ހއ. އިހަވަންދޫ ތަހުތު ބޯޓާއި، 242 ބޯޓުން ދަތުރު ކުރިބަޔަކު ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ބޯޓު ބަނދަރުކުރި އުތުރުގެ ހަތަރު ރަށެއް ކަރަންޓީނު ކޮށްފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.

މިގޮތުން އެޗްޕީއޭއިން އަރައި ފޭބުން މަނާކޮށް، ކަރަންޓީނު ކުރީ އެ ދެ ބޯޓު ނިސްބަތްވާ ހއ. އިހަވަންދޫގެ އިތުރުން ހދ. ގެ 3 ރަށް ކަމަށްވާ ފިނޭ، ނޮޅިވަރަމް އަދި މަކުނުދޫ އަށެވެ.

Ad
rt

އެޗްޕީއޭއިން އެރަށްތަކަށް އަރާ ފޭބުން މަނާކޮށް، ކަރަންޓީނު ކުރިކަން އަންގައި ފޮނުވި ލިޔުމުގައި އެ ފިޔަވަޅު އެޅި ސަބަބެއް ކަމަށް ބުނެފައި ވަނީ އެރަށް ތަކުގައި ތިބި ބައެއް މީހުންގެ ކިބައިން ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމަތް ތަކެއް ފެނުމާއި ގުޅިގެން ސިއްޙީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ބޭނުން ވާތީ ކަމަށެވެ.

އެޗްޕީއޭއިން ވަނީ އެ ހަަތަރު ރަށަށް ވެސް އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން އެޗްޕީއޭގެ ހުއްދަ ނެތި އެއިން ރަށަކުން ފޭބުމާއި، އެރުން މަނާކޮށް އެރަށްތައް ކަރަންޓީން ކުރެވިފައި ވާކަމަށް އަންގާ ފައެވެ.

އެޗްޕީއޭއިން ފިނޭ ކަރަންޓީނު ކުރުމާއި ގުޅިގެން މަޢުލޫމާތު ހިއްސާ ކުރަށް ވަމުން ފިނޭ ކައުންސިލްގެ ރައީސް ޙަސަން ރަޝީދު "ތިލަދުން" އަށް ވިދާޅުވީ އެރަށަށް ހއ. އިހަވަންދޫ ތަހުތު ބޯޓު ބަނދަރުކޮށްފައި ވާކަމަށާއި، އެ ބޯޓު އޮތް ސަރަޙައްދަށް ދިޔަ18 މީހަކާއި، އެ ބޯޓު ފަޅުވެރިންނާއި ސީދާ ބައްދަލުވި 5 މީހެއް ދެނެގަނެވިފައި ވާ ކަމަށެވެ. އަދި އެ މީހުންގެ މަޢުލޫމާތު ކަމާއި ބެހޭ އިދާރާތަކާއި މިހާރު ހިއްސާ ކޮށްފައި ވާނޭ ކަމަށް ހަސަން ވިދާޅުވިއެވެ.

ނޮޅިވަރަމް ކަރަންޓީނު ކުރުމާއި ގުޅިގެން މަޢުލޫމާތު ހިއްސާ ކުރަށް ވަމުން އެ ރަށު ކައުންސިލްގެ ރައީސް އިބްރާޙީމް ރަޝީދު (ގްރީން އިއްބެ) "ތިލަދުން" އަށް ވިދާޅުވީ އެރަށަށް ހއ. އިހަވަންދޫ ތަހުތު ބޯޓު ބަނދަރުކޮށް، މުދާބާލައި ހަދާފައި ވާކަމަށާއި، އަދި އެ ބޯޓުގެ ކެޕްޓަން ރަށު ތެރެއަށް ފައިބާ ފައިވާ ކަމަށެވެ. އިބްރާޙީމް ވިދާޅުވީ އެކަމާއި ގުޅިގެން ސީދާ ބައްދަލުވި މީހުން ދެނެ ގަތުމުގެ މަސައްކަތް ހެނދުނު 10 ޖަހާކަށް ހާއިރު ނިމިފައި ވާކަމާއި، އެ މަޢުލޫމާތުތައް ކަމާއި ބެހޭ އިދާރާތަކަށް އެ ރަށުގެ ސިއްޙީ މަރުކަޒުން މިހާރު ފޯރުކޮށް ދީފައި ވާކަމަށެވެ.

ކަރަންޓީނުކޮށް، އަރައި ފޭބުން މަނާކޮށްފައިވާ ހދ. މަކުނުދޫން، އެ ރަށު ސިއްޙީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތު އޮފިސަރ އިބްރާޙީމް ޝަރީފް "ތިލަދުން" އަށް ވިދާޅުވީ، އެރަށަށް ބަނދަރުކޮށް ފައި ވަނީ އިހަވަންދޫ ތަހުތު ބޯޓު ކަމަށާއި، އެކަމާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތް މިވަގުތުވެސް ކުރަށް ވަމުން ގެންދަވާ ކަމަށެވެ.

ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ، އެރަށުން ޕޮޒިޓިވްވި3 މީހުންނާއި ގުޅިގެން ސީދާ ބައްދަލުވި މީހުން ދެނެ ގަތުމުގެ މަސައްކަތް ހިނަގމުންދާ ކަމަށެވެ. ރަޝީދު ވިދާޅުވީ އެ ރަށުން ޕޮޒިޓިވް ވެފައި ވަނީ242 ބޯޓުގެ ކޭޝިއަރާއި ފަޅުވެރިއެއްގެ އިތުރުން ތަހުތު ބޯޓުން ދަތުރުކުރި މީހެއް ކަމަށެވެ.

ހއ. ކެލާ ސަވާރީ ބޯޓުން ދަތުރު ކުރި 10 މީހެއްވެސް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. ކެލާ ކައުންސިލުން ހާމަކުރަށްވާފައި ވާގޮތުގައި މި 10 ކޭހާއި ގުޅިގެން އޯގަސްޓް 1 ވަނަ ދުވަހު 24 ސާމްޕަލެއް އަދި އޯގަސްޓް 2 ވަނަ ދުވަހު 8 ސާމްޕަލެއް ކޯވިޑަށް ޓެސްޓް ކުރުމަށް އެރަށުން ވަނީ ނަގާފައެވެ.