ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުން ބޮޑެތި އަދަބު ދޭންޖެހޭ: އަޙްމަދު އަބުދުﷲ

MP Ahmed Abdulla

ރޭޕް އަދި ކުޑަކުދީންނަށް ޖިންސީ ގޯނާކުރުން ޤާނޫނުއަސާސީގައި ބޮޑު ކުށަކަށް ހަދައި، ބޮޑު އަދަބު ލިބޭ ގޮތަށް ބަދަލުގެންނަންޖެހޭ ކަމަށް ބާރަށު ދާއިރާގެ މަޖްލިސް މެމްބަރު އަޙްމަދު އަބުދު ﷲ ވިދާޅުވެއްޖެއެވެ.

މެމްބަރު އަޙްމަދު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްއަށް، އެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރިކަމަށް އަޑުފެތުރިފައިވާ މައްސަލައާއި ގުޅިގެން ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ހުށަހެޅި ކުއްލި މައްސަލައި ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މެމްބަރު އަޙްމަދު ވިދާޅުވީ ހުށަހެޅި ބަހުސް ކުރެވެމުން ދަނީ ވަރަށް ސީރިއަސް މައްސަލައަކަށް ކަމަށާއި، އެއީ މުޖުތަމަޢުގައި އެ ފަދަ ކަންތައްތަކަށް ޖާގަ ލިބެގެންވާނެ ކަންކަން ނޫން ކަމަށެވެ. އަދި ފަހަކަށްއައިސް ރޭޕުގެ މައްސަލަތަކާއި، ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމާއި، އަދި މިނޫންވެސް މިފަދަ ތަފާތު ކަންތައްތައް މުޖުތަމަޢުގައި ވަރަށް ބޮޑުތަނުން އިތުރުވަމުންދާކަމުގެ މަޢުލޫމާތު ލިބެމުން ދާކަމަށެވެ.

" އަޅުގަނޑުމެންނަށް އެތައް ބައިވަރު މެސެޖެއް ކޮންމެ ދުވަހަކު އެބަލިބޭ، ނޫނީ އެތައް ބައިވަރު ފޯނުކޯލެއް ކޮންމެ ދުވަހަކު އެބައާދޭ، މިވެނި ކުޑަކުއްޖަކު ބެހުނު މީހާ ހުރީ ދޫވެފައޭ. މިވެނި މީހަކު، މިވެނި ކަމެއް ވެގެން މިހާރު ހުރީ އެ މައްސަލައިން ބަރީޢަވެފައޭ. ނޫނީ ވެއްޖެއްޔާ އެ މީހާ ހައްޔަރުކޮށްފިއެއް ނުބެހެއްޓެއޭ. މިކަހަލަ
އެތައް ބައިވަރު ޝަކުވާތަކެއް އަޅުގަނޑުމެންނަށް އެބައާދޭ. " މެމްބަރު އަޙްމަދު ވިދާޅުވިއެވެ.

ެއެފަދަ މީހުންނާ ދޭތެރޭ ވަރަށް ބޮޑަށް ސަމާލުވެ، ފަރުވާތެރިވާންޖެހޭ ކަމަށާއި، އަދި އެފަދަ މީހުންނަށް ހަރުކަށި އަދަބު ދިނުމަކީ، އެފަދަ ކަންތައްތައް ހުއްޓުވުމަށް ޓަކައި ކުރެވިދާނެ ކަމެއް ކަމަށް މެމްބަރު އަޙުމަދުގެ ބަހުސްގައި ފާހަގަ ކުރެއްވިއެވެ.

" ރޭޕް ކޭސްތަކާއި، އަދި ޚާއްޞަކޮށް ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ މި ނުރައްކާތެރި މައްސަލަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު މި ވަނީ، ޤާނޫނުއަސާސީގައި ބޮޑު ކުށަކަށް ހަދައި، ބޮޑު އަދަބު ލިބޭ ގޮތަށް ބަދަލުގެންނަންޖެހިފަ. އިއްޒަތްތެރި ރައީސް. އެފަދަ ބަދަލު ގެނެސް، އަދި އެފަދަ ބަދަލަކީ މާފު ނުލިބޭނެ، ނޫނީ ވެއްޖެއްޔާ އެއްވެސް ހިސާބަކުން މުޅި ހުކުން ތަންފީޒުވުމުގެ ކުރިން މާފު ވެސް ނުލިބޭވަރުގެ ކުށަކަށް ހަދައި، އެކަންކަން އަޅުގަނޑުމެން ވަރަށް ހަރުކަށި ގޮތަކަށް ގެންގުޅެގެން ނޫނީ އަޅުގަނޑު ދަންނަވާނީ، މިފަދަ ކަންތައްތަކަށް ޙައްލެއް ހޯދުން މި ވަނީ ދަތިވާ ހިސާބަށް ގޮއްސައޭ."

މެމްބަރު އަޙްމަދު ވިދާޅުވިއެވެ.

މެމްބަރު އަޙްމަދު ވިދާޅުވީ، އެފަދަ ކަންތައްތައް ހިންގާ މީހުންނާ ދޭތެރޭ މިހާރަށް ވުރެ ބޮޑަށް ސަމާލުނުވެވި، އަދި އެފަދަ ފަރާތްތަކަށް ވީއްލިގެން އައިސް މުޖުތަމަޢުގައި ދެން އަނެއްކާވެސް އެފަދަ ކަންތައްތައް ކުރަން ފުރުޞަތު ލިބޭކަމީ އެއީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.

" އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ތަކުރާރުކޮށް އިވޭ އަޑެއް، މިވެނި މީހަކު ކުޑަކުއްޖަހާ ބެހިފައި ދޫކޮށްލައިފިއޭ. މިވެނި ޒިންމާދާރު ވެރިޔަކު މިހެން ވެއްޖޭ. މިވެނި މުއައްސަސާއެއްގައި ހުރި މިވެނި މީހަކު މިހެން ވެއްޖޭ. މިފަދަ ވާހަކަތަކަކީ މިއަދު އަޅުގަނޑުމެންނަށް އިވޭ އާއްމު އަޑަކަށް މި ވަނީ ވާން ފަށްފަ. އިއްޒަތްތެރި ރައީސް. އަޅުގަނޑު ގޮވާލަން، މިފަދަ މީހުންނާ ދޭތެރޭ އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅެއް އަޅައި، އަދި ތަޙުޤީޤީ އިދާރާތަކުން މިފަދަ މީހުންގެ ތަޙުޤީޤުތައް ރަނގަޅަށް ހިންގައި، މިފަދަ ކަންކަން ހުއްޓުވެން އޮތް ހުރިހާ ފިޔަވަޅެއް އެޅުމަކީ އެއީ، އަޅުގަނޑުމެން މިއަދު ކުރަންޖެހިފައިވާ ކަމެއް. "

މެމްބަރު އަޙްމަދު ވިދާޅުވިއެވެ.

" އަޅުގަނޑުމެން، އެއްވެސް މީހަކު ނޭދޭނެ އަޅުގަނޑުމެންގެ ތުއްތު ދަރީންނަކީ މިފަދަ އަނިޔާތަކުގެ ޝިކާރައަކަށް ވާކަށް. އަޅުގަނޑުމެން އެއްވެސް މީހަކު، އަދި އެއްވެސް މަޔަކު، ބަފަޔަކު، ނޫނީ ވެއްޖެއްޔާއެއްބަނޑު، ތިމާގެ މީހަކު ނޭދޭނެ، އެ މީހުންގެ ޢާއިލާގައި ހުންނަ އަންހެން ކުއްޖާއަކީ، ރޭޕްގެ ޝިކާރައަކަށް ވެފައި ހުރި ކުއްޖަކަށް ވާކަށް. އަދި އެއްވެސް މީހަކު ނޭދޭނެ، އެ މީހުންގެ ރަށުގައި ވެސް އަދި އެ މީހުންގެ މުޖުތަމަޢުގައި
ވެސް މިފަދަ ކަންތައްތަކަކީ ހިނގާ އާއްމު ކަންތައްތަކަކަށް ވެގެންދާކަށެއް. "

މެމްބަރު އަޙްމަދު ވިދާޅުވިއެވެ.

މެމްބަރު އަޙްމަދު ވަނީ ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލު ގެނެސްގެން ވެސް، އެފަދަ މީހުންނަށް މާފު
ނުލިބޭނެ ގޮތަށް އަދި އެފަދަ މީހުންނާ ދޭތެރޭ އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅެއް އަޅައި، މުޖުތަމަޢު މިކަމުން ސަލާމަތްކުރުމަށް ޓަކައިކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ގޮވައިލަށްވާ ކަމަށެވެ.

ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، އެ މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހުން ދޫކޮށްލާފައި ވުމުން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މައްސަލައާއި ގުޅިގެން އެއްވެސް ނުފޫޒެއްނެތި އެމައްސަލަ ބަލާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ ހުކުރު ދުވަހުގެ ފަތިހު 5:00 ހާއިރު އެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެން ފުލުހުން ދޫކޮށްލާފައި ވަނީ ހޮނިހިރު ދުވަހުއެވެ

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި