ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން (ކޭއާރުއެޗް) އެޕޮއިންޓްމެންޓް ހެއްދުމަށް ދަތިތަކެއް ހުރުމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ހދ. ނެއްލައިދޫއަށް ނިސްބަތްވާ ޒުވާނަކު ހިތްހަމަ ނުޖެހުން ފާޅުކޮށް ބުނެފައިވަނީ އެހޮސްޕިޓަލުން އެޕޮއިންޓްމެންޓް ހެއްދުނީ 532 ފަހަރު ގުޅައިގެންކަމަށެވެ.
މިކަމަށް ހައްލެއް ބޭނުންވާކަމަށް ބުނެ އެޒުވާނާވަނީ ކޯލް ކުރި އަދަދުގެ ސްކްރީންސޮޓްއެއްވެސް ހިއްސާކޮށްފައެވެ. އެޕޯސްޓްއަށް އިތުރަށް ހިޔާލު ފާޅުކުރި ކުމުންދޫ ކަނބަލަކު ހިއްސާ ކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި އެހޮސްޕިޓަލަށް 30 މިނެޓު ތެރޭގައި ގުޅަން ކުރި މަސައްކަތް ދައްކުވައިދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން 312 ފަހަރު ގުޅަން މަސައްކަތް ކޮށްފައިވާތަން ފެނެއެވެ.
މިޝަކުވާއަކީ އަބަދުވެސް ބޮޑުވެފައިވާ ޝަކުވާއެކެވެ. ހާއްސަކޮށް ހޮނިހިރު ދުވަހު ޑރ އަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން އެޕޮއިންޓްމެންޓް ހެއްދުމަކީ އުނދަގޫކަމެއްކަމުގެ ޝަކުވާ އަންނަނީ ކުރަމުންނެވެ. ކޭއާރުއެޗްއަކީ އުތުރުގެ 3 އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. ހާއްސަކޮން ހޮނިހިރު ދުވަހަކީ އެހޮސްޕިޓަލަށް ބާރު ބޮޑު ދުވަހެކެވެ.

މިއަހަރު ޖެނުއަރީ މަހު މި މައްސަލަ ބޮޑުވެ މިކަމުގެ ޝަކުވާ ކުރުމުން ކޭއާރއެޗްގެ މެނޭޖަރ އަޙްމަދު ދާއޫދު ވިދާޅުވީ ފޯނުކޮށްގެން އެޕޮއިންޓްމެންޓް ހެއްދުމުގެ މައްސަލައަށް ހައްލު ލިބޭނީ ކޯލް ސެންޓަރ ހެދުމުންކަމަށެވެ.
އެކަމަކީ އެންމެ އިސްކަމެއް ދީގެން ހައްލު ކުރެވޭތޯ މަސައްކަތް ކުރާ ކަންތައް، މިހާރު ހުރި ސިސްޓަމްއަށް ސޮލިއުޝަން އެއް ގެނެވޭތޯވެސް މަސައްކަތް ކުރެވިއްޖެ، ކޯލް ސެންޓަރ އެސްޓަރބްލިޝް ކުރެވުމުން މައްސަލަ ހައްލު ވާނެ އިންޝާﷲ
ދާޢޫދު މިއަހަރުގެ ޖެނުއަރީ މަހު ބުނެފައިވެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ތިން އަތޮޅުގެ ރައްޔިތުން ކޮންމެ ދުވަހަކުހެން ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލުގެ ކައުންޓަރުން ފޯނު ނުނެގުމާއި ބިޒީވެފައި ހުރުމުގެ ޝަކުވާއަކީ އަބަދުވެސް މީހުން ކުރަމުން އަންނަ ޝަކުވާއެކެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!