ކޯވިޑް19 އާއި ގުޅިގެން ލިބިދާނެ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ރައްޔިތުން މަޖިލިހީހުގެ ކަމާގުޅޭ ކޮމެޓީތަކުން މަޝްވަރާކޮށް ދިރާސާކުރުމަށްފަހު، އެކަމާއި ގުޅިގެން މެމްބަރުންނަށް ފާހަގަކުރެވުނު ކަންތައް އެކުލަވާލައި ތައްޔާރުކުރި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވާއިރު، އެ ރިޕޯޓުގެ ބޭނުމަކީ، ކޯވިޑް19 އާ ގުޅިގެން ދިވެހިރާއްޖެ މިހާރު އޮތް ޙާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރައްވަން ޤަސްދުކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ފެންނަ ލަފައެއް ސަރުކާރުގައި ދެންނެވުން ކަމަށް މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާ ފެއްޓުމުގެ ގޮތުން ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

Ad
rt

އެގޮތުން މި ރިޕޯޓުގައިވަނީ ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، ވަޒީފާ ގެއްލޭނެ ކަމަށް އަންދާޒާކުރެވޭ މިންވަރާއި އަދި ވަޒީފާ ގެއްލޭނެ ކަމަށް އަންދާޒާކުރެވޭ ފަރާތްތަކާއި، އެކަމުގެ ސަބަބުން ކުރިމަތިވާނެ އިތުރު އިޖްތިމާޢީ މައްސަލަތައްވެސް ހިމަނާފައެވެ.

މީގެއިތުރުން، މިވަގުތު ދިވެހިރާއްޖޭގެ މާލީ ހާލަތު އޮތް މިންވަރާއި، އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުގެ ތަފްޞީލާއި އެކު، ދައުލަތުގެ އާމްދަނީ އާއި، އާމްދަނީއަށް އަންނާނެ ބަދަލާއި ދައުލަތުގެ އާމްދަނީއަށް ވެގެންދާނެ ކަމަށް އަންދާޒާކުރެވޭ ގޮތްތަކާއި އެކަމުގެ ތަފުސީލު ހިމަނާފައެވެ.