މާވަރުލުގައި ސަރުކާރުން ތަރައްޤީކުރި ޑޮމެސްޓިކް އެއާރޕޯޓުގެ ހުރިހައި މަސައްކަތްތަކެއް ނިންމާލެވިފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވައި މިއަދު އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައި އާންމު ކޮށްފައިވާ މަޢުލޫމާތުގައިވަނީ މާވަރުލު އެއާރޕޯޓް ބިލްޑިންގ ފޭސް 2 ގާއިމްކުރުމުގެ މަސައްކަތް 30 ޖޫން 2020 ގައި ވަނީ ނިންމާލެވިފައި ކަމަށެވެ.

Ad
rt

މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ހަވާލުކޮށްފައިވާ މި ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ ހަރަދަކީ 12.1 މިލިއަން ރުފިޔާ ކަމަށާއި މި މަޝްރޫޢު މޮބިލައިޒް ކޮށްފައިވަނީ 05 އޮގަސްޓް 2019 ގައެވެ. މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ތެރޭގައި ހިމެނޭ މަސައްކަތުގެ ތެރޭގައި ފަސިންޖަރުން ބޭނުންކުރާ ޖެޓީ، ޕަވަރ ހައުސް، ފަޔަރަ ބިލްޑިނގް، ރެސްޓޯރަންޓް އަދި މުއައްޒަފުންގެ ބޭނުމަށް ހެދިފައިވާ އިމާރާތެއް ހިމެނެއެވެ.

ބާރަ ސަތޭކަ މީޓަރު ދިގު އަދި ތިރީސް މީޓަރު ފުޅާ މި ރަންވޭގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ. އެމްޓީސީސީއިން އެ މަޝްރޫއުގެ މަސައްކަތް އެ އަހަރުގެ އޭޕްރިލް ހަ ވަނަ ދުވަހު ފަށައި އެ މަސައްކަތް ނިންމާލާފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު އެވެ. ފުރަތަމަ ފިޔަވަހީގައި ނިންމާފައިވަނީ އެއަރޕޯޓްގެ ރަންވޭއާއި، ޓެކްސީވޭއާއި ފްލައިޓް ޕާކިން އޭރިއާ(އެޕްރަން)ގެ މަސައްކަތެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކަށް 57.04 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެކުންފުނިން މަޢުލޫމާތުދެއްވައެވެ.

މާވަރުލު އެއަރޕޯޓް ހިންގުމަށް ހަމަޖެހިފައިވަނީ ރީޖަނަލް އެއަރޕޯޓްސްއިންނެވެ. އަދި މާވަރުލު އެއަރޕޯޓަށް ޝެޑިއުލް ދަތުރުތަށް ފެށުމަށް މިހާރުވަނީ ތައްޔާރުވެފައެވެ. މި އެއާރޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައި މިވަނީ އެ އެއާރޕޯޓް ހަދަންފެށިތާ ނުވަ އަހަރު ފަހުންނެވެ.