މައިނޯރިޓީގެ އަޑު ނެތި މަޖިލީސް ހިންގަވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ދަނގެތި ދާއިރާގެ މެންބަރު މުހަންމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މެންބަރު ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މައިނޯރިޓީގެ އަޑު ނެތި ރައްޔިތުންގެ މަޖިލީސް ހިންގަވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވުމަކީ ވަރަށް ބޮޑު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން އެ ޓުވީޓުގައި ވަނީ މައިނޯރިޓީއަށް އިޚްރާމްކޮށް، އެންމެންގެ ބައިވެރިވުން އޮންނަންވާނެ ކަމށް ވިދާޅުވެ، މަހާތުމާ ގާންދީ ވިދާޅުވެފައިވާ ބަސްކޮޅެއްވެސް ހިމަނުއްވާފައެވެ.

Ad
rt

ނާޒިމް މިހެން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ތަޅުމަށާއި މަޖިލީހުގެ ހާޒިރީއަށް ބަލާއިރު، ޖުމްހޫރީ ޕާޓީން ބޮއިކޮޓްގައި ތިބިކަން ފާހަގަވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ތަޅުމަށް ބަލާލާއިރުގައި މިއަދުގެ ހާޒިރީއަށް ބަލާލާއިރުގައި ޖުމްހޫރީ ޕާޓީ ބޮއިކޮޓް ގައި ތިބިކަމަށް އެބަ ފާހަގަ ވޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވިއިރު ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އެ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބުދުﷲ ރިޔާޟްވަނީ މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައެވެ. ދެން ތިއްބެވި ތިން މެމްބަރުން މިވަގުތު މާލޭގައި ނޫޅުއްވާކަމަށް ވެއެވެ.

ކައުންސިލްތަކުގެ ދައުރު ދަންމާލަން ޤާނޫނު އަސާސީ އިސްލާޙް ކުރުމަށް މިހިނގާ ޖޫން މަހުގެ 2 ވަނަ ދުވަހު، ޤާނޫނު ނަމްބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް 5 ވަނަ އިސްލާހް ގެނައުމުގެ ޤާނޫނު) އަށް އިސްލާހް ގެނައުމުގެ ބިލު ފާސްކުރުމަށް ބޭއްވި މަޖިލިސްގެ 2020 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ 2 ވަނަ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް އައް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި، ރައްކާތެރިކަމެއް ނެތްކަމަށްބުނެ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ މިއަދާއި އިއްޔެގެވެސް މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސްގައ،ި އެ މަޖިލިސް ތަމްސީލުކުރާ ހުރިހާ ޕާޓީއެއްގެ މެމްބަރުންގެ ބައިވެރިވުން ދެވޭނެހެން މަޖިލީހުގެ އިންތިޒާމުތައް ހަމަޖައްސައި، މެމްބަރުންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށް ދިނުމަކީ ރައްޔިތުންގެ މަޖިލިސްގެ ރައީސަކަށް އެއިރަކު ހުންނަވާ ބޭފުޅެއްގެ ޒިންމާއެކެވެ.