް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

1) އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް
2) އުތީމު ބޮޑު މުޙައްމަދު
3) އުތީމު މުޙައްމަދު ތަކުރުފާނު
4) ބޮޑުތަކުރުފާނު (އެއްބައްޕާފުޅު ދެބޭންކުރެ ބޮޑު ތަކުރުފާނު)
5) އުތީމު ކަތީބު ތަކުރުފާނު
6) އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީސަވާދީއްތަ މަހާރަދުން
7) ޣާޒީ ބަންޑާރައިން
8) އުތީމު މަހާރަދުން
9) ޣާޒީ ރަދުން
10) އަލްޣާޒީ މުޙައްމަދު ޝަމްސުއްދީން

ބޮޑު ތިލަދުންމަތީ ބޮޑު ތަކުރުފާނު، އަވަހާރަވެ ވަޑައިގަތީ 26 އޮގަސްޓް 1585 ގައެވެ. މިއަދަށް މިވީ435 އަހަރެވެ.