ދިއްދޫ ހުޅަނގު ފަރާތާއި ރަށުގެ މެދުތެރެއިން 200 ފޫޓަށް ވުރެ ބޮޑު ބައެއް ގިރާލައިފިކަމަށް ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރ ޢަބްދުﷲ ވަޙީދު ހާމަކޮށްފިއެވެ.

އާދަޔާއި ޚިލާފަށް ދިއްދޫ ގިރަމުންދާތީ ކަންބޮޑުވުން ފާޅުކޮށް މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މީހުން އުޅޭ ގެތަކާ ހަމައަށް ރާޅުތައް ފޯރަމުންދާ މައްސަލައަކީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއްކަމަށެވެ.

Ad
rt

މި މައްސަލައަށް ޙައްލެއް ހޯދުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރަމުން ވަޙީދު ބުނެފައިވަނީ 11 ޖޫން 2020 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 11 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް އެންވަޔަރަމެންޓް ޑރ. ޙުސައިން ރަޝީދު ޙަސަން އާއި ވާނީ އެ ސުވާލު ކުރިމަތިކޮށްފައިކަމަށާއި އަދި 15 ޖޫން 2020 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ 6 ވަނަ ޖަލްސާގައިވެސް އެ މައްސަލަ ފާހަގަކޮށް، އަވަސް ޙައްލެއް ބޭނުންވާ ކަމަށް އަޑުއުފުލާފައިކަމަށެވެ.

މީގެ އިތުރުން، މި މަހުގެ ކުރީކޮޅު، ހއ ދިއްދޫ ކައުންސިލްގެ ފަރާތުން މި މައްސަލަ މިނިސްޓްރީ އޮފް އެންވަޔަރަމެންޓްގެ ސަމާލުކަމަށް ގެނެސްދެއްވައި، ރަށުގެ ގޮނޑުދޮށުން 200 ވަރަކަށް ފޫޓު ގިރައިގެން ގޮސްފައިވާ ކަމަށާއި، މީހުން އުޅޭ ގެތަކަށް އަސަރުކުރަން ފަށާފައިވާ ކަމަށް ވަނީ އަންގަވާފައިކަމަށް ބުނެފައިވެއެވެ. އަދި މި ކަމުގައި އެ ކައުންސިލަށް އެހީތެރިވުމުގެ ގޮތުން، އެންވަޔަރަމެންޓް މިނިސްޓްރީއާއި ޕްލޭނިންގ މިނިސްޓްރީއާ ކައުންސިލާ ދެމެދު މެދުވެރިއެއްގެ ގޮތުގައި ވާނީ މަސައްކަތްކޮށްފައިކަމަށާއި މި ގޮތުން ކުރެވުނު މަސައްކަތްތަކާއި، ބޭއްވުނު ބައްދަލުވުންތަކާއި، އަދި ކުރެވުނު ފޯން ކޮންފަރެންސްތަކުގެ ނަތީޖާއެއްގެ ގޮތުން، އެމްޓީސީސީގެ އެހީތެރިކަމުގައި މި މައްސަލަ ޙައްލުކުރުމަށް ވަނީ މަޝްވަރާކުރެވިފައިކަމަށް ހާމަކޮށްފައިވެއެވެ.

މި ކަމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން ހަމަޖެއްސުމުގެ ކަންކަން ވެސް މިހާރު ދަނީ ހިނގަމުން، އަދި އެ ފައިސާ ހަމަޖެހުމާއެކު އިރާދަކުރެއްވިއްޔާ މާލަސްތަކެއް ނުވެ ދިއްދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގެ އުފާވެރި ޚަބަރު އަޅުގަނޑު ދިއްދޫގެ ރައްޔިތުންނަށް އަރުވަން

ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރ ޢަބްދުﷲ ވަޙީދު ބުނެފައިވެއެވެ.

މި މައްސަލައިގައި ނުތަނަވަސްކަމުގައި ތިއްބެވި ދިއްދޫ ރައްޔިތުންގެ އިޙްސާސްތައް ފުރިހަމައަށް އަޅުގަނޑު ވެސް ކުރަމުންގެންދާ ޙާލު، އިރާދަކުރެއްވިއްޔާ މި ކަމުން ސަލާމަތްވެ، މައްސަލަ ޙައްލުކުރެވޭނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަމެވެ. އަދި މި ކަމުގައި އަޅުގަނޑަށް ވެވުނު ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ސަރުކާރަށާއި ދިއްދޫ ކައުންސިލަށް އަދި ދިއްދޫގެ ލޮބުވެތި ރައްޔިތުންނަށް ލިބިގެންދާނެކަމުގެ ޔަޤީންކަން ވެސް އަރުވަމެވެ.

ގިރާ ސަރަހައްދުގެ ވީޑިއޯއެއް ހިއްސާ ކުރައްވަމުން ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރ ޢަބްދުﷲ ވަޙީދު ބުނެފައިވެއެވެ.

ފޮޓޯ: ދިއްދޫ އޮންލައިން