މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން، މޫސުން ގޯސްވާނެކަމަށް ލަފާކޮށް އަންނަނީ އެލާޓުތަށް ނެރެމުންނެވެ.
މޫސުން ގޯސް ކަނޑު ގަދަ ދުވަސްތަކުގައި އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހޭ ރަށްތައް ރާއްޖޭގައި ވަރަށް ގިނައެވެ. ބަނދަރު ހަލާކުވުމުގެ ސަބަބުން ނާއި ބަނދަރު ޑިޒައިންކޮށްފައިވާ ގޮތުން ނުވަތަ ބަނދަރު ހެދިފައިވާ ދިމާއެއްގެ ގޮތުން ބަޔެއް ރަށްރަށުގެ ބަނދަރު ބޭނުން ނުކުރެވޭ ހާލަތަށް ދިއުމަކީ އާންމުކަމެކެވެ. އެގޮތުން މިފަދަ ދުވަސް ވަރެއްގައި މިތަކުލީފު އުފުލަން ޖެހިފައިވާ އެއްރަށަކީ ށ. އަތޮޅު ފޯކައިދޫ ރައްޔިތުންނެވެ.
ހއ. ދިއްދޫ، އަސްލު ޓިންޓިން ލައިވްގެ ފަރާތުން މިއަދު ގެނެސްދީފައިވަނީ ފޯކައިދޫ ބަނދަރުގެ ހާލަތެވެ. މިލައިވް އިން ފެންނަ ގޮތުގައި ކަނޑުން އުފެދިގެން އަންނަ ރާޅުތައް ފަޅުގެ ބޭރުތޮށިމައްޗަށް ބިންދާލުމާއި އެކު ބަނދަރުގެ މަތިން ރަށު ތެރެއަށް އަރައިގެން އަންނަ މަންޒަރު ފެނިގެން ދެއެވެ. ޓިންޓިން ބުނެފައިވާ ގޮތުގައި މި ރާޅުތަކުގެ އުސްމިނުގައި 8 ފޫޓު ނުވަތަ9 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.
ފޯކައިދޫއަކީ ފުރާދުއްވާ އުޅަނދުފަހަރު ގިނައަދަދަކަށް ގެންގުލޭ ރަށަކަށް ވުމާއިއެކު ފަޅު ގަދަ ވުމާއި އެކު ގިނަ އުޅަނދުތަކެއް ރަށުގެ އަނެއްފަޅިއަށް ގެންގޮސްފައިވާކަމަށް މަޢުލޫމާތުލިބެއެވެ.
ފޯކައިދޫ ބަނދަރު އަޕްގުރޭޑް ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ޑިޒައިން އެންޑް ބިލްޑްއުސޫލުން މިނިސްޓްރީ އޮފް ފިނޭންސް އިންވަނީ ފޯކައިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފައެވެ. ނަމަވެސް މިއަދާއި ހަމައަށް މި ބަނދަރުގެ މަސައްކަތް ވަނީ ފެށޭގޮތް ނުވެފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މި ބަނދަރު އަޕްގުރޭޑްކުރުމުގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން ނެވެ.
މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ވޭތުވެދިޔަ 48 ގަޑިއިރުތެރޭގައި ނުރައްކާތެރި ކަނޑުމަތީގެ ތަފާތު 05 ހާދިސާއެއްގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސކިއު ކޯޑިނޭޝަން ސެންޓަރަށް ވަނީ ލިބިފައެވެ. މީގެތެރޭގައި މީހުންގެ ފުރާނައަށް ގެއްލުންވާ ފަދަ ހާދިސާތަކާއި އުޅަނދުފަހަރު އަޑިއަށް ދިއުންފަދަ ހާދިސާތައް ވަނީ ހިނގާފައިކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!