ހދ. ނޭކުރަންދޫ ކަނޑޫފަލުގެ ހެކްޓަރަކަށް ވުރެ ބޮޑު ސަރަހައްދަކުން ކަނޑޫ ގަސްތައް އެއްކޮށް މަރުވެފައިވާއިރު، މިފަދައިން ނޭކުރަންދޫ ކަނޑޫފާ ހަލާކުވާންފެށީ އެތަން ހިމާޔަތް ކޮށް، އާދަކާދައިގެމަތިން އެތަނުގެ ބޭނުން ކުރުން ހުއްޓާލެވުނު ފަހުން ކަމަށް ކަލްޗްރަލް ހެރިޓޭޖްގެ މެނޭޖަރު އަދި ހދ. ވައިކަރަދޫ ކައުންސިލްއަށް އައްޔަންކުރި ކައުންސިލަރު އަހުމަދު ހާޝިމް (ޓިންޓިން) ވިދާޅުވެއްޖެއެވެ.

އޭޝިއާގައި އޮތް ތިންވަނައަށް އެންމެ ބޮޑު ކަނޑޫފާ ކަމަށްވާ ނޭކުރެންދޫ ކަނޑޫފަލުގެ ފޮޓޯތައް ހިމަނުއްވާ ޓިންޓިން ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައި ވާއިރު، ނޭކުރެންދޫގެ ފަޚުރު ކަމަށް އެ ރަށުގެ ރައްޔިތުން ބަލާ ކަނޑޫފާ ހަލާކުވެނެތިގެން ހިނގައިދާނެ ކަމަށް ވިދާޅުވެ ނޭކުރެންދޫ ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Ad
rt

މީގެ ކުރިން "ތިލަދުން" އަށް މައުލޫމާތު ދެމުން ކަނޑޫގަސްތައް މަރުވެގެން ދަނީ ފަންޏެއްގެ ޒަރީއާއިންކަމަށް ބެލެވޭކަމަށާއި، ނަމަވެސް އެކަން ކަށަވަރުކަމާއި އެކު ދަންނަވަން އެނގިލައްވާނީ ކަމާއިބެހޭ މާހިރުންގެ ބަހެއް ލިބިގެންކަމަށްވެސް ޒާހިރު ވަނީ ވިދާޅުވެފައެވެ.

ނޭކުރެންދޫ ކަނޑޫފާ އެދެވޭ ގޮތެއްގައި ހިމާޔަތް ކުރެވިފައިނުވާތީ ނޭކުރެންދޫ ހިމެނޭ މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާއީވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިދިޔަ މަހުގެ 5 ވަނަ ދުވަހު އޮތް މަޖިލިސް ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން ރާއީ ވިދާޅުވީ ނޭކުރެންދޫ ކަނޑޫފާ ކުޅި އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ ކުޅިކަމަށާއި މިނިސްޓަރުކަން ލިބިވަޑައިގަތުމުން ކުޅިއަށް އެރި ޕޮޓޯއެއް ނެގުން ފިޔަވައި އަދި އެއްވެސް ކަމެއް މިނިސްޓަރު ނުކުރައްވާކަމަށެވެ.

ނޭކުރެންދޫ އަށް ގެސްޓްހައުސްގެ ސިޔާސަތުގެދަށުން ފަތުރުވެރިކަން ގެނެސްދީ ގިނަ ވަޒީފާތައް އުފައްދައިދީ ކަނޑޫފާ ހިމާޔަތްކޮށް ފަތުރުވެރިން ބަލަން ބޭނުންވާ ތަނަކަށް ކަނޑޫފާ ހެދުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހުގެ ވައުދެކެވެ.

ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަހައްދު ހިމާޔަތްކުރަން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ނިންމަވައިފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައެވެ. ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ތަންފީޒުކުރާ ހިމާޔަތްކުރުމުގެ ޕްރޮގްރާމުގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައެޅި ވައުދެކެވެ.

ނޭކުރެންދޫ ބޮޑު ސަރަހައްދެއްގައި ކަނޑޫފާ ހެދިފައިވާއިރު އެއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 10 ވަނަގައިވާ ކަނޑޫފަލެވެ. މިރަށުގެ ކަނޑޫފަލުގައި ރާއްޖޭގެ އެހެން ރަށްރަށުން ނުފެންނަ ގިނަ ވައްތަރުގެ ގަސްތައް ހުރެއެވެ. ޚާއްޞަކޮށް ބޭސްވެރިކަމުގައި ބޭނުންކުރެވޭ ގިނަ ވައްތަރުތަކުގެ ގަސްތައް މިރަށުގެ ކަނޑޫފާގައި ހުރެއެވެ.