މާލެ ސިޓީ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މުޒާހަރާ ކުރަން އިދިކޮޅުން ނިންމައިިި، އެކަން މިއަދު ޢިއުލާން ކޮށްފިއެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ހަވީރު މާލެ ސިޓީ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މުޒާހަރާ ކުރަން ނިންމާފައިވާ ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން "ރާއްޖެ ވިއްކާލުމާ ދެކޮޅަށް އަތޮޅު ތެރޭގެ މުޒާހަރާ" މިނަމުގައި ބާއްވާ އެ މުޒާހަރާ ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހު ހަވީރު 4 އިން 6 ކަމަށް ވެސް ޝުޖާޢު ވިދާޅުވިއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރަށް ފާޑުކިޔައި ޝުޖާޢު ދެއްކެވި ވާހަކާގައި ޤައުމުގެ ހަރުމުދާ ވިއްކަން ސަރުކާރު އުޅޭ ކަމަށާއި، މަޝްރޫޢުތައް ހިންގުމަށް ގިނަ ލޯނު ތަކެއް ނަގަމުން ދާކަމަށާއި،އައްޑޫން ބަޔަކާއި، ބައެއް އެއަރޕޯރޓްތައް ދިގު މުއްދަތަކަށް އަވަށްޓެރި ޤައުމަކަށް ކުށްޔަށް ދޭން އުޅޭ ކަމަށް ތުހުމަތު ކުރެއްވިއެވެ.
ޝޫޖާޢޫގެ މިގޮތަށް ތުހުމަތު ކުރެއްވި އިރު ނިމުނު ސަރުކާރުން ހިންގި ބޮޑެތި މަޝްރޫޢުތައް ކަމަށްވާ ސިނަމާލެ ބްރިޖުގެ މަޝްރޫޢުއާއި، ވެލާނާ އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުއާއި އަދި ހުޅުމާލޭގެ ހައުސިން މަޝްރޫޢުތަކަށް އެ ސަރުކާރުން ވެސް ވަނީ ބޭރުން ބޮޑެތި ޢަދަދުތަކުގެ ލޯނު ނަގާފައި އެވެ.
މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުމަށް ސިންގަޕޫރުގެ ކުންފުންޏަށް ހަވާލުކޮށްފައި ވަނީ ހަމަ އަގަށް ވުރެ ތިން ގުނަ ބޮޑުކޮށް ކަމަށް ގިނަ ބަޔަކު ތުހުމަތު ކޮށްފައިވާއިރު، އެ ސަރުކާރުން އެސްއީޒެޑްގެ ނަމުގައި ޤާނޫނެއް ވުޖޫދުކޮށް ފ. އަތޮޅު ސައޫދީ ސަރުކާރަށް ވިއްކާލަށް އުޅުނު ކަމަށް ވެސް ވަރަށް ބޮޑަށް އަޑު ފެތުރުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!