ނިމިދިޔަ 2019 ވަނަ އަހަރަކީ އެ ކުންފުނީގެ ތާރީޚުގައިވެސް މާލީގޮތުން އެންމެ ކާމިޔާބު އެއްއަހަރު ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
މިގޮތުން ކުންފުނީގެ ޖުމްލަ ފައިދާ އޭގެކުރީ އަހަރާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެފައިވާއިރު، ހިންގުމުގެ ފައިދާވަނީ 80 އިންސައްތަ އިތުރުވެފައިވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ސާފު ފައިދާ އޭގެކުރީ އަހަރާ އަޅާބަލާއިރު ވަރަށްބޮޑުތަން އިތުރުވެފައި ވާކަމަށެވެ. 2018 ވަނަ އަހަރު 14 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބުނުއިރު، 2019 ވަނަ އަހަރުގެ ސާފު ފައިދާއަކީ 303 މިލިއަން ރުފިޔާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެކުންފުނިން އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެސްޓީއޯއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 683 މިލިއަން ރުފިޔާވަނީ ލިބިފައެވެ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު، 80 އިންސައްތަ އިތުރުއަދަދެެކެވެ.
"ނިމިދިޔަ 2019 ވަނަ އަހަރަކީ އެސްޓީއޯގެ ތާރީޚުގައިވެސް މާލީގޮތުން އެންމެ ކާމިޔާބު އެއްއަހަރެވެ. މިގޮތުން ކުންފުނީގެ ޖުމްލަ ފައިދާ އޭގެކުރީ އަހަރާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެފައިވާއިރު، ހިންގުމުގެ ފައިދާވަނީ 80 އިންސައްތަ އިތުރުވެފައެވެ."
= އެސްޓީއޯ =
މުޅި އެސްޓީއޯ ގްރޫޕްގެ ފައިދާވެސް 2018 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރުވެފައި ވާއިރު، 2019 ވަނަ އަހަރު އެސްޓީއޯ ގްރޫޕް ފައިދާގެ ގޮތުގައި 383 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރު ނިމުނު އިރު، އެސްޓީއޯ ގުރޫޕުގައި 9 ސަބްސިޑަރީ ކުންފުނި ހިމެނެއެވެ.
އެސްޓީއޯ ގުރޫޕުގައި 9 ސަބްސިޑަރީ ކުންފުނި ތެރެއިން މިދިޔަ އަހަރު އެންމެ ރަނގަޅު އާމްދަނީއެއް ހޯދާފައި ވަނީ ފިއުލް ސަޕްލައި މޯލްޑިވްސް އިންނެވެ. އެގޮތުން ތެޔޮ ވިއްކަގެން 6،458 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 77 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މީގެ އިތުރުން ދެން އެސްޓީއޯއަށް އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ ރާއްޖެއަށް މުދާ އެތެރެކޮށް، އޭގެ ވިޔަފާރިކުރުމުގެ ދާއިރާއިންނެވެ. ޓްރޭޑިންގ އިން 2،646 މިލިއަން ރުފިޔާގެ އާމްދަނީއެއް މިދިޔަ އަހަރު ލިބިފައިވެއެވެ.
މަސްވެރިކަމުގެ ވިޔަފާރިން އެސްޓީއޯ މިދިޔަ އަހަރު 1،359 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ 2018 ވަނަ އަހަރު ލިބުނު އާމްދަނީ އަޅާ ބަލާއިރު، 4 އިންސައްތަ އިތުރު އަދަދެކެވެ.
އިންޝުއަރެންސްގެ ޚިދުމަތް ދީގެން މިދިޔަ އަހަރު 210 މިލިއަން ރުފިޔާގެ އާމްދަނީއެއް އެސްޓީއޯއަށް ލިބިފައިވެއެވެ. އިންޝުއަރެންސްގެ ޚިދުމަތްދީގެން 2018 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 245 މިލިއަން ރުފިޔާއެވެ.
އެސްޓީއޯއިން މިދިޔަ އަހަރު މާލީގޮތުން ހޯދާފައިވާ ކާމިޔާބާ ގުޅޭގޮތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ، މިފަދަ ކާމިޔާބެއް ލިބުނީ ކުންފުނީގެ ޚަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އަދި އަމްރު ވަނީ ކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!