ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑުއިއްވަން ހުރަހެއް އޮވެގެން ވާނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ރާއީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑުއިއްވަން ހުރަހެއް އޮންނަން ޖެހޭނެ ކަމަށް ނުފެންނަ ކަމަށެވެ.
ރާއީ މިހެން ވިދާޅުވީ ސިއްޙީ ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފަވަނިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ނުވަތަ ފުލުހުންގެ ހުއްދަނެތި މިއަދު މަޖިލިސް ޖަލްސާ ބޭއްވުމާއި މެދު ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރަށްވާފައި ވަނިކޮށެވެ. ނަމަވެސް ފުލުހުން މިހާރުވަނީ ޖަލްސާ އަށް ވަޑައިގެއްނެވުމަށް ހުއްދަދިނުމަށް މަޖިލީހުން އެދިލަށްވާފައިވާ މެމްބަރުއްނާއި އިދާރީ މުވައްޒަފުއްނަށް ފުލުހުން ހުއްދަ ދެމުން ގެންދަވާ ކަމަށް ވިދާޅުވެފައިއެވެ.
ރާއީގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަޠީފް ވިދާޅުވެފައި ވަނީ މަޖިލިސް ބާއްވާނެތަނާއި ވަގުތު ކަނޑައަޅާނީ މަޖިލިސް އިދާރާއިން ކަމަށާއި، މެމްބަރަކު މަސްއޫލިއްޔަތު އަދާކުރުމަށް ހުރަހެއްނެތި މަޖިލިސްއަށް އައުމާއި ދިއުމުގެ ހައްޤު 5/2013 އިމްތިޔާޒު ޤާނޫނުގެ 3 ވަނަ މާއްދާގެ ށ އިން މެމްބަރުނަށް ކަށަވަރު ކޮށްދީފައި ވާކަމަށެވެ.
މަޖިލީހުގެ ޖަލްސާއެއް މިއަދު ތަޅުމުގައި ބޭއްވުމަށް މަޖިލީހުގެ ރައީސް ފުރަތަމަ ނިންމަވާފައި ވަނީ އެޗްޕީއޭގެ ހުއްދަ ހޯދުމަކާއި ނުލައެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ރޭ ވިދާޅުވީ ފުރަބަންދުގެ ހާލަތާއި މެދު ގޮތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ މާލަމުގައި ޖަލްސާތައް ނުބާއްވައި އިތުރަށް މަޑުކުރަން އުނދަގޫ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވައިފި ކަމަށެވެ.
ޖަލްސާ ތަޅުމުގައި ބާއްވަން ނިންމައި، މަޖިލީހުން ވަނީ ރައްޔިތުންގެ މަޖިލިސް ޖަލްސާތަކުގެ އެތެރޭގެ އިންތިޒާމުތައްވެސް ހާމަ ކޮށްފައެވެ. މިގޮތުން މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެމްބަރުން ކަމަށާއި، އެ މެމްބަރުން ތިއްބަވާނީ އެޗްޕީއޭއިން އަންގަވާފައިވާ ދުރުމިނުގައި ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ. އަދި މަޖިލިސް މެމްބަރުންނާއި، މުވައްޒަފުން މާސްކު އަޅައިގެން ތިބޭ ގޮތަށް ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!