ތަކަންދުއާއި މާރަންދުއަކީ ބޮޑު ތިލަދުއްމައްޗަށް ނިސްބަތްވާ ދެ ރަށެވެ. ތާރީޚީ ގޮތުން ބަލާއިރު، ބޮޑު ތަކުރުފާނުގެ ބޭބޭފުޅު އަލި ތަކުރުފާނުގެ މަންމާފުޅަކީ މާރަންދޫ ތޭރަވާ މުދިން ކަލޭގެގެ ދަރިކަނބަލެކެވެ. އަލި ތަކުރުފާނު ހުންނެވީ މާރަންދޫގެ ކަތީބުކަމުގައެވެ. ނަމަވެސް ކައިވެނި ބައްލަވައިގެންނެވީ ތަކަންދޫ ބޭކަނބަލަކާއެވެ. އަނބިކަނބަލުންނާއެކު ދިރިއުޅުއްވީ މާރަންދޫގައެވެ.
ޖޯގުރަފީ ގޮތުން ބަލާއިރު މިއީ ވަރަށް ކައިރީގައި އޮންނަ ދެ ރަށެވެ. ކުރީގައި އިދާރީ ހިންގުމަށް އަތޮޅުގެ ރަށްތަައް ތިން ބައަކަށް ބަހައިލާފައި އޮންނަ އިރު މި ދެ ރަށް ވެސް ހިމެނެނީ “އިހަވަންދިއްޕޮޅު” ބައިގައެވެ. އަނެއް ދެ ބަޔަކީ “ގައްލަންދޫ އެތެރެވަރި”އާއި “ދަށް ބިތް” އެވެ. އަތޮޅުގެ ރަށްތައް ތަރުތީބުކުރެވިފައިވާ ލިސްޓުގައި ވެސް މި ދެ ރަށް އޮންނަނީ ޖެހިޖެހިގެންނެވެ. މާރަންދުއަކީ A-12 އެވެ. ތަކަންދުއަކީ A-13 އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިސް މިހާރު ހިނގާ ނިޒާމަށް ބަލާއިރު މި ދެ ރަށް ހިމެނެނީ ދެ ދާއިރާއެއްގައެވެ.
ކުރިން ވެސް ފާހަގަކުރި ފަދައިން މިއީ ވަރަށް ކައިރީގައި އޮންނަ ދެ ރަށެވެ. މި ދެ ރަށުގެ މީހުން އާއްމުކޮށް އެއް ރަށުން އަނެއް ރަށަށް ގޮސް އުޅެނީ 6 ރިޔަނާއި 8 ރިޔަނުގެ ބޮއްކުރާ ފަހަރުގައެވެ. ފަލިޖަހައިލާފައި ދިހަވަރަކަށް މިނެޓުން ދެވެއެވެ. ރަށުގެ ކައިރިކަން ކިޔައިދެމުން މާރަންދޫ މީހުން ބުނެއުޅެއެވެ. ދުވާލުގެ ވަގުތުގައި ތަކަންދޫ ހުޅަނގު ފަރާތު ގޮނޑުދޮށުގައި ހިނގާފައިދާ މީހާ، އެއީ ކާކުކަން، އޭނާގެ ހިނގުމަށް ބަލައި މާރަންދޫ އިރުމަތީ ފަރާތު ގޮނޑުދޮށުގައި ހުންނަ މީހާއަށް ފަސޭހައިން ދެނެގަނެވޭހައި މި ދެ ރަށް ކައިރިއެވެ. ތަކަންދޫ އޮންނާނީ މާރަންދޫގެ އިރަށެވެ. އެހެންވީމާ، މާރަންދޫގެ އިރުމަތި ފަރާތް ދިމާވާނީ ތަކަންދޫގެ ހުޅަނގު ފަރާތާއެވެ. އަދިވެސް ބުނެއެވެ. ތަކަންދޫ މިސްކިތުގައި ބަންގި ގޮވާއަޑު ވެސް ރީތިކޮށް އިވެއެވެ. ޚާއްޞަ ކޮށް ފަތިސް ނަމާދު ބަންގީގެ އެކި ކަލިމަތައް ވަކިވަކިން އެނގޭހައި ސާފުކޮން އަޑު އިވެއެވެ. މި ކަމެއް އަހަރެންނަކަށް ތަޖުރިބާއެއް ނުކުރެވެއެވެ. ފަހަރެއްގައި މިހާރު މި ދެ ރަށް ކުރިއަށް ވުރެ ދުރުގައި އޮތުމަކީ ވެސް ވެދާނެ ގޮތެކެވެ. އެހެނީ، ރާއްޖޭގެ ރަށްތަކަކީ ވޮޑިގިރާ ރަށްތަކެކެވެ. ރާއްޖެއަށް ވޮނަ (ވެ، އިތުރުވެ) ދޮނަ (ދާ، އުނިވާ) ރާއްޖެއޭ ކިޔެނީ ވެސް މި ސަބަބާ ހުރެެއެވެ. އެއް ކޮޅުން ރަށް ގިިރަމުންދާއިރު އަނެއް ކޮޅުން ރަށް ވޮޑެމުންދާތީއެވެ. އަދި މޫސުމީ ގޮތުން އަންނަ ތަފާތު ބަދަލުތަކުގެ ސަބަބުން ރަށްތައް އޮންނަ ދިމާ ބަދަލުވެފައި ވެސް އެބަހުރެއެވެ. ތަކަންދޫގައި ބަންގި ގޮވާ އަޑު ނީވުނު ނަމަވެސް، ތަކަންދޫގައި ރޭގަނޑު ބެރުޖަހާ އަޑު ރަށުގައި ހުރެގެން އެހީމެވެ. ބެރުގެ ވާހަކަ ފެށުނީމާ ކަމެއް ހަނދާނަށް އަތުވެއްޖެއެވެ. ތަންކޮޅެއް ކުރީގެ ހާދިސާއެކެވެ. ފުރަތަމަ، މި ރައިވަރާމެދު ވިސްނައިލާށެވެ.
ފުޅިފުޅިން އަތަރުލައި
ގުޅިލަންކަމަށް ދިޔައިމާ
މުޅި އަންހެނުން ރަންދުމާ
ރުޅި މޫނުފިޔެ ދައްކަވާ
ބުޅިކެނޑޭހެން ކަނޑުގެ ވަތަށް
ކުޅިވަރު ލައިފި ފޮށިވަތަށް
ރައިވަރުގެ މާނަ: ތަކަންދޫ އަންހެނުން ފުޅިފުޅިން އަތަރުލައިގެން މާރަންދޫ މީހުންނާ ގުޅުން ބަދަހިކޮށްލުމަށް މާރަންދުއަށް ދިޔައިމާ، މާރަންދޫ މީހުން ތަކަންދޫ މީހުންނަށް ރުޅި މޫނު ދައްކާފައި, ކަނޑުގެ ވަތަށް ބުޅި ކެނޑޭ ފަދައިން ކުޅެން އުޅުނު ކުޅިވަރު ވެސް ފޮށިވަތަށް ލައިފިއެވެ.
މި ވީ ގޮތެއް އެނގޭ ހެއްޔެވެ؟ ޢީދުފަދަ މުނާސަބުތަކުގައި ކުޅިވަރުކުޅުމަކީ މާރަންދޫގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާރަންދޫ އަންހެނުން ޢީދުގައި ބެރުޖަހައި ކުޅިވަރު ކުޅޭކަން އެނގިގެން ތަކަންދޫ އަންހެނުން ނަލަހެދިގެން މާރަންދުއަށް ކުޅިވަރު ބަލަން ދިޔައީއެވެ. މި ކަން އެނގިގެން މާރަންދޫ އަންހެނުން ކުޅިވަރު ނުކުޅުނީއެވެ. މާރަންދޫ އަންހެނުންގެ ބެރުޖެހުމާއި ބިލެއްދަފިނެގުންފަދަ ހުނަރުތައް ތަކަންދޫ މީހުންނަށް ދައްކަން ބޭނުންނުވީޔޯލައެވެ. ދެން ތަކަންދޫ މީހުން ރަށަށް ގޮސް މި ވާހަކަ ދެއްކީމާ އެ ކަމާ ގުޅިގެން މި ރައިވަރު ހެދީއެވެ. ރައިވަރު ހެދީ ތަކަންދޫ ބޭސް އައިމިން ދައިތައެވެ. (ދައިތަގެ ފުރާނައަށް ރަޙްމަތްލައްވާށި! އާމީން!)

މި ދެ ރަށުގެ މެދުގައި އަބަދު ވެސް ވާދަވެރިކަން އޮވެއެވެ. ޖޯގުރަފީ ގޮތުން މި ދެ ރަށް މާ ކައިރިވީމާ ވާ ގޮތެއް ކަމަށް ވެސް ވެދާނެއެވެ. ދެ ރަށުގެ މެދުގައި ކުޅިވަރެއް ކުޅުނަސް ގިނަ ފަހަރަށް ނިމިގެން ދާނީ ބޮޑު ޒުވާބަކުންނެވެ. ނޫނީ ތަޅައިފޮޅުމަކުންނެވެ. މި ދެ ރަށުގެ މީހުން އެއް ބަޔަކު އަނެއް ބަޔަކު ދެކެ ހިތްހަމަނުޖެހެން ދިމާވާ މައިގަނޑު ސަބަބެއްކަމަށް ގަބޫލުކުރެވެނީ މުށިމަސްގަނޑެވެ. މިހާރު ވެސް މަދުން ނަމަވެސް މި ކަމާ މައްސަލަޖެހެއެވެ. ކުރީގައި އަދި މާ ފޯރިގަދައެވެ. ކިޔައި އުޅެނީ މުށިމަސްގަނޑަކީ ތަކަންދޫގެ ފަޅަށް މޫސުމީ ގޮތުން އަންނަ އެއްޗެއްކަމަށެވެ. ތަކަންދޫ މީހުން ފަޅުގައި ތިބެގެން މުށިމަސް ބާނާ ތަން ވަރަށް ރީއްޗަށް މާރަންދޫ ދަށް ފަރާތު އަތިރީގައި ތިބޭ މީހުންނަށް ފެންނާނެއެވެ. ތަކަންދޫ މީހުން ބުނާ ވާހަކައަކީ މާރަންދޫ މީހުން ކުރާ ކަމަކީއޭ ރޭގަނޑު ރަށު ގޮނޑުދޮށުގައި އުސްކޮށް ބޮޑެތި އަލިފާންގަނޑުު ޖަހައި ނުވަތަ އެ ނޫން ވެސް ކޮންމެވެސް މަންތަރެއް ހަދައިގެން މާރަންދޫ ފަޅުތެރެއަށް އެ މުށިމަސްގަނޑު ގެންނަނީއެވެ. ނަމަވެސް މާރަންދޫ މީހުން މި ކަމަކާ އެއްބަހެއް ނުވެއެވެ. އެ މީހުން ބުނަނީ އޮޔާއި ވައި ބަދަލުވުމުގެ ތެރެއިން އެ މުށިމަސްގަނޑު މާރަންދޫ ފަޅުތެރެއަށް ވެސް އަންނަނީކަމަށެވެ. ކޮންމެއަކަސް، މިއީ ކަމުގެ ހަގީގަތް ހޯދަން ވަރުގަދަ ދިރާސާއެއް ހަދަންޖެހޭ މައްސަލައެކެވެ. މައްސަލަ ގޯސްވަނީ މިހައި ހިިސާބުންނެވެ. ދެން އެއް ރަށުގެ މީހުން އަނެއް ރަށަށް ދިޔައިމާ ގާ އުކައި އެ ނޫން ވެސް ތަފާތު އަނިޔާދީ ރަށަށް ދާ އުޅަނދުގެ ވާވެލާވެލި ފޮރުވައި، ބަސްބަހުންޖެހުންް ކުރިއަށް ދެއެވެ. އެހެނެކޭ ކިޔާފައި ނުގޮސް ފަރުޖެހޭކަން ވެސް ނޯވެއެވެ. ޒަރޫޫރަތްތައް ފުދެނީ އެއް ރަށުން އަނެއް ރަށަށް ގޮސްގެންނެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އައިސް ދެ ރަށުގެ ރައްޔިތުން އެއްކޮށް، ދޭތެރެ ދޭތެރޭން ނަސޭހަތް ވެސް ދެއެވެ. އެކަމަކު ވެސް މާ ބޮޑު ބަދަލެއް ނާދެއެވެ. ދެ ރަށުގެ ހާލަތު މިހެން އޮތް ވަގުތެއްގައި މަންމަމެންނާއެކު އަހަރެން ތަކަންދުއަށް ދިޔައީމެވެ. ނަސީބަކުން އެއް ވެސް ފަރާތެއްގެ ހަމަލާއެއް ނާދެއެވެ. މި ރަށުގެ ރައްޓެހި ރަހްމަތްތެރިންނާއި ގާތް ތިމާގެ މީހުންނާ އޮންނަ ގުޅުމަކަށް ދުވަހަކު ވެސް ހީނަރުކަމެއް ނާދެއެެވެ. މާތް ﷲގެ ވާގިފުޅާއެކު ގުޅުން ދަނީ ބަދަހިވަމުން ކުރިއަށެވެ. އެކަމަކު އަހަރެމެން ވެސް އެ ދަތުރުގައި ރަށުގެ ގުންބަޅަ މަގުން އެއްގަމަށް އަރައިގެން ދިޔައީ ދޯނީގެ ވާވެލާވެލި ހިފައިގެންނެވެ.

މުށިމަސްގަނޑާ ހެދި ބޮޑާ ހޭކިޔަސް މިއީ، އެއް ބަޔަކު އަނެއް ބަޔަކަށް ނިކަށް އަޅައިލާ އެހީތެރިކަން ފޯރުކޮށްދޭ ބަޔަކު ދިރިއުޅޭ ދެ ރަށެވެ. ހަނދާން އެބަހުއްޓެވެ. ރަށު ބޮޑު މާލޫދު ކިޔާއިރު އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ތަކަންދޫ މީހުންގެ ފަރާތުންނެވެ. ކޭން ކެއްކުމާއި މާލޫދޫ ހަރުގެއަށް ކޭން ގެންދިޔުމާއި މި ނޫން ވެސް މާލޫދުގެ ހުރިހައި ކަމެއްގައިހެން އެހީތެރިކަން ލިބެއެވެ. ހަމަ މި ގޮތަށް ތަކަންދޫ މުތީބޯޓު އެހެލައި ބާލަން މާރަންދޫ ގިނަ ބަޔަކު ތަކަންދުއަށް ދާކަން ހަނދާން އެބަހުއްޓެވެ. ތަކަންދޫ މީހުންނަށް އެކަނި އެކަން ނުވާތީއެވެ. މަންމަމެން ބޯޓު އެހެލަން ތަކަންދުއަށް ދިޔަ ދަތުރެއްގައި އަހަރެން ވެސް ދިޔައީމެވެ. ދެ ރަށުގެ ރައްޔިތުން އަތިރިމައްޗަށް އެއްވެ އޮތް އިރު ހީވަނީ ކުޑަަވަރެއްގެ އީދެއް އައިސްގެން އުޅޭހެންނެވެ. ޖޫސް ބުއިމާއި ދުފުމުގައި އެންމެން ޝާމިލުވެ އުޅުނުއިރު، އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ވެސް އުފާވެރިކަމެވެ. މީގެއިތުރުން، ބޭސްފަރުވާއާއި މި ނޫން ވެސް އެތައް ކަމެއްގައި މިއީ، އެއް ބަޔަކު އަނެއް ބަޔަކަށް ނުހަނު ބަރޯސާވެެގެން އުޅެން ޖެހިފައިވާ ބަޔެކެވެ. އެއް ރަށުގެ މީހުން އަނެއް ރަށުގެ މީހުންނާ ކައިވެނީގެ ގޮތުން ވެސް ވަނީ ގުޅި ލާމެހިފައެވެ. ތަކަންދޫގައި އޮތް ކައިވެނި ހަފުލާއަކަށް އަހަރެމެން ރޭގަނޑު ބޮއްކުރާ ގައި ފަލިޖަހާފައި އެ ރަށަށް ދިޔަ ހަނދާން ވެސް އެބަހުއްޓެވެ.
އެހެންވީމާ، އެހެން އަދި ދިމާވާ މުށިމަސްގަނޑަކާ ހެދި މި ދެ ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ އުޚުއްވަތްތެރިކަމުގެ ގުޅުމެއް އިރާދަކުރެއްވިއްޔާ ނުކެނޑޭނެވެ. ތާރީޚީ ގޮތުން ވެސް، ޖޯގުރަފީ ގޮތުން ވެސް އިޖުތިމާޢީ ގޮތުން ވެސް އަދި ރައްޓެހި ރަޙްމަތްތެރިކަމާއި ގާތްތިމާގެކަމުގެ ގޮތުން ވެސް މިއީ ވަކިވެވެން ނެތް ދެ ރަށެވެ. މިއީ، ދެ ނަމެއް ކިޔަސް އެއް ރަށެކެވެ. ތަކަންމާރަންދުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!