7 ފެބްރުއަރީ 2012 ގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިސްތިއުފާ ދެއްވުމުން އޭރު ނައިބު ރައީސްގެ ގޮތުގައި ހުންނެވި ޑރ. ވަހީދު ވެރިކަމަށް ވަޑައިގަތުމަށްފަހު، ވެރިކަމުގެ ބާކީ ދޮޅު އަހަރެއްހާ ދުވަސް ފުރިހަމަ ކުރެއްވިއެވެ.

އެއަށްފަހު ޖެހިގެންއައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި، ފުރަތަމަ ބުރުގައި ލިބިވަޑައިގަތް 5 އިންސައްތަ ވޯޓާއިއެކު އެމަނިކުފާނު ޚިޔާރު ކުރެއްވިތަން ފެނުނީ ސިޔާސީ ހަމަހިމޭން ކަމެވެ.

Ad
rt

އޭގެ ފަހުން ސިޔާސީ ހަރަކާތަކުން އެމަނިކުފާނު ފެނިވަޑައިގަތީ 25 ޑިސެމްބަރު 2013 ގައި އޭރުގެ ވެރިކަމުގައި އޮތް ޕީޕީއެމަށް ސޮއި ކުރެއްވި ހަރަކާތުންނެވެ. އޭގެ ފަހުންވެސް މިހާތަނަށް އެމަނިކުފާނު ހުންނެވީ ސިޔާސީގޮތުން ހިމޭންކަން ޚިޔާރު ކުރަށްވައިގެންނެވެ.

ދުވަސްތަކަކަށްފަހު މީޑިއާގައި ކުރީގެ ރައީސް ޑރ. ވަހީދުގެ ވާހަކަ ލިޔެވުނީ މިހިނގާ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. އެދުވަހު ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމް ކަސްރަތު ކުރަށްވަން މާލޭ އުސްފަސްގަނޑު ސަރަޙައްދުގައި އުޅުއްވަނިކޮށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ ހަމަލާ ދީފައިވާ ކަމަށް ވިދާޅުވެ ރައީސް ވަހީދު ޓުވީޓެއް ކުރެއްވުމުން މީޑިއާގައި އެވާހަކަތައް ބަންޑުން ވާންފެށިއެވެ.

އެޓުވީޓަށް ފަހު ހަމްދަރުދީއާއި ނުރުހުންވެސް އޮތީ މީސް މީޑިއާވެސް ފުރާލާފައެވެ. ބައެއް ސިޔާސީ ޕާޓީތަކުން އެކަން ކުށްވެރިކޮށް، ބަޔާންވެސް ނެރުނެވެ. ޖެހިގެންއައި ދުވަހު ރައްޔިތުންގެ މަޖިލިސްއަށް ކުއްލި މައްސަލައެއް ވައްދައި، ތަޅުމުގައި އެމްޑީޕީމެމްބަރުން ވަނީ 7 ފެބްރުއަރީ 2012 އިން ފެށިގެން ހިތުގައި ފޮރުވިފައި ހުރި އެތަށް އުދާހެއް ބަންޑުންކޮށްލާފައެވެ. އެ އުދާސްތަކުން މަޖިލިސްގެ ޖަލްސާކުރާ މާލަން "ފުރި ބާރުވި އިރު" ރައީސް ވަހީދު ވަނީ އެއީ އެމަނިކުފާނަށް ކުރެއްވި ފުރަށްސާރައެއް ކަމަށް ވިދާޅުވެފައެވެ. އަލުން އެމަނިކުފާނުގެ ސިޔާސީ ޖޯޝާއި، ހިތްވަރު އުފަން ކުރުވި ހިސާބަކީ އެއީ ކަމަށްވެސް ވުން އެކަށީގެންވެއެވެ.

އެމަނިކުފާނުވަނީ އިދިކޮޅު މައި ޕާޓީގެ ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރެއްގެ ގޮތުގައި މި މަހުގެ 22 ވަނަ ދުވަހުގެ ރޭ އަނެއްކާވެސް ސިޔާސީ ޕޯޑިއަމަށް ވަޑައިގެންފައެވެ. ރައީސް ވަހީދުގެ އެނބުރި ވަޑައިގަތުން ސިޔާސީ މީހުން އެކި ގޮތަށް މާނަކުރަށްވަމުން ދަނިކޮށް ހައިރާންކަން ލިބުނީ މިއޮއްހާ ދުވަހު ރައީސް ވަހީދާ ގުޅުވައިގެން ނުދައްކާ ތިބި ތެޔޮ ރިޕޯޓެއްގެ ވާހަކަ ކުއްލިއަކަށް ފާޅު ކުރުމުންނެވެ.

އިއްޔެ އޮތް މަޖިލިސް ޖަލްސާއަށް ވަނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯ އިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތުކުރާ ވަގު ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓެއް ކުރީގެ ރައީސް މުހައްމަދު ވަހީދު ފައިސާ ދެއްވައިގެން ބައްލަވައިގަތުމަށް ފަހު، އެ ފޮރުވައިފައިވާ ކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައެވެ.

އެ ރިޕޯޓު ރައީސް ވަހީދު ބައްލަވައިގެންނެވީ ދައުލަތުގެ ފައިސާއިން ކަމަށާއި، އެކަން އޭރުގެ ބަންޑާރަނައިބު އާޒިމާ ޝުކޫރާއި އެމްއެމްއޭގެ އޭރުގެ ގަވަރުނަރު ފަޒީލް ނަޖީބަށާއި އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް އެނގިވަޑައިގެންފައިވާ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި އެ މައްސަލައިގައި ތުހުމަތު ކޮށްފައި ވެއެވެ.

އެ މައްސަލަ ހުށަހަޅުއްވައި ނިމުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރިއާ ބެހޭ ރިޕޯޓު ނެރެން އޮތީ ފެބްރުއަރީ 7، 2012 ގައި ކަމަށެވެ. އެއީ އެ ދުވަހު ހިންގި ހަމަނުޖެހުންތަކާ އެކު، އެ މަނިކުފާނު ރައީސްކަމުން އިސްތިއުފާ ދެއްވި ދުވަހެވެ.

ރައީސް ވަހީދު އެނބުރި ސިޔާސީ މައިދާނަށް ވަޑައިގަތުމާއިއެކު ތެޔޮ ރިޕޯޓުގެ ވާހަކަ ފާޅުވުމުން އެއްބަޔަކު ބުނަމުންދަނީ އެއީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ކަންހިނގަމުން އަންނަގޮތަށް އިތުރުވި ބޮޅެއް ކަމަށެވެ. މިއީ އަބަދުވެސް ސިޔާސީ ގޮތުން "ކަތިލަން" ބޭނުންވާ މީހުންނާއިމެދު ކަންކުރެވެމުން އަންނަ ގޮތެއް ކަމަށެވެ. މީގެ މިސާލު ހޯދަން މާދުރަށް ދާކަށް ނުޖެއެވެ. ނިމިދިޔަ ރައީސް ޔާމީނުގެ ވެރިކަމަށް ބައްލަވާ ލަށްވާށެވެ. އެ ވެރިކަމުގައި ގޮޅިއަކަށް ނުފެތޭ ސިޔާސީ ލީޑަރެއް ނެތެވެ. އޭރުގެ ސަރުކާރުގެ އަމާޒަކަށްވި ކޮންމެ މީހަކަށްމެ އެމީހެއްގެ ސައިޒުން އޮތީ ސިޔާސީ ގޮޅިއަކަށް ފަށްތާފައެވެ. މިސާލުތައް ގެންނަވަރަށްވުރެ މިސާލުތައް ގިނައެވެ.

ރައީސް ވަހީދު ހަމަހިމޭން ކަމާއިއެކު ހުންނެވި ދުވަސްވަރު ތެޔޮ ރިޕޯޓުގެ ވާހަކައެއް ނުދެއްކިއެވެ. ނަމަވެސް އެމަނިކުފާނު އެނބުރި ސިޔާސީ މައިދާނަށް ވަޑައިގަތުމާއިއެކު މިއޮތީ ތެޔޮ ރިޕޯޓުގެ ވާހަކަ ފާޅުވެފައެވެ. މިއޮށްހާ ދުވަހު އަޑުއިވެމުން ދިޔައީ ރައީސް ވަހީދަށް ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގަތީ ފަސް އިންސައްތަ ވޯޓުކަމަށް ކިޔައި ހަޖޫޖަހާ އަޑެވެ. ނަމަވެސް އެއްކަލަ ފަސް އިންސައްތަ ލިބިލެއްވި ރައީސް ފަހާ ދުއްވައިގަންނަން ޖެހުނު ސަބަބެއްވެސް އޮތީތާއެވެ. ދެން ތިލަވާނީ ކޮން ވާހަކައެއްތޯ ބަލަމާ ހިންގަވާށެވެ.