ހޯރަފުށި އެއާޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް މިއަހަރުގެ ސެޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

83 އިންސައްތަ ނިމިފައިވާ ހޯރަފުށީ އެއާޕޯޓްގައި މިހާރު ކުރިއަށް ދަނީ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތެވެ. އަދި އެކަމށް ބޭނުންވާ އިތުރު ސާމާނު ގެނެމައުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން ކަމަށް އެ ކުންފުނިން ބުނެއެވެ.

Ad
rt

އެ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި 8635 ކިއުބިކް މީޓަރުގެ އޭޕްރޮން އަދި ޓެކްސީ ވޭއެއް ހަދަން ނިންމާފައިވާއިރު، 9473 ކިއުބިކް މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ކިއުބިކް މީޓަރުގެ ފަޔާ އެކްސެސް ރޯޑެއްހެދުމަށްވެސްވަނީ ނިންމާފައެވެ.

އޭގެ އިތުރުން 842,200 ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރު އޮގަސްޓު މަހު ވަނީ ނިމިފަ އެވެ.

ހޯރަފުށީ އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސަރުކާރުން ސޮއިކޮށްފައިވަނީ 25 މާރިޗު 2019 ވަނަ ދުވަހުއެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު އަދި ހޯރަފުއްޓަށް އުފަން އާއިޝަތު ނަހުލާ އެވެ.