ދިވެހި ރާއްޖެ ސޮވަރިން ޑީފޯލްޓަކަށް ދިޔަ ނުދެއްވާނެ ކަމަށާއި، ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރަ ނުދެވުމުގެ ކަމެއް ދިމާނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދައުލަތް ދަރަނިވެފައިވާ މިންވަރު އޮޅުން ނުފިލާކަމަށާއި، އަދި ދަރަނި ބެލެހެއްޓުމުގެ މަސައްކަތްތައް ކަމާގުޅޭ ޤާނޫނާ އެއްގޮތަށް ނުހިނގާތީ އެކަމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދަކަށް އެދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއްޔެ ހުށަހެޅުއްވި މައްސަލައާއި ގުޅިގެން، މަޖިލީހުގެ މުޅި ކޮމިޓީއިން މިއަދު މަޖިލިސް ތަޅުމުގައި ކުރިއަށް ގެންދާ ޖަލްސާގައި މިނިސްޓަރު އަމީރު މިއަދު ހާޒިރުވެ ވަޑައިގެން ވިދާޅުވީ، ސޮވަރިން ގެރެންޓީ ނުވަތަ ދައުލަތުން ޖާމިނުވާގޮތަށް ނަގާފައިވާ ލޯނުތަކަށް ފައިސާ ދައްކާތޯ އާއި ނުދައްކާތޯ ފިނޭންސުން ދުވަހުން ދުވަހަށް ބަލަމުން އަންނަ ކަމަށެވެ.
ދައުލަތުން ދިން ގެރެންޓީއެއްގެ ދަށުން ދޫކޮށްފައިވާ އެއްވެސް ލޯނެއް ފައިސާ ނުދެއްކި ދިގުލައިގެން ދާނަމަ، ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ މުދާ ދައުލަތަށް ނަގައިގެން ވިޔަސް، އެ ލޯނު ދައްކާ ހަލާސްކުރާނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރުގެ، އަޙްމަދު ސިޔާމް ހޯލްޑިންގްސްއަށް ސަރުކާރުން ދީފައިވާ ލޯނެއް ޑިފޯލްޓް ވެފައިވާކަމަށް ބުނާ މައްސަލައާއި ގުޅޭގޮތުން އަމީރު ވިދާޅުވީ، ސިޔާމް ކުންފުނިން ޗައިނާގެ އެގްޒިމް ބެންކުން ނަގާފައިވާ 127.5 މިލިއަން ޑޮލަރުގެ ލޯނަށް ދައުލަތުގެ ނަމުގައި ގެރަންޓީ ދީފައިވަނީ އުސޫލުގެ ތެރެއިންކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، އެކުންފުނިން މިއަހަރުގެ ޖެނުއަރީއާއި ހަމައަށް ބަރާބަރަށް ފައިސާ ދައްކަމުން ދިޔަކަމަށާއި، ނަމަވެސް މިދިޔަ މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ދައްކަން އޮތް އިންޓްރެސްޓާއި ޕްރިންސިޕަލް ޕޭމެންޓް ދައްކާފައިނުވަނީ، ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވި ޙާލަތާއި ގުޅިގެންކަމަށް އެކުންފުނިން އަންގާފައިވާކަމަށެވެ. އަދި ޖުލައި މަހުގެ 22 ވަނަ ދުވަހު އެފައިސާ ނުދައްކާތީ ގެރެންޓީ ދީފައިވާ ފަރާތުގެ ހައިސިއްޔަތުން އެފައިސާ ސަރުކާރުން ދެއްކުމަށް އެގްޒިމް ބޭންކުން އަންގާފައިވާކަމަށް އަމީރު ވިދާޅުވިއެވެ.
އެހެންކަމުން ފަސް ދުވަހުގެތެރޭގައި އެފައިސާ ފިނޭންސް މިނިސްޓްރީއާއި ބޭންކް އޮފް މޯލްޑިވްސްއާއި އެކު ހަދާފައިވާ އެސްކްރޯ އެކައުންޓަށް ޖަމާކުރުމަށް އެންގުމުން އެކުންފުނިން ފައިސާ ޖަމާކުރިކަމަށާއި، އަދި އެފައިސާ އެގްޒިމް ބޭންކަށް ދައްކާފައިވާކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ވެސް ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރަ ނުދެވުމުގެ ކަމެއް ދިމާނުވާނެ ކަމަށް ވިދާޅުވެ، އެކަމާއި ގުޅޭގޮތުން މިނިސްޓަރު އަމީރު ވިދާޅުވީ ކޭޝް ފްލޯ މެނޭޖް ކުރުމަށްޓަކައި ކޮންމެ ދުވަހަކު ވެސް ކޭޝް ފްލޯ ކޮމިޓީ ބައްދަލުވެ އެ މަސައްކަތް ރަނގަޅަށް ކުރަމުންދާ ކަމަށެވެ. އަދި އެހެން އަހަރުތަކާއި ހިލާފަށް މިދިޔަ އަހަރަކީ ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރެއް ކަމަށާއި ކޭޝް ފްލޯގެ އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"މެމްބަރުންނަށް ޔަގީންކަން ދެން މުސާރަ ނުދެވުމުގެ ކަމެއް ދިމައެއް ނުވާނެ، ސޯޝަލް ސާވިސްގައި ކުރަމުންދާ މަސައްކަތުގެ ހުއްޓުމެއް ނާންނާނެ. މިހާރު ހަވާލުކޮށްފައި ހުރި ޕްރޮޖެކްޓުތައް ކުރިއަށްދާނެ. މިހާރުވެސް ބިލްތައް ޕްރޮސެސް ކުރަމުން މިދަނީ"
މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މަޖިލީހުގެ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި، ކުރީގެ ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރާއި، ކުރީގެ ފިނޭންސް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދުގެ އިތުރުން އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔާތު ވަނީ ޙާޒިރު ކޮށްފައެވެ. އަދި އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމްވެސް ވީޑިއޯ މެދުވެރިކޮށް ބައިވެރިވެވަޑައިގެން ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!