ގދ. ތިނަދޫގައި ހުންނަ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބިން ސާފުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ.

މިކަމާއި ގުޅިގެން މިއަދު އެ ކުންފުނިން ބުނެފައިވަނީ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑު ކުރުމަށް ޓަކައި އެ މަޝްރޫޢުގެ ދަށުން އެތަނުގެ ބިން ސާފުކުރުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ފަށައިގެން ކުރިއަށް ދާ ކަމަށެވެ.

Ad
rt

އިތުރަށް ބުނެފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެ ކުންފުންޏާއި 33.5 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މި މަސައްކަތް ނިންމާލެވުމުން އެ ހޮސްޕިޓަލަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ހައްލުވެގެން ދާނެކަމަށެވެ.

"އެމަސައްކަތް ހަވާލުކުރެވިފައިވާ މުއްދަތަށް ނުނިމި ފަހުން އެމްޓީސީސީގެ މެނޭޖްމެންޓަށް އައި ބަދަލާއެކީގައި އެމީހުންނާ ބައްދަލުކޮށް ޔަގީންކަން ދީފައިވަނީ އެބޭފުޅުން މިހާރު އެމަސައްކަތް ފަށައިގެން އަޅުގަނޑުމެންނަށް އެބޭފުޅުން ދެއްވާ ތާވަލަކާއެކީގައި ކުރިޔަށްދާނެކަމަށް. ދެން އެމްޓީސީސީ ގައި ދަންނަވާފައިވާނެ އެތާވަލް ހެލްތު މިނިސްޓްރީއަށް ފޯރުކޮށްދޭށޭ އެމަސައްކަތް ނިމޭނެ ތާރީޚެއް. އެމަސައްކަތް އެމްޓީސީސީ އާ ހަވާލުކުރީ މިއަހަރުގެ ފުރަތަމަ މަސް ނިމުމުގެ ކުރިން ނިންމަން. އެހެންނަމަވެސް ފުރަތަމަ މަސް ނިމުމުގެ ކުރިން އެމަސައްކަތް ކުރިޔަށް ނުދާތީ އެމްޓީސީސީ އާ ވާހަކަ ދައްކައިގެން އެބޭފުޅުންނަށް އެމަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުގެންދެވޭ ކަމަށްވާނަމަ އެހެން ގޮތަކަށް މަސައްކަތްކުރުމުގެ ފުރުސަތު ހޯދުމަށްޓަކައި މަސައްކަތްކުރާނަން."

އެ ހޮސްޕިޓަލަށް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކުރިޔަށްނުދާތީ މި އަހަރުގެ ފެބްރުއަރީ މަހު ތިނަދޫ އުތުރު ދާއިރާގެ މެމްބަރ އަބްދުލްމުޣުނީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައި ވެއެވެ.

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ މި ޝަރުކާރުން ޓާޝަރީ ފެންވަރަށް ބަދަލުކުރަން ނިންމާފައިވާ ހޮސްޕިޓަލެކެވެ. އަދި އެކަން އިއުލާންކޮށް ފާއިތުވި 2019 އަހަރުގެ ކުރީކޮޅު އާ އިމާރާތް އެޅުމަށް ބީއޯކިޔު ހެދުމާއި، އިމާރާތް ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދުމަށް ވެސް އިޢުލާން ކޮށްފައި ވެއެވެ.