ކޯވިޑް-19ގެ ސަބަބުން މިހާރު ރާއްޖޭގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ ހާލަތު ލުއިކުރުމުން 18 މަޝްރޫއެއްގެ މަސައްކަތް ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ކޯވީޑްގެ ހާލަތު މެދުވެރި ވެފައި ވިޔަސް މިދިޔަ ދުވަސްތަކުގައިވެސް ރާއްޖޭގެ 35 ރަށެށްގައި އެ ކުންފުނީގެ ފަރާތުން 42 މަޝްރޫއެއްގެ މަސައްކަތް އެއްވެސް މަޑުޖެހުމެއް ނެތި ކުރަމުންދިޔަ ކަމަށެވެ. އަދި ކޯވިޑް-19 އާއި ގުޅިގެން އައި ފުރަބަންދުގައިވެސް އެ ކުންފުނިން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓާފައި ނުވާނެ ކަމަށެވެ.
މީގެއިތުރުން ވޭތުވެދިޔަ ދެތިން މަސްދުވަހުގެ ތެރޭގައި އެމްޓީސީސީގެ މަޝްރޫތައް ކުރިޔަށް ދިޔަޔަސް، ދަތުރުފަތުރުތައް ހުއްޓުމުން ކުޑަ މަޑުޖެހުމެއް އައިކަމަށާއި ނަމަވެސް ރޭވުންތެރިކަމާއި އެކު އެ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ފަށާފައިވާ މަސައްކަތްތައް ނުހުއްޓި ކުރިޔަށް ދިޔަކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އެގޮތުން މިހާރު އެކުންފުނީގެ ވިސްނުންހުރީ ފުރަބަންދަށް ލުއި ލިބުނުހާ އަވަހަކަށް ރަށްރަށަށްގޮސް އެ ކުންފުންޏާއި ހަވާލުކުރެވިފައިވާ މަސައްކަތްތައް ވީހާވެސް އަަވަހަކަށް ނިންމުން ކަމަށެވެ.
އެމްޓީސީސީއިން ދަނީ އެކުންފުންޏާއި ހަވާލުވެފައިވާ ސަރުކާރުގެ ބޮޑެތި މަޝްރޫޢުތަކެއް ކާމިޔާބު ކަމާއިއެކު ނިންމަމުންނެވެ. އެކުންފުނިން ވަނީ ފާއިތުވި ތިން ދުވަހުގެ ތެރޭގައިވެސް 2 ބަނދަރެއްގެ އަމަލީ މަސައްކަތް ފަށާފައެވެ. އެ ދެ ބަނދަރަކީ ހދ. ހަނިމާދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުއާއި، ފ. ދަރަނބޫދޫ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢުއެވެ.
އެކުންފުނިން ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓާގައި 53 މަޝްރޫޢެއް ހިންގައި، ފުރަތަމަ ކުއަރޓަރުގައި ސާފު ފައިދާގެ ގޮތުގައި 62.3 މިލިއަން ރުފިޔާ ހޯދާފައެވެ. މިއީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރާއި އަޅާބަލާއިރު 310.54 އިންސައްތައިގެ އިތުރުވުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!