ކޯވިޑް-19 ގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާ ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލާއިރު، ހިންގާ ޚާއްސަ ޕްރޮމޯޝަނެއް ގޮތުގައި ފޭސްބުކް މެދުވެރިކޮށް ރާއްޖެ ދުނިޔެއަށް ދައްކާލުމުގެ ވަގުތު ކުޑަތަން ވެއްޖެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް، މޮންދު ޕްރޮޑަކްޝަން އަދި އޯކާ މީޑިއާ ގްރޫޕް ގުޅިގެން ބާއްވާ ފޭސްބުކް ލައިވް އިވެންޓެއް މިރޭ އޮންނަނީ 9:00 އިން 12:00 އަށެއެވެ.

Ad
rt

ރާއްޖޭގެ ހިތްގައިމު މަންޒަރުތައް، ވާޗުއަލްކޮށް، މުޅި ދުނިޔެއަށް ދައްކާލާ މި އިވެންޓްގައި އެމްއެމްޕީއާރުސީގެ ފަރާތުން ބެލުންތެރިންގެ ޝައުގުވެރިކަން ދެމެހެއްޓުމުގެ ގޮތުން ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްލުމުގެ ފުރުސަތު ލިބޭ ކުއިޒްއެއް ކުރިއަށް ގެންދާކަމަށްވެއެވެ. އަދި ގުރުއަތުން ހޮވޭ 30 ފަރާތްތަކަށް ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު އެމްއެމްޕީއާރުސީގެ ފަރާތުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ލައިވް އިވެންޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރާއްޖެއަށް ހެޔޮއެދޭ ފަރާތްތަކުން ދިވެހިރާއްޖެއަށް އޮތް ލޯބި ދައްކުވައިދިނުމުގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ފަރާތްތަކުން ބައިވެރިވެ، ރާއްޖެއާ ގުޅޭ އުންމީދުން ފުރިގެންވާ މެސެޖުތައް ގެނެސް ދޭނެއެވެ.

މީގެ އިތުރުން އަލުން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް މުޅި ރާއްޖެ ވަމުން އަންނަ ތައްޔާރީތައްވެސް ހާމަކުރެވިގެންދާނެއެވެ.

"މޯލްޑިވްސް: ދަ ސަން ވިލް ޝައިން އަގެއިން' ނަމުގައި ކުރިއަށް ގެންދާ ލައިވް އިވެންޓަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީއިން އިސްނަގައިގެން ބާއްވާ އިވެންޓެކެވެ.