ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރުގެ ސްޕޯޓްސް ކުލަބްގެ ފަރާތުން އިސްނަގައިގެން، އެ ރަށުގެ ކަނޑޫފަލުގައި ތަރައްޤީ ކުރަމުން އަންނަ ނޭޗާ ޕާކުގެ ބޭނުން ރޭގަނޑު ވެސް ކުރެވޭނޭ އިންތިޒާމް ހަމަޖެއްސުމަށް ބޭނުންވާ ކަރަންޓް އުފެއްދުމަށްޓަކައި ސޯލާޕެނަލްއާއި އޭގެ ބެޓްރީސެޓް އަވިޓެކްނިލޮޖީގެ ފަރާތުން ހަދިޔާކޮށްފިއެވެ.
މިކަމާއި ގުޅިގެން ކުރެވި ޖަމިއްޔާއިން މައުލޫމާތު ދީފައިވާ ގޮތުގައި އަވިޓެކްނޮލޮޖީގެ ފަރާތުން އެ ޕާކަށް ހަދިޔާކޮށްފައިވަނީ 3 ކިލޯ ވޮޓްގެ ޕީވީ ސިސްޓަމަކާއި އަދި 9.6 ކިލޯ ވޮޓްގެ ބެކަޕް ބެޓްރީ ސެޓަޕެކެވެ. މިސިސްޓަމް މެދުވެރިކޮށް އެތަނުގެ ދިއްލުންތައް ދިއްލުމަށް ހަމަޖެހިފައިވާއިރު އެ ޕާކު ވެގެންދާނީ ތިމާވެއްޓާއި ރައްޓެހި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ޕާކަކަށެވެ.
އެ ރަށުގެ ކަނޑޫފަލުގައި ހަދަމުންދާ ނޭޗާ ޕާކު މަސައްކަތް ގާތްގަނޑަކަށް ނިމުމަކާއި ގާތަށް ގޮސްފައިވާއިރު އެތަން ފުރިހަމަ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ފެންގަނޑުގެ މެދުގައި ހަޓެއްހަދައި އެ ހަޓަށް އަރާފޭބުމަށް ފާލަމެއް ވަނީ ތަރައްޤީ ކުރެވިފައެވެ. އަދި ކަނޑޫފަލުގެ ފެންގަނޑުގެ މަތިން އެއްފަރާތުން އަނެއްފަރާތަށް ދެވޭނޭހެން ކުޑަ ބުރިޖެއް ހެދިފައިވާއިރު އެސަރަހަށްދަށް ދެވެންއޮންނަ މަގު ވަނީ އެތަނަށް ފަސޭހަކަމާއި އެކު ދަތުރުކުރެވޭނޭހެން ރީތިކޮށް ސާފުކުރެވިފައެވެ.
އަވިޓެކްނޮލޮޖީއަކީ އަވިން ކަރަންޓް އުފެއްދުމަށް ބޭނުންވާ ސޯލާޕެނަލް އާއި އޭގެ ބެޓްރީސެޓްފަދަ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކައި އަދި އެތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. ކުމުންދޫގެ ޕާކަށް އަވިޓެކްނޮލޮޖީގެ ފަރާތުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް ކުރެވި ޖަމްޢިއްޔާގެ ފަރާތުންވަނީ ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!