ޔުއެފާ ޔޫރޮޕާ ލީގުގައި ކުއާޓާ ފައިނަލްގައި ރޭގައި ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑާއި އިންޓަމިލާން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މުބާރާތް މެދުކަނޑާލުމަށްފަހު އަލުން ފަށާފައި މިވަނީ ބަދަލުތަކަކާއި އެކުގައެވެ. މިގޮތުން މި މުބާރާތުގެ ކުއާޓާ އާއި އަދި ސެމީގެ މެޗްތައް ވެސް މިހާރު ކުޅުމަށް ހަމަޖެހިފައިވަނީ އެންމެ ލެގެކެވެ.
ޔުނައިޓެޑް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލް މެޗުގައި ރޭ ޑެންމާކުގެ ޗެމްޕިއަން ކޯޕެންހޭގަން މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމުންވެސް ލަނޑު ޖަހާނެ ފުރުޞަތުތަކެއް ހޯދިނަމަވެސް މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވެއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ޔުނަޓެޑުން ވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ލަނޑުޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސްއެވެ.
މި މެޗުން ޔުނައިޓެޑް މޮޅުވުމާއި އެކު ސެމީގައި އެ ޓީމު ނިކުންނަން ޖެހޭނީ މިރޭ ވޮލްވެސް އާއި ސެވިއްޔާ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
އިންޓަމިލާން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލް މެޗުގައި ރޭ ޖަރުމަނުގެ ބަޔާން ލެވަކޫސެންގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.
މި މެޗުގެ ކުރީކޮޅު އިންޓައިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 15 ވަނަ މިނެޓުގައި ނިކޯލޯ ބަރޭލާ ވަނީ އިންޓައަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 21 ވަނަ މިނެޓުގައި ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ އިންޓައަށް ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑާއެކު ލުކާކޫ ވަނީ ޔުރޮޕާ ލީގުގައި ޖެހިޖެހިގެން ނުވަ މެޗުގައި ލަނޑު ޖަހާ ރިކޯޑެއް ގާއިމުކޮށްފައެވެ.
މެޗުގައި އިންޓައިން ލީޑު ފުޅާކުރި ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން ކާއީ ހާވާޓްޒް ވަނީ ލެވަކޫސެންއަށް ފަރަގު ކުޑަކޮށްދީފައެވެ.
ލެވަކޫސެން ބަލިކޮށް އިންޓަ ސެމީއަށް ދަތުރުކުރިއިރު، މިއީ 2010 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށްފަހު ޔޫރަޕްގެ މުބާރާތެއްގެ ސެމީގައި އިންޓަ ކުޅޭނެ ފުރަތަމަ ފަހަރެވެ.
މި މެޗުން އިންޓަމިލާން މޮޅުވުމާއި އެކު ސެމީގައި އެ ޓީމު ނިކުންނަން ޖެހޭނީ މިރޭ ބަސެލް އާއި ޝާކްޓާރް ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!