ޤާނޫނުތަކަށް ތަބާވާން ޖެހެނީ އާންމު ފަރުދުން އެކަންޏެއް ނޫންކަމަށާއި، ވަޒީރެއް ވިޔަސް، އާންމު ފަރުދެއް ވިޔަސް ޤާނޫނުތަކުގައި ބުނާ ކަންކަން ކުރަންޖެހޭނެ ކަމަށް މެދުހެންވޭރު ދާއިރާގެ މަޖިިލިސް މެމްބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޕީޖީލީޑަރުކަން ވެސް ކުރަށްވާ މެމްބަރު ޢާޒިމް މިހެން ވިދާޅުވީ މިނިސްޓަރ އޮފް ޔޫތް، ސްޕޯރޓްސް ކޮމިއުނިޓީ އެންޕަވަރމަންޓް އަހުމަދު މަހުލޫފަށް ފޮނުއްވާ ފައިވާ ސިޓީއެއް ޓުވީޓާގައި ހިއްސާ ކުރަށް ވަމުންނެވެ. ޢާޒިމް ވަނީ އޭނާ ކުރަން އެދުނު ދެވަނަ ހުތުރު ކަމަކީ އެއީތޯ ސުވާލު ވެސް ކުރަށްވާފައި ވެއެވެ.
ހުސްވި ޖުލައި މަހުގެ 6 ވަނަ ދުވަހުގެ ޔޫތު މިނިސްޓަރަށް، އާޒިމް ފޮނުއްވާފައިވާ އެ ސިޓީގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގައި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާތައް، ރެގިއުލޭޓްކޮށް ކުރިއަރުވައި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެ ދާއިރާއަށް ދިވެހި ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކޮށް ތަރުތީބުކުރުމަކީ މިނިސްޓަރު މަޙްލޫފުގެ ޒިންމާ އޮތް ކަމެއް ކަމުގައި ދެކިވަޑައި ގަންނަވާ ކަމަށެވެ.
"ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖުލީހުން ވަކިގޮތަކަށް ކަމެއްކުރުމަށް އަންގާފައި ވަނިކޮށް، ދައުލަތުގެ ދެ ބާރަށް ގޮންޖަހައި، ގާނޫނީ ދައުލަތް މި ރާއްޖޭގައި ހިގަމުން ނުދާކަން ދެއްކުމުގެ ސިޔާސީ ޙަރަކާތެއްގެ ގޮތުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން 2 ޖުލައި 2020 ވަނަ ދުވަހު ބޭއްވި އިންތިޚާބީ ކޮންގްރެސްގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ
އެ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދާއިވެސް ޚިލާފަށް ކަމުގައި އަޅުގަނޑު ދެކެމެވެ."
އާޒިމް ވިދާޅުވެފައި ވެއެވެ.
އާޒިމް ވިދާޅުވީ އެފްއޭއެމްގެ ހިންގާ ގަވާއިދުގެ 30 ވަނަ މާއްދާގައި އެ އެސޯސިއޭސަންގެ ހިންގާ ގަވާއިދަށް އިސްލާހު ހުށައެޅޭނީ ހަމައެކަނި މެމްބަރު ކްލަބްތަކުން ނުވަތަ ހިންގާ ކޮމިޓީގެ ފަރާތުންކަމަށާއި، މިގޮތުން އެފްއޭއެމްގެ މެމްބަރެއްގެ ފަރާތުން އިސްލާހެއް ހުށައަޅަނީނަމަ، އެ އިސްލާހެއް ސައްހަ ކަމަށް ބެލެވޭނީ ތިން ބައި ކުޅަ އެއްބައި މެމްބަރުން ލިޔުމުން އެ އިސްލާހަކަށް ތާއިދުކޮށްފައިވާ ނަމަ ކަމަށް ބަޔާން ކޮށްފައި ވާކަމަށެވެ.
"އެފްއޭއެމްގެ ހިންގާ ގަވާއިދުގެ 28 ވަނަ މާއްދާއަށް ބަލާއިރު އިސްލާހުތަކުގެ ތަފްސީލް ކޮންގޮރެސް ފެށުމުގެ 30 ދުވަސް ކުރިން
ލިޔުމުން އެފްއޭއެމްގެ ސެކްރެޓޭރިއޭޓަށް ހުށައަޅަން ޖެހޭކަމަށާއި، މިގޮތުން އެފްއޭއެމްގެ މެމްބަރުންވެސް އަދި ހިންގާ ކޮމިޓީގެ ފަރާތުންވެސް އެއްވެސް އިސްލާހެއް ހުށައަޅަން ގަސްތުކުރާނަމަ ކޮންގްރެސްގެ އެޖެންޑާ ފައިނަލް ކުރުމުގެ ކުރިން އެ އިސްލާހެއް ހުށައެޅުމަށާއި އެފަދައިން ހުށަހެޅޭ އެންމެހާ އިސްލާހުތައް އެފްއޭއެމްގެ އެންމެހާ މެމްބަރުންނަށް ކޮންގުރެސް ފެށުމުގެ 10 ދުވަސް ކުރިން ހިއްސާކުރުމަށް، ހިންގާގަވާއިދުގެ 27 ވަނަ މައްދާގައި ބަޔާން ކޮށްފައި ވާކަން ފާހަގަކުރަމެވެ." އާޒިމް އިތުރަށް ވިދާޅުވެފައި ވެއެވެ.
އެކަންކަމަށް ރިއާއަތް ކުރަށްވައި އާޒިމް ވިދާޅުވީ، އެ ކަންތައްތަކުގެ އިތުރުން 02 ޖުލައި 2020 ވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ
އިންތިޚާބު ކުރިއަށް ގެންގޮސް، އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދު އިސްލާކޮށްފައިވަނީ ދިވެހިރާއްޖޭގެ "ކްލަބް ޖަމިއްޔާ
ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދު" 16 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބުނާ "ހިންގާ ގަވާއިދު ބަދަލުކުރުން"
މާއްދާއާއިވެސް މުޅިން ހިލާފަށްކަމަށް ދެކިވަޑައި ގަންނަވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު (ގާނޫން ނަމްބަރ: 2015/30 ) 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެން ވާގޮތުން ދިވެހިރާއްޖޭގައި ވާދަވެރި ގޮތުގައި ކުޅެވޭ އެންމެހާ ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާ އަދި އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމާއި އެ ފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ފަރާތްތައް އަމަލުކުރޭތޯ ފާރަވެރިވެ، ކަނޑައެޅިފައިވާ އުސޫލުން އަމަލު ނުކުރާ ފަރާތްތަކާމެދު އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންޖެހޭނޭ ކަމަށް އޮތްއިރު އެ ކަންކޮށްފައިނުވުމުން އެ ފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުއްވުމަކީ މަނިކުފާނުގެ ގާނޫނީ ޒިންމާއެއްކަން ހަނދުމަފުޅުކޮށް އަރުވަމެވެ."
އާޒިމް ވިދާޅުވެފައި ވެއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެހާ ކަންކަން އިންތިޒާމްކޮށް ހިންގާ މައި ޖަމްޢިއްޔާ ފީފާގެ ސްޓެޓިއުޓްސްގެ 11 މާއްދާގެ މަފްހޫމްއަކީ ފީފާގެ އޮނިގަނޑުގެ ދަށުން ދޭދޭ ގައުމުތަކު މުތަކުގައި އެކުލަވާލެވިފައިވާ ފުޓްބޯޅަ އެސޯސިއޭޝަންތައް ހިންގަންޖެހޭނީ އެ ގައުމުތަކުގައި، ކަމާގުޅޭގޮތުން ގާއިމްވެފައިވާ އެންމެހާ ގާނޫންނުތަކާ ގަވާޢިދުތަކާ އެއްގޮތަށް ކަމަށް ވިދާޅުވެ، އާޒިމް ވިދާޅުވީ މިހެންކަމުން އެފްއޭއެމް ވެސް ހިންގަންޖެހޭނީ ދިވެހިރާއްޖޭގެ ކަމާގުޅޭ ގާނޫންތަކާ ގަވާޢިދުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.
މިކަން މިގޮތަށް ނުދާނަމަ މި މައްސަލަ ފީފާގެ ސަމާލުކަމަށް ގެނެސް މިކަން ރަނގަޅު ކުރުމަކީ މިނިސްޓަރު މަހްލޫފްގެ ޒިންމާއެއް ކަމަށް ދެކި ވަޑައިގަންނަވާ ކަމަށާއި، އެފްއޭއެމްގެ ސިޔާސީ ޖަގަހެއްގޮތުގައި ޙަރަކާތްތެރިވުމަށް ފުރުޞަތު ފަހިވެފައި އޮތުމަކީ ދިވެހި ފުޓްބޯޅައަށް އިއާދަ ނުކުރެވޭނޭ ފަދަބޮޑު ގެއްލުމެއް ވާނޭކަމެއް ކަމަށް ވެސް އާޒިމް ވަނީ އެ ސިޓީގައި ވިދާޅުވެފައެވެ.
ކުރިން އެފްއޭމްގެ ރައީސްކަން ކުރެއްވުމުގެ އިތުރުން ދިވެހި ފުޓްބޯޅައަށް ޚިދުމަތް ކުރަށްވާފައިވާ އާޒިމް ގެންދަވަނީ، އެފްއޭއެމްގެ އެންމެ ފަހުގެ އިންތިޚާބާއި ގުޅިގެން، އެ އިންތިޚާބު ކުރިއަށް ގެންގޮސްފައިވަނީ އުސޫލުތަކާއި އެއްގޮތަށް ނޫން ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރަށް ވަމުންނެވެ.
ކޮންގުރެސް ބާއްވަން އުޅޭކަން ކޮންގްރެސް ބޭއްވި ދުވަހާއި ޖެހެންދެން ސިއްރުކޮށްފައި ބޭއްވުމަށްފަހު އެފްއޭއެމްއިން ވަނީ ޖުލައި 2 ވަނަ ދުވަހު ކުއްލިއަކަށް އެ އެސޯޝިއޭސަންގެ ކޮންގްރެސް ބާއްވައިފައެވެ.
އެފްއޭއެމް އިލެކްޝަން ކަންތަކުގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އުޅުއްވަނީ އޭނާ ލައްވައި ވަރަށް ހަޑި ކަންތައްތަކެއް ކުރުވަން ކަމަށް މިނިސްޓަރު މަހްލޫފް ވަނީ އެފްއޭއެމް އިންތިހާބާއި ގުޅޭ ގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް ޖުލައި 21 ވަނަ ދުވަހު މަޖިލީހުގެ ތަޅުމުގައި ކުރެއްވި ސުވާލެއްގެ ޖަވާބުގައި ވިދާޅުވެފައެވެ.