ޗައިނާއަށް ދައްކަންޖެހޭ ދަރަނި އަދާ ކުރުމުގެ މުއްދަތު ފަސްކޮށްދިން 77 ގައުމު ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތައް ނުވަތަ ޖީ20 ޤައުމުތަކުން ލޯނު ދޫކޮށްފައިވާ 77 ޤައުމަކުން ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު ފަސްކޮށްދީފައިވާކަން މީގެ ކުރިންވެސް ވަނީ ހާމަކުރައްވާފައެވެ.

Ad
rt

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަން ލިޖޮންގްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަކަށް ފަހު ފޮރިން މިނިސްޓަރު ޢަބުދު ﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޑަކޮށް ތަރައްގީވެފައިވާ ޤައުމުތަކަށް އެހީވާން "ޖީ 20" އިން ފަށާފައިވާ ލޯނުތައް ދެއްކުން ފަސްކޮށްދިނުމުގެ މަސައްކަތުގައި، ޗައިނާއިން ލުއި ދޭ 77 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށެވެ.

އެހެންނަމަވެސް ލޯނުތައް ދެއްކުން ސަސްޕެންޑްކުރުމާ ގުޅޭ ތަފްސީލް އަދި ހާމަކުރައްވާފައެއް ނުވެއެވެ. ރާއްޖޭގައި ކުރިއަށްގެންދާ ބޮޑެތި މަޝްރޫއުތަކަށް މީގެ ކުރިންވެސް ވަނީ ޗައިނާއިން ލޯނު ނަގާފައެވެ.

ދުނިޔޭގެ ޚަބަރުތައް ބުނާގޮތުން ޖީ-20ގެ ޤައުމުތަކުން ފަސްކޮށްދީފައިވަނީ އެކި ޤައުމުތަކުން މިއަހަރުގެ ނިޔަލަށް ދައްކަންޖެހޭ ލޯނުތަކެވެ. އަދި ޖީ-20ގެ ގައުމުތަކުން ދިން ލުޔާއެކު 12 ބިލިއަނާއި 14 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގެ ލޯނު ފަސްވެގެންދާކަމަށް ޚަބަރުތައް ބުނެއެވެ.
ޖީ-20ގައި ހިމެނެނީ އިޤްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ 19 ޤައުމާއި ޔޫރަޕިއަން ޔޫނިއަންއެވެ.

ޗައިނާއިން ނަގާފައިވާ ދަރިނަތައް އަދާކުރުމުގެ މުއްދަތު ފަސްކޮށްދީފައިވާއިރު ކޯވިޑް-19 އާ ގުޅިގެން މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ދަރަނި 12 ބިލިޔަން ރުފިޔާއަށް އަރާނެކަމަށް މިހާރު ލަފާކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.