އިނގިރޭސި އެފްއޭކަޕް ސެމީފައިނަލްގެ ދެވަނަ މެޗު ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ ޗެލްސީން ހޯދައިފިއެވެ.

ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗުގައި މެންޗެސްޓާރ ޔުނައިޓެޑާ ވާދަކޮށް ޗެލްސީން މެޗު ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

މުޅި މެޗުގައި ވެސް ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޗެލްސީއަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ފްރާންސް ފޯވާޑް އޮލިވަރ ޖިރޫޑެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ އެ ޓީމުގެ ކެޕްޓަން އަޒްޕްލިކްއޭޓާ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އެއްލަނޑުގެ ތަފާތުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުފަށައި އެ ހާފުގެ ފުރަތަމަ މިނެޓް ތެރޭގައި ޗެލްސީން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބޮކޮށްފައެވެ. މެޗުގައި ޔުނައިޓެޑްގެ ކީޕަރ ޑޭވިޑް ޑެހެއާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ޗެލްސީގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފައި ވަނީވެސް ޑެހެއާއަށް ހެދުނު ގޯހަކުންނެވެ. އޭރިއާގެ ބޭރުން ޗެލްސީގެ ޒުވާން ކުޅުންތެރިޔާ މޭސަން މައުންޓް ފޮނުވާލި ބޯޅަ ގޯލްތެރެއަށް ވަދެފައިވަނީ ޑެހެއާ ހިފަން އުޅުމުގެ ތެރޭގައި އަތުގައި ޖެހިފައެވެ.

މެޗުގައި ޗެލްސީން ކާމިޔާބުކުރި ތިންވަނަ ލަނޑަކީ ޔުނައިޓެޑްގެ ޑިފެންޑަރ މެގުއާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ޗެލްސީގެ މާކޯސް އެލަންސޯ ޔުނައިޓެޑްގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބާރު ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި މެގުއާ އަތުން ބައިކޮޅަށް މި ލަނޑު ވަދެފައިވަނީ ފަހުހާފުގެ 74 ވަނަ މިނެޓުގައެވެ. ޔުނައިޓެޑުން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ ފަހު ހާފުގެ 86 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ މިޑްފީލްޑަރ ބުރޫނޯ ފެނާންޑޭސްއެވެ.

މި މެޗުން ޗެލްސީ މޮޅުވުމާއި ގުޅިގެން އެ ޓީމަށް ވަނީ އޯގަސްޓް މަހު އެއްވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެފްއޭކަޕް ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުވެގެން ގޮސްފައެވެ. ވެމްބްލީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި ބައްދަލު ކުރާނީ ސެމީފައިނަލް ފުރަތަމަ މެޗްގައި މެންޗެސްޓާރ ސިޓީ ބަލިކުރުމަށްފަހު ފައިނަލްގެ ފުރަތަމަ ޖާގަ ހޯދި އާސެނަލްއާއި ޗެލްސީއެވެ.